އަންހެނުންގެ ބޮލުގަ ޒިނޭގެ ތުހުމަތު އެޅުވުން- ނުރައްކާތެރިކަންބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އަންހެނުންގެ ބޮލުގަ ޒިނޭގެ ތުހުމަތު އެޅުވުން- ނުރައްކާތެރިކަންބޮޑު ކަމެއް!

އަޅުގަނޑު ފިރިމީހާ ޢާއި ވަކިވީ އޭނާ ގާތު ނަމާދުކުރަން ބުނެބުނެވެސް ނަމާދުނުކުރުމުންނެވެ. ބުނަނީ އެއީ އޭނާގެ މިނިވަންކަން ކަމަށާއި އެއީ އަނބިމީހާ ބެހެންޖެހޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެކަން އެގޮތަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

އަޅުގަނޑަކީ ދީނުގެ ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އަޅައިފުންކަން އެނގެއެވެ. ވަކިވީ އެފަދަ މީހަކު ދިރިއުޅެގެން އަޅުގަނޑަށްވެސް އާޚިރަތް ގެއްލިޑާނެ ކަމުގެ ބިރު އޮތުމުންނެވެ.

މިހާރު އޭނާ އެކުވެރިންގެ ގާތުގައި ބުނަނީ އަޅުގަނޑަކީ ޒިނޭކުރާ މީހެއްކަމަށެވެ. ނަމަވެސް އަޅުގަނޑު ދުވަހަކުވެސް އެފަދަ ފާފައެއް ނުކުރަމެވެ. އިން ޝާ ﷲ ނުވެސް ކުރާނަމެވެ.

އަޅުގަނޑުގެ ސުވާލަކީ އެފަދަ ދޮގުއިލްޒާމްތައް އެޅުވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ކިޔުންތެރިޔާގެ ތިއަ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ

"އަޅުގަނޑަކީ ކައިވެންޏަށް 4 ވަނަ އަހަރު ފިރިމީހާ އާއިއެކު ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނިގެން އަމިއްލައަށް ކޯޓަށް ގޮސް ވަރިވެގެން ހުރި އަންހެނަކީމެވެ. އަޅުގަނޑު ބަދުނާމުކޮށް ފަޟީޙަތްކުރުމަށްޓަކައި ފިރިމީހާ މިހާރު ވާހަކަ ފަތުރަނީ އަޅުގަނޑު ހިލޭ ފިރިހެނަކާއިއެކު ނިދާކަމަށް ބުނެއެވެ.

ނަމަވެސް އަޅުގަނޑުގެ މުޅި އުމުރުގައިވެސް މިއަދާއި ހަމައަށްވެސް ކައިވެނިކޮށްގެންހުރި އިރު ފިރިމީހާ އާއި އެކުގައި ނޫން ގޮތަކަށް އެއްވެސް ފިރިހެނަކާއިއެކު ނިދާފައެއް ނުވާނެއެވެ. އަދި ބަދްއަޚްލާޤީ އެއްވެސް ޢަމަލެއް ދުވަހަކުވެސް ކޮށްފައެއް ނުވާނެއެވެ. އެކަމަށް ﷲ ގަންދީ ހުވާކުރަން މިހުރީ ތައްޔާރަށެވެ.

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު ޒިނޭކުރާކަން ދޭހަވާ ގޮތަށް އޭނާ އެފަތުރާ ދޮގުވާހަކަތަކަށް އިސްލާމް ދީނުގައި އޮތް ޙުކުމަކީ ކޮބައިތޯއެވެ؟ އަންހެނުންނަކީ ނިކަމެތިބައަކަށްވުމުން ބޭނުންހާ ވާހަކައެއް ދައްކައި ފަޟީޙަތްކުރުން ދީނުގައި ހުއްދަތޯއެވެ؟"

ކިޔުންތެރިޔާގެ ކަންބޮޑުވުމާއި ގުޅިގެން ދަންނަވާލަން އޮތް ފުރަތަމަ ކަމަކީ އަންހެނުންނަކީ ނިކަމެތިބައެއް ނޫން ކަމެވެ. އިސްލާމް ދީނުގައި ދެޖިންސަށް ބައެއް ކަންކަމުގައި ޙުކުމްތައް ތަފާތުވެފައި އޮތުމަކީ އެއްޖިންސް، އަނެއް ޖިންސުގެ މައްޗަށް މަތިވެރިވުމެއް ނޫނެވެ.

ދެވަނައަށް ދަންނަވާލަން ޖެހެނީ ނުސީދާ ގޮތެއްގައިވެސް ޒިނޭކުރާކަމުގެ ތުހުމަތު އެޅުވުމަީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެއް ކަމަށެވެ. އެފަދަ ބަސްބުނާއިރު މިއާޔަތަށް ބިރުވެތިވާންވާނެއެވެ.

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލް ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ."

"އެއަށްފަހު ތައުބާވެ (ޢަމަލުތައް) އިޞްލާޙްކޮށްފިމީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

--މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް (މިއީ ވަރަށް ގިނައިން ޝަކުވާތައް ލިބޭ މައްސަލައެކެވެ. ހަމަ މިމޭރުމުން ދެވިފައިވާ ޖަވާބުތައް މިއަދުނޫހުގައިވަނީ ޝާއިޢުކުރެވިފައެވެ.)

މިއަދު އޮންލައިން