ޢުމްރާވުމަށް ދާ މީހުން ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޢުމްރާވުމަށް ދާ މީހުން ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް ފަރީދު

ޢުމްރާވުމުގެ ރުކުންތަކަކީ އެހައި ގިނަ ކަންކަމެއް ނޫނެވެ. ރުކުންތައް ސުންނަތުގައިވާ ގޮތަށް އަދާކޮށްލުމުން ނިމުނީއެވެ. ޠަވާފްކުރުމާއި ސަޢުޔު ކުރުމުގައި ދުޢާކުރަން ސުންނަތުން ޘާބިތުވާ މަޤާމްތަކުގައި އެކަމަށް އޮންނަ ދުޢާކުރާށެވެ. 

އެއަށްފަހު ޠަވާފްކުރުމުގައިވެސް އަދި ސަޢުޔްކުރުމުގައިވެސް ދެން ލިބޭ ވަޤުތުތަކުގައި އެމީހަކު ބޭނުން ދުޢާއެއް ކުރާށެވެ. ސަފާ، މަރުވާ އާ ދެމެދުގަ ހިނގާއިރުވެސް ވަޤުތު ބޭކާރުނުކުރާށެވެ. ދުޢާކުރުންމަތީގައި ތިބޭށެވެ. 

ދުޢާކުރަން ބޭނުން ވަކި ޚާއްޞަކަމެއް އޮތްނަމަ އެކަމަކަށް އެދި ދިވެހިބަހުންވެސް ދުޢާކުރެވޭނެއެވެ. އެހެން ނޫނީ ރަނގަޅީ ޤުރްއާނާއި ސުންނަތުން ޘާބިތުވާ ދުޢާތައް ކުރުމެވެ. އެދުޢާތަކަކީ އެންމެ ފުރިހަމަ ދުޢާތައް ކަމުގައިވާތީއެވެ. 

މުޅި ދަތުރުގައިވެސް، ވަކިން ޚާއްޞަކޮށް އަޅުކަމުގައި އުޅޭއިރު ބޭކާރު ވާހަކަތައް ދައްކައިގެން ނުވާނެއެވެ. ދަތުރުގައި ލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. އެދުވަސްކޮޅުގެ ބޭނުން އެންމެ ފައިޑާހުރި ގޮތުގައި ހިފަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ.

މައްކާގެ އިތުރުން މަދީނާ ދަތުރުގައިވެސް އަދި އެހެން ދަތުރުތަކުގައިވެސް ތަކްލީފްތައް އުފުލަންޖެހޭނެއެވެ. ހިތްނޭދޭ އެތައް ކަމެއް ކުރިމަތިވާނެއެވެ. ދޮރަކުން ވަންނަންދާއިރަށް އެދޮރުން ނުވަދެވޭނެ ކަމަށްވެސް ބުނެފާނެއެވެ. ރުޅިނައިސް ވަދެވެން އޮތް ދޮރަކުން ވަންނާށެވެ. އެމީހާ ބުނިބުނުން ކުށްވެރިކުރަން ވަޤުތުތައް ބޭކާރުކޮށްނުލާށެވެ! ކުރިން ބުނިފަދައިން ތިމާ މިއުޅެނީ އެންމެ ބޮޑު އަޅުކަންކުރަންކަމާއި އެއަޅުކަން މިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތާއި ޘަވާބަށް އެދިގެންކަން ހިތުގައި އަބަދުވެސް ބާއްވާށެވެ. އެއިރުން ކުރިމަތިވާ އެއްވެސް ކަމަކީ ބޮޑު ކަމަކަށް ނުވާނެއެވެ. އިން ޝާ ﷲ

- އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށްދާ 2 ގްރޫޕުގެ މީހުންނަށް ޝައިޚް އިބްރާހީމް ފަރީދު އަހްމަދު ދެއްވި ނަޞޭޙަތުން

 

މިއަދު އޮންލައިން