ތިމާއަށް މަތީ މަޤާމެއް، ތަނަވަސްކަމެއް ލިބުމުން އަނބިން ނިކަމެތިކުރާ މީހުންނަށް އެމީހުންގެ މަތިވެރިކަން ރަސޫލާ ޞޢވ އަށްވުރެ މަތިކަމަށް ހީކުރެވެނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ތިމާއަށް މަތީ މަޤާމެއް، ތަނަވަސްކަމެއް ލިބުމުން އަނބިން ނިކަމެތިކުރާ މީހުންނަށް އެމީހުންގެ  މަތިވެރިކަން ރަސޫލާ ޞޢވ އަށްވުރެ މަތިކަމަށް ހީކުރެވެނީހެއްޔެވެ؟

މީސްތަކުންނޭވެ! އެނގި ތިބެގެން ނަމަވެސް ނުއެނގިތިބެ ނަމަވެސް ޤަޞްދުގައި ނަމަވެސް ޤަޞްދުގައި ނޫން ނަމަވެސް ބައެއް ފިރިހެނުންނަށް އަނބިންގެ ދަރަޖަ އާއި މަޤާމް އެބަ އޮޅެއެވެ.

ވަކިމިންވަރަށް ޢިލްމް އެނގިއްޖެނަމަ، މަތީ މަޤާމެއް ލިބިއްޖެނަމަ ނުވަތަ ފައިސާވެރިވުން ފަދަ ރަޙްމަތެއް ލައްވަވައިފިނަމަ އަހަރެމެންގެ ތެރެއިން ބައެއް ފިރިހެނުންނަށް އެމީހުންގެ އަނބިންނަކީ މާދަށުދަރަޖައިގެ ބައެއް ކަމަށް އެބަ ހީކުރެވެއެވެ. ހަރުކަށި ބަސްބުނެ އަދި ހަރުކަށި ޢަމަލުތައްވެސް ކުރެއެވެ. 

އެފަދަ މީހުންނަށް ހަނދާންނެތިފައި އޮންނަ ޙަދީޘްފުޅެއް އެބަ އޮތެވެ. އެއީ އެންމެ ހެޔޮކަން ބޮޑު މީހަކީ އޭނާގެ އަނބިންނަށް / ޢާއިލާއަށް އެންމެ ހެޔޮކަންބޮޑު މީހާ ކަމަށް އޮތް ޙަދީޘްފުޅެވެ.  

އަދި ދުނިޔެއަށް ﷲ ތަޢާލާ ފޮނުއްވެވި އެންމެ މާތް، އެންމެ މަތިވެރި އިންސާނާ މީސްތަކުންނަށް އަނގަވައިދެއްވެވި އަންގަވައިދެއްވެވުމެވެ. "ތިއަބައިމީހުންގެ ތެރެއިން ތިމަން ކަލޭގެފާނު ގެ އަނބިންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނު" ކަމަށް ކުރެއްވެވި ޙަދީޘްފުޅެވެ.  

حَدَّثَنَا أَبُو بِشْرٍ، بَكْرُ بْنُ خَلَفٍ وَمُحَمَّدُ بْنُ يَحْيَى قَالاَ حَدَّثَنَا أَبُو عَاصِمٍ، عَنْ جَعْفَرِ بْنِ يَحْيَى بْنِ ثَوْبَانَ، عَنْ عَمِّهِ، عُمَارَةَ بْنِ ثَوْبَانَ عَنْ عَطَاءٍ، عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ 

" خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي " . 

It was narrated from Ibn 'Abbas that:

the Prophet said: "The best of you is the one who is best to his wife, and I am the best of you to my wives." 

އިބްން މާޖާ: 1977 

މިހެން މި ޙަދީޘްފުޅު އޮއްވައި ބައެއް ފިރިހެނުން އެމީހުންނަކީ މާމަތިވެރި ބައެއް ކަމަށް ޤަބޫލުކުރެވިގެން އަނބިން ނިކަމެތިކުރަނީ އެމީހުންނަށް ކޮން މަތިވެރިކަމެއް ލިބިގެން ހެއްޔެވެ؟ ރަސޫލް އަށްވުރެ އެމީހުންގެ ދަރަޖަ މަތިވެރިކަމަށް ވިސްނެނީހެއްޔެވެ؟ ސުބްޙާނަﷲ! ﷲއަކްބަރު! 

ވިސްނުން މުޅިން ބަދަލުކުރާށެވެ! ޢިލްމުވެރިކަމެއް، މަތީ ދަރަޖައެއް، ފައިސާވެރިކަމެއް ލިބިއްޖެނަމަ އެ ނިޢްމަތް އެދެއްވެވީ އަނބިމީހާ އާއި ދެމީހުން ދަރިންނާއި މައިންބަފައިން ގޮވައިގެން އުފަލުގައި ދިރިއުޅެންކަމަށް ޤަބޫލުކުރާށެވެ! އެއ އެއްވެސް ޙާލެއްގައި އަނބިމީހާ ނިކަމެތިކުރަން ހުއްދައެއް ކަމަށް ނުދެކޭށެވެ! އެއިރުން ތިމާއަށް އެކުރެވޭ ކަމަކީ ނިޢްމަތް ދެއްވެވި ﷲ ތަޢާލާގެ އެންގެވުން ޤަބޫލުނުކުރެވުމެވެ. އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެ ކަމެކެވެ. ބިރުވެތިވާށެވެ! އެއިރުން ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން