ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ- 3: އިރުމައްޗަށް ކުރެއްވެވި ދަތުރުފުޅު

ކިޔުމަށް ހޭދަވާނީ 9މ 3ސ
ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ- 3: އިރުމައްޗަށް ކުރެއްވެވި ދަތުރުފުޅު

ޢަލީ އިޙްޞާން ފިރާޤް 

އިރުމައްޗަށް ކުރެއްވެވި ދަތުރުފުޅު: 

ދެން އެއަށްފަހު، ޛުލްޤަރުނައިން ދަތުރުފުޅު ކުރައްވަމުން އިރުމައްޗާ ދިމާއިން ކުރިއަށް ވަޑައިގެންނެވިއެވެ. އޭނާއަށް އެތަނުން ފެނިޑައިގެންނެވި މީސްތަކުންނަކީ އެބައިމީހުންނަށް އަރައިގެން އަންނަ އިރުގެ ގަދަ ހޫނުން ނިވާކުރާނެ ފަދައެއް، ގޮތެއް ނެތްބައެކެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ކަހުފު ސޫރަތުގެ 89 ވަނަ އާޔަތުން 91 ވަނަ އާޔަތުގެ ނިޔަލަށް މާތް ވަޙީ ކުރައްވައިފައިވެއެވެ.

ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾ حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾ كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴿٩١

މާނައީ: [ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ. އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قوم އެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ. ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން، އޭނާގެ ކިބައިގައިވާހާ ކަމެއްގެ خبر، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ].

ޤަތާދާ ވިދާޅުވެފައިވެއެވެ. [އެ ޤައުމުގެ މީސްތަކުން ދިރިއުޅެމުން ގެންދިޔައީ އެއްވެސް ގަހެއް ހެދޭ ބިމެއްގައެއް ނޫނެވެ. އިރު އަރައި ހޫނުވުމުން އެބައިމީހުން ބިންގަރާސްތަކަށްވަދެ، އެތަނުން ރައްކާތެރިކަން ހޯދައެވެ. އިރު މެންދުރުން ލަނބާލާ ފިނިޖެހުމުން ބިންގަރާސްތަކުން ނުކުމެ، ދިރިއުޅުމާއިގެން ކުރިއަށްދެއެވެ.]  {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 208}

ދެފަރުބަދަ ދޭތެރޭ މީހުން: 

މިދެންނެވި ޤައުމުގެ މީސްތަކުންނާއި ބައްދަލު ކުރައްވައި ނިމިވަޑައިގެން އަނެއްކާވެސް ޛުލްޤަރުނައިން ރަސްގެފާނު ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވިއެވެ. ދެން އޭނާއާ ބައްދަލުވެވަޑައިގެންނެވީ ދެފަރުބަދައެއްގެ ދެމެދުގައި އުޅުމުން ގެންދިޔަ ބަޔަކާއެވެ. އެބައިމީހުން، ޛުލްޤަރުނައިން ރަސްގެފާނަށް އެބައިމީހުންގެ ވާހަކަތައް ދެންނެވީ ވަރަށް އުނގަގުލާއި ތުރާތައް އުފުލައިގެންނެވެ. ސަބަބަކީ އެބައިމީހުން ވާހަކަ ދައްކާ ބަހުރުވަ ތަފާތު ކަމުންނެވެ. މި ވާހަކަތަކަށް އިޝާރާތް ކުރައްވައި ކަހުފު ސޫރަތުގެ 92 އަދި 93 މާތް ވަޙީ ކުރައްވައިފައިވެއެވެ.

ثُمَّ أَتْبَعَ سَبَبًا ﴿٩٢﴾ حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ﴿٩٣

މާނައީ: [ދެން އޭނާ، އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ. ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ.

މިދެންނެވި ދެ އާޔަތުންކުރެ ކުރިއަށް އޮތް އާޔަތުގައިވާ [އެއްވެސް ބަހެއް އުނދަގުލަކާއި ލައިގެންމެނުވީ އެނގުމަކާއި ގާތްވެސް ނުކުރެއޭ] އޮތް ބަސްފުޅުގެ މުރާދަކީ، އެބައިމީހުން އެއްވެސް ބޭރު ބަހެއް ނުދަންނަކަމެވެ. ބޭރު ބަހަކުން ވާހަކަ ދައްކަން ނޭނގޭ ކަމެވެ. ޛުލްޤަރުނައިން ރަސްގެފާނު އެބައިމީހުންގެ ބަސްދެނެވަޑައި ނުގަންނަވާ ކަމެވެ. އެހެންކަމަށް މައުދޫދީ ލިޔުއްވައިފައިވެއެވެ.

ދެފަރުބަދައިގެ ދޭތެރޭގައި ދިރިއުޅެމުން ގެންދިޔަ ބާގައިގެ މީސަތަކުންނަކީ، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުންގެ ފަރާތުން  އަނިޔާ ލިބެމުން ދިޔަބައެކެވެ. އެހެންކަމުން އެބައިމީހުން ޛުލްޤަރުނައިން ރަސްގެފާނުގެ އަރިހުން އެދިވަޑައިގެންނެވީ އެދެފަރުބަދައިގެ ދެމެދުގައި ހުރަހެއް ލައްވައިދެއްވައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުންގެ އަނިޔާވެރިކަމުން  އެބައިމީހުން ސަލާމަތް ކޮށްދެއްވުމަށެވެ. މިވާހަކަ ކަހުފު ސޫރަތުގެ 94 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންވާ ޢިބާރާތުންނެވެ.

قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴿٩٤

މާނައީ: [އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އެވެ! ހަމަކަށަވަރުން، يأجوج مأجوج ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟] 

އެބައިމީހުން އެހެންދެންނެވުމުން ޛުލްޤަރުނައިން ރަސްގެފާނު ވިދާޅުވިއެވެ. [ރަސްކަލެއްގެ ޙައިޘިއްޔަތުން ދުޝްމިނުންގެ ފަރާތުން ތިޔަބައިމީހުން  ރައްކާތެރި ކުރެއްވުމަކީ އަހަރެންގެ މަސްޢޫލިއްޔަތެކެވެ. އެހެންކަމުން ތިޔަބައިމީހުންގެ އަތުން އެކަމަށްޓަކައި އިތުރު ޖިޒީއަކާއި ޓެކްސްތަކެއް ނެގުމަކީ ޖާޢިޒުކަމެއްނޫނެވެ.] ދެން އޭނާ އެދިވަޑައިގަތީ އެކަންތައް ކުރުމަށް އެބައިމީހުން އޭނާއާ އެހީތެރިވުމަށެވެ. އަލްކަހުފުސޫރަތުގެ 95 ވަނަ އާޔަތުގައި މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥

މާނައީ: [އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.]  

ދެން ޛުލްޤަރުނައިން ރަސްގެފާނު އެބައިމީހުންނަށް އަމުރުކުރެއްވީ އެދެފަރުބަދައިގެ ދެމެދުގައި އޮތް ހުސްތަނަށް ދަގަނޑުތަކެއް ގެނެސް އެތަން ބެދޭވަރަށް އެޅުމަށެވެ. އަދި އަލިފާން ޖަހައިގެން އެތަކެތި ވިރުވުމަށެވެ. އެއަށްފަހު އެތަކެތީގެ މައްޗަށް ވިރުވައިފައިވާ ރަންވަންލޮއިއެޅުމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި އަލްކަހުފުސޫރަތުގެ 96 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦ 

މާނައީ: [ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.]

ދެން މިގޮތުގެ މަތީން އެބައިމީހުންނާއި ޔައުޖޫޖު މައުޖު ބާގައިގެ މީސްތަކުންގެ ދެމެދުގައި ފާރެއްލައްވައި ފުރިހަމަ ކުރެއްވިއެވެ. ދެން އޭގެފަހުން ޖައުޖޫޖު މައުޖޫޖު ބާގައިގެމީހުންގެ އުނދަގުލުން އެބައިމީހުން ސަލާމަތްވެއްޖެއެވެ. މިކަމަށް އިޝާރާތް ކުރައްވައި އަލްކަހުފުސޫރަތުގެ 97 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا ﴿٩٧

މާނައީ: [ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ.]

ކީރިތި ޤުރްއާނުގައި ޛުލްޤަރުނައިން ރަސްގެފާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދެންނެވި ފަދައިންނެވެ. އޭގެ އިތުރު ތަފްޞީލެއް ބަޔާން ކުރައްވައިފައެއްނެތެވެ. 

މިއަދު އޮންލައިން