ބިރުވެތިވޭ! ޒިނޭ ނުކުރިޔަސް އެތައްހާސް ބައަކު ޒިނޭކުރި ސަބަބަކަށް ތިމާވެ ޢަޛާބު ޙައްޤުވާނެ އަންހެނުން ގިނަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބިރުވެތިވޭ! ޒިނޭ ނުކުރިޔަސް އެތައްހާސް ބައަކު ޒިނޭކުރި ސަބަބަކަށް ތިމާވެ ޢަޛާބު ޙައްޤުވާނެ އަންހެނުން ގިނަވަނީ!

މިއަދުގެ ޒުވާން ފިރިހެންކުދިން ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އަޢުރަ ހާމަކޮށްގެން އުޅޭ އަންހެނުން ގިނަވަނީއެވެ. ކޮންމެ އެއްޗެއް އިޝްތިހާރުކުރަން ވަކި ގޮތަކަށް ތިބޭ އަންހެނުންގެ ބޭނުންކުރުން ގިނަވަމުން އައިސް ދަގަނޑު މޮހޮރާއި ސައިބޯ ޖަގް ވެސް އެފަދަ އަންހެނަކާއި ނުލައި އިޝްތިހާރުކުރެވޭ ކަމަކަށް ނުވެއެވެ. 

މިއީ ޝައިޠޯނާ ކުރުވާ ކަންކަމެވެ. ފިރިހެނުންގެ ސަމާލުކަން ހޯދުވުމުން ފާފަކުރާ މީހުން ގިނަވެގެންދާނެތީއެވެ. ފިރިހެނުން ހައްލުވައިލީމާ، ޝައުޤުވެރިކުރުވީމާ ކިތަންމެ ބޮޑު ހޭދައެއްކޮށްގެންވެސް އަންހެނުން މަގުފުރައްދައި ފާފަކުރާނެކަން އެނގޭތީއެވެ. 

ޝައިޠޯނާ އަންހެނުންގެ ބޭނުން މިކަންކަމަށް ހިފަމުން އެގެންދަނީ އެކަނބަލުންގެ ވިސްނުމުގެ ޟަޢީފްކަން އެނގޭތީއެވެ. ފަސޭހައިން ހައްލުވައިލެވޭނެތީއެވެ. މިޘާލަކަށް މިބުނި ބާވަތުގެ ޢަމަލުކުރުމުން މަގުފުރެދިގެންދާނެ މީހުންގެ ޢަދަދާއި ފާފަކުރާނެ މީހުންގެ ޢަދަދާއިމެދު، އަދި އެއެންމެން ކުރާ ފާފައިން ތިމާއަށް ބައި އެޅޭނެކަން އަންހެނުންނަށް ވިސްނޭނަމަ އެމީހުންގެ ހަށިގަނޑާއި ވަނާތައް ދައްކައިގެން އެފަދަ ކަންކަން ކުރާނެ ހެއްޔެވެ؟ 

އެކުވެރިންނޭވެ! ޚާއްޞަކޮށް ﷲ ތަޢާލާ ރީތިކަން ދެއްވަވާފައިވާ ޒުވާން އަންހެންކުދިންނޭވެ! ހޭލުންތެރިވާށެވެ! މިޘާލަކަށް ތިބާ ޒިނޭއެއް ނުކުރެއެވެ. ނަމަވެސް ތިބާގެ ހަށިގަނޑާއި ވަނާތައް ދައްކައިގެން ކުރާ ކަންކަމުގެ ސަބަބުން، މަގުމަތީގައި އުޅޭ އުޅުމުގެ ސަބަބުން ބެލުންތައް ތިރިނުކުރެވި، ވިސްނުން ގޯސްވެ ފާފަތަކަށް އަރައިގަންނާނީ ކިތައް މީހުންކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެއެންމެން ކުރާ ފާފަތަކުން ތިބާއަށް ބައި އެޅުމުން ތިބާއަށް ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ! ނަރަކައިގެ އަލިފާނުގެ ހޫނުކަން ގަދަވާނެ މިންވަރަށް ވިސްނައިލާށެވެ! ކިތަންމެ ގިނަ ފައިސާތަކެއް ދިން ނަމަވެސް އެހެން މީހުން މަގުފުރެދިގެން ހިނގައިދާނެ ފަދަ ކަންކަން ނުކުރާށެވެ. ތިމާގެ ސަބަބުން ހަމައެކަކުވެސް ފާފައެއް ކޮށްފާނެ އެއްވެސް ކަމެއް ނުކުރާށެވެ! އެކަންކުރެވޭނީ ފޭރާންލުމުގައި އެކަމަށް ސަމާލުކަން ދެވިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން