ކުރެވުނު ކުށަކާއި ގުޅިގެން އަނބިމީހާ ވަރިއަށް އެދޭނަމަ ހިފަހައްޓަންވާނީ ކުށް އިޞްލާޙްކޮށް އެކުގަ ދިރިއުޅުމުގެ ނިޔަތް އޮތްނަމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރެވުނު ކުށަކާއި ގުޅިގެން އަނބިމީހާ ވަރިއަށް އެދޭނަމަ ހިފަހައްޓަންވާނީ ކުށް އިޞްލާޙްކޮށް އެކުގަ ދިރިއުޅުމުގެ ނިޔަތް އޮތްނަމަ-

ޒަވާޖީ ޙަޔާތުގައި މައްސަލަތައް ޖެހެމުންދާނަމަ ވަރިވާން ގިނައިން އެނދެނީ އަނބިންކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންވެ އެއީ ކީއްވެގެންތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އެސުވާލަށް ޖަވާބެއް ހޯދަން އަހުރެން މަސައްކަތްކުރީމެވެ. 

އަހުރެން ކުރި މަސައްކަތުން އެނގުނު ކަމަކީ ގިނަ އަންހެނުން ފުރަތަމަ ވަރީގެ ވާހަކަ ދައްކަނީ ނުވަތަ ވަރިއަށް އެދެނީ ވަރިވާން ބޭނުންވެގެން ނޫންކަމެވެ. ވަރިއަށް އެދެނީ ފިރިމީހާ ޢަމަލުކުރާ ގޮތެއް ބަލައިލަން ކަމެވެ. 

ވަރިއަށް އެދޭއިރަށް ވަރިކުރުމުން އަންގައިދެނީ ވަރިކުރަން ބޭނުންވެގެން ފިރިމީހާ ހުރިކަމެވެ. ނޫންނަމަ އެދޭއިރަށް ވަރިއެއް ނުކުރާނެއެވެ. މައްސަލަ ޙައްލުކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރާނެއެވެ. 

އެގޮތަށް ފިރިމީހާ މަސައްކަތްކުރުމުން އަނބިމީހާއަށް އޭނާ ދެކެ ފިރިމީހާ ލޯބިވާކަމުގެ ޔަޤީންކަން ބޮޑުވެގެންދާނެއެވެ. ފިރިމީހާއަށް ކުށެއް ކުރެވިފައިވީނަމަވެސް މާފުކުރަންވެސް ފަސޭހަވެގެންދާނެއެވެ. 

ދެން ފިރިންނަށް ބުނެލަން އޮތީ ފިރިމީހާއަށް ކުރެވުނު ކުށަކާއި ގުޅިގެން އަނބިމީހާ ވަރިއަށް އެދިއްޖެނަމަ ވަރިނުކޮށް ހިފަހައްޓަންވާނީ ކުރެވުނު ކުށް ޤަބޫލުކޮށް އެކުށް ތަކުރާރުނުކުރުމުގެ ނިޔަތް އޮތްނަމައެވެ. އެހެން ނޫންނަމަ ހިފަހައްޓަން މަސައްކަތް ނުކުރާށެވެ. އެއިރުން ވާނީ އަނބިމީހާއަށް ދެވޭ އިތުރު އަނިޔާއަކަށެވެ. 

- މިއީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން އެހީތެރިވެދޭ މީހަކު ބުނެފައިވާ ވާހަކައެކެވެ. 

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން