ދުޢާކުރާއިރު އިން ޝާ ﷲ ބުނެގެން ނުވާނެ ސަބަބު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދުޢާކުރާއިރު އިން ޝާ ﷲ ބުނެގެން ނުވާނެ ސަބަބު: މުފްތީ މެންކް

އެއްވެސް ކަމަކަސް އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރާއިރު ނުވަތަ ދުޢާކޮށްފައި "އިން ޝާ ﷲ" ނުބުނާށެވެ. އެއިރުން އެބުނެވެނީ ވަރަށް ނުރަނގަޅު ވާހަކައެކެވެ. އެހެނީ އެއިރުން ދޭހަވަނީ ދުޢާކުރި ކަންތައް ހިންމަވައި ދެއްވެވިނަމަވެސް އަދި ނުދެއްވެވިނަމަވެސް އެންމެ ރަނގަޅު ކަމަށެވެ. 

އެހެނެއް ނޫނެވެ. އެކަމަކީ ތިމާއަށް އެކަމަކުން ފައިދާކުރާނެ ކަމެއް ނަމަ ހިންމަވައި ދެއްވެވުމަށް އެދި ދެންނެވިދާނެއެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. ސަބަބަކީ އެކަމެއް ހިންމަވައި ދެއްވެވުމުން ކުރާނީ ފައިދާކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ޙަޔާތުގެ ބައިވެރިއަކަށް އެދިދުޢާކުރާއިރުވެސް ވަކި މީހަކު ދެއްވެވުން އެދިގެން ދުޢާނުކުރުމަށާއި ރަނގަޅު، ތަޤްވާވެރި، ތިމާދެކެ ލޯބިވާނެ ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރަން ބުނަނީ އެސަބަބަށްޓަކައެވެ. ތިބާ އެމީހަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވެ، އެމީހަކާއި ގުޅެން ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް އެމީހަކާއި ގުޅެވުމުން ތިބާއަށް ލިބޭނީ ހިތްހަމަޖެހުންކަން ނުވަތަ ކުރިމަތިވާނީ ކަންބޮޑުވާންޖެހޭނެ ކަންތައްތަކެއްކަން ހަމައެއްގޮތަކަށްވެސް ތިބާއަކަށް ނުއެނގޭނެއެވެ.  

ގިނަ މީހުން ދުޢާކުރާއިރު އިން ޝާ ﷲ ބުނަނީ އެކަމުގެ މާނައަށް ވިސްނައިނުލެވޭތީއެވެ. ނުވަތަ ނުއެނގޭތީއެވެ. އެހެންވެ މިވާހަކަކޮޅު މިބުނެލީ ނުއެނގޭ މީހުންނަށް ވިސްނައިދިނުމަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން