ﷲ ތަޢާލާ ހަމައެކަކުވެސް ނަރަކައަށް ނުވައްދަވާ! މާނަ އޮޅުވާނުލާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ﷲ ތަޢާލާ ހަމައެކަކުވެސް ނަރަކައަށް ނުވައްދަވާ! މާނަ އޮޅުވާނުލާ!: މުފްތީ މެންކް

ބައެއް މީހުން ކުރާ ސުވާލެކެވެ. ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ، މީސްތަކުންނަށް އެންމެ ބޮޑަށް ރަޙުމްކުރައްވަވާ، އެންމެ އޯގާތެރިވަންތަ ކަލާނގެ ކަމުގައިވާއިރު ނަރަކަ އުފައްދަވައި މީސްތަކުން ނަރަކައަށް ލައްވަވަނީ ކީއްވެގެންހެއްޔެވެ؟ 

އެމީހުންނާއި އަހުރެންވެސް ސުވާލެއް ކުރަން ބޭނުންވެއެވެ. ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އަދި ޤާނޫނުގެ ބާރު އެންމެ ފުރިހަމައަށް ހިންގާ ޤައުމުތަކުގެ ޖަލުތަކުގައި އެހައިގިނަ ބައަކަށް  ތިބެންޖެހެނީ ކީއްވެގެން ހެއްޔެވެ؟ ރަނގަޅަށް ބަލާށެވެ! ޖަލުގައި ތިބެންޖެހޭ މީހުން އެންމެ ގިނަވާނީ އެންމެ ކުރިއަރާފައިވާ އަދި އެންމެ ފުރިހަމައަށް ޤާނޫނުތައް ތަންފީޒުކުރާ ޤައުމުތަކުގައެވެ. 

ނިކަން ބުނެބަލާށެވެ! އެއީ އެޤައުމުގެ ވެރިޔާގެ މައްސަލައެއް ހެއްޔެވެ؟ ނޫންނަމަ ރައްޔިތުންގެ މައްސަލައެއް ހެއްޔެވެ؟ ވެރިމީހާގެ މައްސަލައަކަށްވާނީ ކުށްކުރާ މީހުންނަށް އަދަބުނުދޭނަމަ ނޫންހެއްޔެވެ؟ 

ޤިޔާމަތް ދުވަހުގެ ކަންކަމާއި ދުނިޔަވީ ކަންކަމާއި އަޅުވައި ނުވެސް ކިޔޭނެއެވެ. މިއީ ހަމައެކަނި ބުނެލި މިޘާލެކެވެ. 

މިމިޘާލާއިއެކުގައިވެސް އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ދުނިޔޭގައި މައްސަލަތައް ބަލަނީވެސް އަދި ޙުކުމްކުރަން ތިބޭ ފަނޑިޔާރުންކަމަށްވުމުން މައްސަލަތައް ބަލައި ޙުކުމްކުރެވެނީ ބޭރުފުށުން ފެންނަ ކަންކަމަށެވެ. ލިބޭ ހެކިތަކަށެވެ. ވީމާ އެއްވެސް ކުށެއް ނުކުރާ މީހަކަށްވެސް އަދަބުލިބިދާނެއެވެ. އަދަބު ލިބެންވެސް ލިބެއެވެ. 

ދެން ބަލައިލަންވީ ޤިޔާމަތް ދުވަހަށެވެ. އެދުވަހު އެއްވެސް މީހަކަށް ޛައްރެއްގެ މިންވަރުންވެސް ބޭއިންޞާފެއް ނުކުރައްވަވާނެތެވެ. މީހާގެ ކުށް ޘާބިތުކުރަން އެހެން އެއްވެސް މީހެއްގެ ހެކިބަހެއް ބޭނުމެއް ނުވާނެތެވެ. މީހާގެ ގުނަވަންތައް ހެކިދޭނެތެވެ. އަދި އެއިގެ އިތުރުން ކޮންމެ މީހަކުވެސް ކުރި ހުރިހާ ކަންކަން ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާނެތެވެ. 

ވީމާ ދުނިޔޭގެ ޖަލުތަކުގައި ކުށްނުކުރާ މީހުންނަށް ތިބެންޖެހުނަސް ނަރަކައިގައި ތިބޭނީ ފާފަތައް ކުރި މީހުންނެވެ. އެއިގެ އިތުރުން ފާފަތައްކޮށްފައި ތައުބާ ނުވި މީހުންނެވެ. އެމީހުން ނަރަކައަށް ވަންނާނީވެސް އެމީހުންނަށް ނަރަކަ ޙައްޤުވާކަމަށް އިޢްތިރާފްވާ ޙާލުގައެވެ. ވީމާ އެއްވެސް މީހަކަށް ﷲ ތަޢާލާ ޢަޛާބް ދެއްވަވަނީއެއް ނޫނެވެ. އެމީހަކު އަމިއްލައަށް ލިބިގަންނަނީއެވެ! 

ދެން ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ އެއްވެސް މީހަކު ނަރަކައަށް ވައްދަވަނީކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ސައްތައިން ސައްތަ ކުށް ޢިބާރާތެކެވެ! 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން