ނަމާދަށާ ނަމާދު ވަޤުތުގަ ފޯނު ބޭނުންކުރުމުގަ ސަމާލުކަންދޭންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނަމާދަށާ ނަމާދު ވަޤުތުގަ ފޯނު ބޭނުންކުރުމުގަ ސަމާލުކަންދޭންވީ ބައެއް ކަންކަން-

އަހުރެން ކުރާ ދަތުރުތަކުގަ ފެންނަ ކަމެއް ބުނެލާނަމެވެ. ފުރަތަމަ ކަމަކީ ފަޤީރު އަވަށްތަކުގައި ދިރިއުޅޭ މީހުން ނަމާދަށް ސަމާލުކަންދޭ މިންވަރު ބޮޑުކަމެވެ. ކުރިއާލައި މިސްކިތަށް އަރައި ކުރީ ސަފުން ޖާގަހޯދަން މަސައްކަތްކުރާކަމެވެ. 

ތަނަވަސް ސިޓީތަކުން މިކަން މިގޮތަކަށް ނުފެނެއެވެ. އެއީ ގިނަ ބައަކު އަވަދިނެތި މަސައްކަތުގައި އުޅޭތީކަމަށްވެދާނެއެވެ. މިއީ އެއްވެސް ޙާލެއްގައި މިކަން އޮވެގެންވާނެ ގޮތެއް ނޫނެވެ. ތަނަވަސްކަން ދެއްވެވި ވަރަކަށް އޮތީ ކިޔަމަންތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވާން މަސައްކަތްކުރުމެވެ. 

ހަމައެއާއިއެކު ހަނދާންކުރަންވާނެ ކަމެއްވެސް ބުނެލާނަމެވެ. ފަހުން މިސްކިތަށް އެރިއްޖެނަމަ ގަދަކަމުން ކުރީ ސަފަށް އަރަން މަސައްކަތް ނުކުރާށެވެ! އެއިރުން އެމީހަކަށް ނުރުހި ނަފްރަތުކުރާނެ މީހުން ތިބޭނެއެވެ. ކުރީ ސަފުން ޖާގަހޯދަން އޮތީ ކުރިއާލައި މިސްކިތަށް އަރައިގެންނެވެ. ކުރިން މިސްކިތަށް އަރައިތިބި މީހުންނަށް އުނދަގޫކުރަމަކުން ނޫނެވެ.

ބައެއް މީހުން މިސްކިތަށް އަންނަތަނުން ފޯނެއް އަތުވެދާނެއެވެ. ދެން އެކޯލުގައި ހުއްޓައި ޖަމާއަތް ފަށައިފާނެއެވެ. ރަކްއަތެއް 2 ރަކްޢަތް ގެއްލިގެންދާއިއރުވެސް ޖަމާޢަތުގައި ބައިވެރިނުވެ އެބަތިބެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ބަންގި ގޮވުމުން ފޯނާއި ދުރުހެލިވާށެވެ. ނަމާދު ވަޤުތުތަކުގައި ފޯނަށް ޖަވާބުނުދޭ މީހަކަށްވާށެވެ. އެގޮތަށް ޢަމަލުކުރަން ފެށުމުން ޢާންމުކޮށް ގުޅާ މީހުންނަށް އެކަން އެނގި ނަމާދު ވަޤުތުގައި ނުގުޅާނެއެވެ. އަދި ނަމާދުކޮށް ސުންނަތްވެސް ކޮށްފައި ނޫނީ ފޯނު ނުވެސް ބަލާށެވެ. 

ތިބާއަށް ފައިދާހުރި ކަމެއްގައިވެސް މީހަކު ގުޅާފަ އޮވެދާނެއެވެ. އެކޯލް ނުނެގުނީތީ އޮތީ ދެރަވުމެއް ނޫނެވެ. އުފާކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުން ދެއްވަވާ ނިޢުމަތްތަކުން ކުރާ ފައިދާ މާބޮޑުވާނެއެވެ. ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން އިރާދަކުރައްވަވާފައިވާ މަންފާއެއް ގެއްލިގެނެއް ނުދާނެއެވެ. މީހަކު ތިބާއަށް ގުޅާފައިވާނަމަ ނަމާދު ނިމިގެން އެމީހަކަށް ގުޅާށެވެ! ދިރިއުޅެން މަސައްކަތްކުރުން އޮތީ އެގޮތަށެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް އިސްކަންދީގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން