ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ ޙައްޖާ ޢުމްރާވިޔަސް ނުފުދޭނެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ ޙައްޖާ ޢުމްރާވިޔަސް ނުފުދޭނެ!: ބިލާލް އައްސަދު

މީސްތަކުންނޭވެ! ކޮންމެ މުސްލިމަކުވެސް ނަމާދުކުރާނެއެވެ. ރޯދަވެސް ހިފާނެއެވެ. ތަނަވަސްކަން ހުރިނަމަ ޒަކާތްވެސް ދައްކާނެއެވެ. ޙައްޖަށްވެސް ދާނެއެވެ. ޢުމްރާވެސްވާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ މިއީ ދީނުގެ އެންމެ ފަސޭހަބައެވެ. އެންމެ ބޮޑު ނުވަތަ އެންމެ އުނދަގޫ އިމްތިޙާން ކުރިއަށް އޮތީއެވެ. 

އެއީ ދުނިޔޭގައި ތިބާ އުޅޭ ގޮތެވެ! އާމްދަނީ ހޯދާ ގޮތާއި ޚަރަދުކުރާ ގޮތެވެ. އަނބިދަރިންނަށް ޚަރަދުކުރުމެވެ. މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ޚަރަދުކުރުމެވެ. އެއެންމެން ބެލެހެއްޓުމެވެ. އެމީހުންނާއި އަދި އެހެން މީހުންނާއި މުޢާމަލާތުކުރެވޭ ގޮތެވެ. އެމީހެއްގެ އަޚްލާޤެވެ. ބަސްމޮށުންތެރިކަން ގެންގުޅޭ ގޮތެވެ. ރުޅި ކޮންޓްރޯލް ކުރުމެވެ. އެހެން މީހުންނަށް ޙަސަދަވެރި ނުވުމެވެ. ތިމާ ބެހެން ނުޖެހޭ ކަންކަމާއި ނުބެހި އުޅުމެވެ. 

ޖުމުލަކޮށްލާފައި ބުނާނަމަ ތިމާއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. އެކަން ނުކުރެވޭނަމަ ތިބާކުރާ އަޅުކަމުގެ ފައިދާ ތިބާއަށް ކުރާނީ ކިހިނަކުން ހެއްޔެވެ؟ 

ބައެއް މީހުން ވަރަށް ފަކުރުވެރިވެލާފައި ބުނާނެއެވެ. އަހުރެން ފަރުޟު 5 ނަމާދުކުރަމެވެ. ޙައްޖާއި ޢުމުރާވެއްޖައީމެވެ. އަހުރެންވާނީ ސުވަރުގެ ލިބޭ އަޅަކު ކަމުގައެވެ. އެހެން ބުނާ މީހުންނާއި ދެކޮޅަށް ބަހެއް ބުނަނީއެއް ނޫނެވެ. ސުވަރުގެ ވައްދަވާނެ އަޅުންނާއި ނުވައްދަވާނެ އަޅުން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަން އަހުރެމެންނަށް އެނގޭނީ އަހުރެމެންގެ މައްޗަށް ނިޔަކަނޑައަޅުއްވަވާ ދުވަހުގައެވެ. އެއީ މަޙްޝަރު ދުވަހެވެ. 

އަހުރެން ބުނަން ބޭނުންވާ ވާހަކައަކީ ހަމައެކަނި ފަރުޟުކުރެވެވި އަޅުކަން ކަމަށް ތިއަހީކުރާ އަޅުކަން ކުރުމަކުން ނުފުދެއެވެ. ދުނިޔޭގައި މީސްތަކުން އުޅެން އަންގަވާފައިވާ ގޮތަށް އުޅުމަކީވެސް އަޅުކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީވެސް ކުރަންޖެހޭ އަޅުކަމެވެ. 

މީސްތަކުންނޭވެ! އަހުރެމެންނަށް ކުރެވޭ ކޮންމެ ޢަމަލަކާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތެވެ. ޖަވާބުދާރީވާންޖެހޭނެއެވެ. ވީމާ ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހަކަށް ފަރުޟުތައް ރަނގަޅަށް އެނގެންޖެހޭނެއެވެ. ދުނިޔޭގައި އެމީހަކު ކުރާ ކޮންމެ ޢަމަލެއްވެސް ކުރަންވާނީ އަޅުކަމަކަށްވާނެ ގޮތަށެވެ. 

ﷲ ތަޢާލާ ސުވާލުކުރައްވަވާނެ އެންމެހައި ކަންކަމަށް ފުރިހަމަ ގޮތުގައި ރައްކައުތެރިވާ މީހަކަށްވާށެވެ!  ސުވަރުގެ ލިބެން އޮތީ ކިޔަމަންތެރިކަން އަދާކުރެވުނު ވަރަކުންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން