"އެމީހެއްގެ ދީން އެމީހަކަށް" ކަމަށް އޮންނަ ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟
ކިޔުންތެރިޔާ ތިއަފާހަގަކުރައްވާ މައްސަލަ އާއި މައްސަލައިގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
ކީރިތި ޤުރްއާނުގައި:
لَكُمْ دِينُكُمْ وَلِيَ دِينِ
"ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ!" (އަލްކާފިރޫން: 6)
ވަޙީކުރައްވަވާފައިވަނީ މުސްލިމުން ކާފިރުވެ އެމީހަކު ބޭނުންވާ ދީނަކަށް އުޅުމަށް ހުއްދަކުރާކަށް ނޫނެވެ! އެ ވަޙީބަސްފުޅުގެ މާނައަކީ ކާފިރުން ބޭނުންނަމަ ކާފިރުންގެ ގޮތުގައި ތިބުމަށެވެ. މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބުމެވެ.
މުސްލިމަކު ދީން ދޫކޮށްލައިފިނަމަ އޮތީ ތައުބާ ލައިދިނުމެވެ. އޭނާ އެކަން ޤަބޫލުކޮށްފިނަމަ މީސްތަކުން އޭނާ އާއިމެދު އިތުރަށް އެކަމުގެ ވާހަކަ ދެއްކުމެއްނެތެވެ. އެކަން ޤަބޫލުނުކޮށްފިނަމަ އޮތީ ﷲ ތަޢާލާގެ ޙުކުމްފުޅު ޤާއިމިކުރުމެވެ.
ކަންމިހެން އޮތްއިރު ކީރިތި ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް މާނަކޮށް މީސްތަކުންނަށް އޮޅުވާލައި، އިސްލާމް ދީން ދޫކުރަން ހިތްވަރުދިނުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ. އަދި ކޮންމެ މީހަކު ކުރިނަމަވެސް އެކަން ވާނީ މީހަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާ ކަމަށް ނޫނީ ނުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން