އަބަދު ފޯނުގަ ހުއްޓަސް އެންމެ ގިނަ ބައަކަށް ޖަވާބުނުދެވެނީ ސުވަރުގެ ވަދެވެން އޮތް "ކޯލަށް!": މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އަބަދު ފޯނުގަ ހުއްޓަސް އެންމެ ގިނަ ބައަކަށް ޖަވާބުނުދެވެނީ ސުވަރުގެ ވަދެވެން އޮތް "ކޯލަށް!": މުފްތީ މެންކް

މިޒަމާނަކީ ހަމަ ކޮންމެ މީހަކުވެސް އަތުގައި މޯބައިލް ފޯނެއް ގެންގުޅޭ ދުވަސްވަރެކެވެ. އަންނަ ހުރިހާ ފޯންކޯލްތަކަށް ޖަވާބު ދިނުމަށް ގިނަ ބައަކު ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ނިދާފައި އޮއްވައި ކޯލެއް އައިނަވެސް ޖަވާބު ދިނުމަކީ އުފަލަކަށް ވަނީ ހަދައިފައެވެ.

މިރޭ މިދައްކަނީ އާދައިގެ "ކޯލެއް"ގެ ވާހަކައެއް ނޫނެވެ! ތިބާ އެދޭ ހުރިހާ ކަމެއް ޙާޞިލުކުރެވެން އޮތް ކޯލުގެ ވާހަކައެވެ. ސުވަރުގެ ވަދެވެން އޮތް "ކޯލު"ގެ ވާހަކައެވެ. ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކޯލުގެ ވާހަކައެވެ.

ގިނަ ބައަކު މިވަނީ އެމީހުންނަށް އަންނަ އެންމެ މުހިންމު "ކޯލް" މަތިން ހަނދާންވެސް ނެތިފައެވެ. ޖަވާބު ދިނުމުގައި ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވިފައެވެ. އެއީ ކޮން "ކޯލެއް"ކަން އެނގޭ ހެއްޔެވެ؟

އެ"ކޯލަ"ކީ:

"ކޮންމެ ރެއެއްގެ ފަހުބައިގައި ﷲ ތަޢާލާ ބިމާއި އެންމެ ކައިރި އުޑަށް ކުއްތަންވެވޮޑިގެން "ތިމަން ﷲ ގެ ޙަފްރަތުން ކަންކަމު އެދެނީ ކޮން ބައަކުތޯ؟ އެދެނީ ކޮން ކަމަކުތޯ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދެނީ ކޮންބައެއްތޯ؟" އެންމެހައި މީސްތަކުންނާއި ކުރައްވަވާ ސުވާލުތަކެވެ.

ނިކަން ބުނެބަލާށެވެ! މި "ކޯލް" ހަމަ ކޮންމެ ރެއަކު ވެސް ތިބާއަށް ލިބޭކަން ވެސް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މި އަގުބޮޑު ރަނުގެ ފުރުޞަތުގެ ބޭނުން ހިފަނީ ކިތައް މީހުން ހެއްޔެވެ؟ އެ ވަގުތުގައި ކުރާ ދުޢާ އިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން ދެއްވަވާފައިވާއިރު އެކަމަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟

މީސްތަކުންނޭވެ! މި "ކޯލަށް" ޣާފިލް ނުވާށެވެ! ތިބާ އެދެނީ ތިބާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން ކަމުގައިވާނަމަ އެކަން ހިންމަވައި ދެއްވަވާނެތެވެ. ތިބާ އެދެނީ އެހެން ކަމަކު ކަމުގައިވާނަމަ އެކަމެއް ތިބާއަށް ޙާޞިލުވުން އެންމެ ރަނގަޅު ވަގުތުގައި އެކަމެއް ފުއްދަވައިދެއްވަވާނެތެވެ.

ހޭލާށެވެ! ދަންނަވާށެވެ! "މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! މިވެނި އެވެނި ބޭނުންތައް ފުއްދަވައި ދެއްވަވާނދޭވެ!" އެވަރު ނުކުރެވޭ މީހުން، އެމީހުން އެދޭ ކަންކަން ޙާޞިލު ނުވެގެން ކުރަން އޮންނާނީ ކޮން ޝަކުވާއެއް ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

(ލިޔުމުގައި "ކޯލް" ލިޔެފައި އެވަނީ އިމާމް މުފްތީ މެންކް އެ ގޮތަށް އެ ބަސް ތަކުރާރުކުރައްވައި ވިދާޅުވެފައިވާތީއެވެ.)

މިއަދު އޮންލައިން