ރުޅިއައިސް ހުތުރު އެއްޗެތި ގޮވާ މީހާ އެންމެ ފަސޭހައިން ދެރަކޮށްލެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރުޅިއައިސް ހުތުރު އެއްޗެތި ގޮވާ މީހާ އެންމެ ފަސޭހައިން ދެރަކޮށްލެވޭނެ ގޮތް-

ގެއިން ބޭރުގައިވެސް އަދި ގޭގައިވެސް ދުލުން ނުބައިބަސްތައް ބުނާ މީހުންނަށް ޖަވާބުދޭން ނުހަދާށެވެ! އެފަދަ މީހުންނަށް ޖަވާބުދޭން މަސައްކަތްކޮށްފިނަމަ އެމީހުންނަށް އަންނަ ފޯރިގަދަވާނެއެވެ. މާނުބައި ބަސްތައް ބުނާނެއެވެ. 

އެފަދަ މީހުން ދެރަކޮށްލަން ނުބަލިކޮށްލަން އޮތް އެންމެ ފަސޭހަމަގަކީ ރައްދުނުދީ އެމީހަކަށް ހެޔޮދުޢާކޮށްލާފައި އެތަނަކުން (އެމީހަކާ ދުރަށް) ދިއުމެވެ. އެއރުން އެމީހާ މާބޮޑަށް ދެރަވާނެއެވެ. މާޔޫސްވެސްވާނެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާގެ އެންގެވުމަށް ވިސްނާށެވެ! އެއީ ނުބައިބަސްތައް ބުނެ ނުބައި ޢަމަލުތައްކުރާ މީހުންނާއި ދުރަށް ދިއުމެވެ. އެއީ އެމީހުންނަށް ރައްދުދިނުމުން ދެން ބުނާ ބަސްތައް މާނުބައިވާނެތީއެވެ. 

އިސްލާމް ދީނަށް ބަލައިފިނަމަ ޚިޔާލުތަފާތުވާ ކަންކަމުގައި އޮތީ ޤުރްއާނާއި ޙަދީޘަށް ބެލުމެވެ. ޒުވާބުކޮށް ޖަދަލުކުރުމެއް ނެތެވެ. ރައްދުގައި ކޮންމެހެން ބަހެއް ބުނަންޖެހޭ ޙާލަތުގައިވެސް ބަސްބުނަންވާނީ މަޑުމައިތިރިކަމާއިއެކުގައެވެ. ޙަޤީޤަތް ޤަބޫލުނުކުރާނަމަ އެމީހާގެ ކަންކަން ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ! 

ބުނަންހެއްޔެވެ؟ މީހުންނަށް ނުބައިބަސްތައް ބުނެ ނުބައި ޢަމަލުތައް ކުރާ މީހުންނަކީ ސިކުނޑި ހަމަޖެހޭ ބައެއް ނޫނެވެ. އަދި އެމީހުންގެ އަމިއްލަ ނަފްސްގެ މައްޗަށް ޚުދުއެމީހުންގެ އަމިއްލަބާރު ހިނގާ ބައެއްވެސް ނޫނެވެ. އެހެންވެ އެއީ މޮޔައިން ކަމަށްވެސް ސިފަކުރެތެވެ. މޮޔައިން ކަމަށް ބުނާ ސަބަބަކީ ތިމާމެންނަށް ކުރެވޭ ކަންކަމުން ދިރިއުޅުމަށް ގެއްލުން ލިބުމުގެ އިތުރުން ޢާޚިރަތް ގެއްލިގެންދާކަންވެސް ވިސްނައިލުމުގެ ބާރު އެމީހުންގެ ކިބައިގައި ނެތުމުންނެވެ. ވީމާ އަހުރެން ބުނާނީ އެއީ މޮޔައިންގެ އިތުރުން އެންމެ ބަލިކަށި މީހުން ކަމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން