ބިރުވެތިވެބަލަ! ނަރަކައަށް ވެއްދުމުން މީސްތަކުން ރޮއި އާދޭސްކޮށް އަޑުގަދަކުރަން ފެށުމުން ނަރަކަ ބަލަހައްޓަވާ މަލާއިކަތުން ދެއްވަވާނެ ހަރުކަށި ޖަވާބު-: ބިލާލް އަސްއަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބިރުވެތިވެބަލަ! ނަރަކައަށް ވެއްދުމުން މީސްތަކުން ރޮއި އާދޭސްކޮށް އަޑުގަދަކުރަން ފެށުމުން ނަރަކަ ބަލަހައްޓަވާ މަލާއިކަތުން ދެއްވަވާނެ ހަރުކަށި ޖަވާބު-: ބިލާލް އަސްއަދު

ދަރުސްތަކުގައި ދޭ ނަޞޭޙަތްތައް ޤަބޫލުނުކޮށް ނަރަކައަށް ބިރުވެތިނުވެ އުޅޭ މީހުން ރަނގަޅަށް އަޑުއަހާށެވެ.!

ނަރަކައަށް މީސްތަކުން ވައްދަވަން ފެށީންސުރެ މީސްތަކުންގެ އަޑުގަދަވެ ގުގުމާލެވިފައިވާނެއެވެ. އެމީހުން އަޑަށް ލެވުނުހައި ބާރެއްލައި ގޮވަމުން ގެންދާނީ އިތުރު ފުރުޞަތަކަށެވެ. އިތުރު ފުރުޞަތެއް ދެއްވަވައިފިނަމަ އެމީހުންނަކީ ޞާލިޙް އީމާންތެރިން ކަމުގައި ވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ އަޑު ކިތަންމެ ވަރަކަށް ގަދަކުރި ނަމަވެސް ﷲ ތައާލާ އެމީހުންގެ އަޑުއައްސަވައިވޮޑިނުގަންނަވާނެތެވެ.

އެމީހުންނަށް ޖަވާބު ދެއްވަވާނީ ނަރަކައިގެ މަލާއިކަތުންނެވެ. ވިދާޅުވާނީ ކަލޭމެން އިޞްލާޙް ނުވާނެ ކަމަށެވެ. ކަލޭމެންނަކީ ކަލޭމެންގެ ގާތަށް ފޮނުއްވެވުނު ރަސޫލް ބޭކަލުން، ﷲ ތަޢާލާގެ އެންގެވުން ކަލޭމެންނަށް އިއްވެވުމުން އެކަން ބަލައި ނުގަނެ މަލާމާތާއި ފުރައްސާރަކުރި މީހުން ކަމަށެވެ.

ނަރަކައިގެ ވެރިކަމުގައި ހުންނަވާނީ މާލިކްގެފާނެވެ. މާލިކްގެފާނަކީ އެއްވެސް މީހެއްގެ މައްޗަށް ރަޙުމެއް ކުލުނެއް އެއްވެސް މިންވަރަކަށް ހުންނާނެ މަލާއިކަތެއް ނޫނެވެ. ދުވަހަކުވެސް ހިނިތުންވި ބޭކަލެއް ނޫނެވެ. އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅުގައި ރަސޫލް (ޞޢވ) އާއި ބަދަލުވެވަޑައިގަތުމުން ހިނިތުންވެ ވަޑައި ނުގަންނަވާ ހަމައެކަނި މަލާއިކަތަކީ މާލިކްގެފާނެވެ. މާލިކްގެފާނު ކުރެއްވެވި ހަމައެކަނި ކަމަކީ ސަލާމަށް ރައްދު ދެއްވެވުމެވެ.

މީސްތަކުންނޭވެ! މަރުވާނެ ކަމާއި ޤިޔާމަތް ދުވަސް އަންނާނެކަން އެއީ ކީރިތި ޤުރްއާނުން ޔަޤީންވާ ކަންކަމެވެ. ރަސޫލްބޭކަލުން ގެނެސް ދެއްވެވި މަގަށް ތަބަޢަ ނުވުމުން ޤިޔާމަތް ދުވަހު ހުރީ މިގޮތެވެ. މަލާއިކަތުން ދެއްވަވާނެ ޖަވާބު މިބުނީއެވެ. ވީމާ އަހަރެމެންނަށް އޮތީ ރަސޫލް (ﷺ) ގެނެސް ދެއްވެވި އެންމެހައި ކަންކަން ހިތުގެ އަޑިން ޤަބޫލުކޮށް އެކަންކަމަށް ޢަމަލުކުރުމެވެ.

ތައުބާވާން ޖެހޭ މީހުން ތައުބާވުމަށް އަވަސްވެގަންނާށެވެ! ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ކުރިމަތިވާނެ ޙާލަތަށް ބިރުވެތިވާށެވެ! ނަރަކައިގެ ހޫނުމިނުން ޒައްރެއްގެ މިންވަރު އިޙްޞާޞް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ހަމަ އެއްވެސް މަޚްލޫޤެއް ނުހުންނާނެއެވެ! ވައިރޯޅިއަކުން ނަމަވެސް އިހްޞާޞްކުރަން ޖެހުނު ނަމަވެސް މެއެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން