ޢަލީ އިޙްޞާން ފިރާޤް
ކަހުފުބާގައިގެ މީހުންގެ ވާހަކަ:
ކަހުފުބާގައިގެ މީހުންގެ ވާހަކައަކީ، ޤުރްއާނުގައި ބަޔާންވެގެންވާ ވާހަކައެކެވެ. އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ކަހުފުބާގައިގެ މީހުންގެ ވާހަކައާއި ޛުލްޤަރުނައިންގެ ވާހަކަ ބާވައިލެއްވި ސަބަބާމެދު އިބްނު އިސްޙާޤު އޭނާގެ ސީރަތުގައި ލިޔުއްވައިފައިވެއެވެ.
ޤުރައިޝުންގެ މީސްތަކުން މަދީނާގައި ތިބޭ ޔަހޫދީންނަށް ޚަބަރު ފޮނުއްވައިގެން، މާތް ރަސޫލާއާ ކުރާނެ ސުވާލުތަކެއް ބުނެދިނުމަށް އެދުނެވެ. އެއީ ކަލޭގެފާނު ދެއްވާ ޖަވާބެއް ބެއްލެވުމަށްޓަކައެވެ. އެއީ ތެދުވެރި ރަސޫލެއްތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ދެން ޔަހޫދީން ބުނެފިއެވެ. އެކަލޭގެފާނުގެ ކުރެން މި ސުވާލުތައް އަހާށެވެ. އިހުޒަމާނުގައި ތެދުމަގު ހޯދުމަށް ރަށުން ނުކުތް ބަޔަކު ވެއެވެ. އެބައިމީހުންނަށް ވީގޮތެއް އެއްވެސް ބަޔަކަށް އެނގިފައެއްނެތެވެ. ދެވަނަ ސުވާލަކަށް، އިހުޒަމާނުގައި ދުނިޔޭގެ އެތަންމިތަނަށް ދަތުރުކޮށް އުޅުނު މީހާގެ ވާހަކަ އަހާށެވެ. ތިންވަނަ ސުވާލަކަށް ރޫޙާ ބެހޭ ގޮތުން ސުވާލުކުރާށެވެ.
ދެން އަރަހުށި މާތްﷲ މިކަންތައްތަކާ ބެހޭ ގޮތުން ވަޙީ ބާވައިލެއްވިއެވެ. ރޫޙާ ބެހޭ ގޮތުން އިސްރާ ސޫރަތުގެ 85 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ.
وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا ﴿٨٥﴾
މާނައީ: [ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.]
އަދި ޛުލްޤަރުނައިން ރަސްގެފާނުގެ ވާހަކަ އަލްކަހުފުސޫރަތުގެ 83 ވަނަ އާޔަތުން ފެށިގެން ބަޔާން ކުރައްވައުފައިވެއެވެ. އެވާހަކައިގެ ތަފްޞީލު އިސްވެހިނގައްޖެއެވެ. ކަހުފުބާގައިގެ މީހުންގެ ވާހަކަ ކަހުފުސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 26 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވެއެވެ. އެ އާޔަތްތަކުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾ فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾ ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾ نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾ وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿١٤﴾ هَٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ﴿١٥﴾ وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾ ۞ وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾ وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴿١٨﴾ وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ﴿١٩﴾ إِنَّهُمْ إِن يَظْهَرُوا عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَن تُفْلِحُوا إِذًا أَبَدًا ﴿٢٠﴾ وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾ سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴿٢٢﴾ وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَٰذَا رَشَدًا ﴿٢٤﴾ وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ قُلِ اللَّهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾
މާނައީ: [އަދި ކިއެއްތަ! كهف ބާގައިމީހުންނާއި، އެއުރެންގެ ނަންތަކާއި އެއުރެންގެ خبر ތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ، ތިމަންރަސްކަލާނގެ آية ތަކުގެ ތެރެއިން عجائب އަކަށްވީކަމުގައި، ކަލޭގެފާނު ހީފުޅުކުރެއްވީ ހެއްޔެވެ؟ އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ! ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبر ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمان ވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ. އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން إله އަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ. މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إله ން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قوم ގެމީހުންނެވެ. (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّة އެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟ اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمة ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصل ކޮށްދެއްވާނެތެވެ. އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ. އަދި އެއުރެން ނިދާފައި ތިބިއިރު، ތިބާޔަށް ހީވާނީ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުރޮޅުއްވަމެވެ. އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ އެކަކު އަނެކަކާ سؤال ކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، حلال ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ خبر އެނގުނަދީގެން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ خبر އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ دين އަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ. އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ އެއުރެންނެރެ ދެއްކެވީމެވެ. އެއީ اللَّه ގެ وعد ފުޅަކީ، حق ތެދުކަމާއި، قيامة ދުވަހާމެދު شك އެއް ނެތްކަން އެއުރެން ދެނެގަތުމަށެވެ. އެހިނދު، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރެތެވެ. ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެއެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ޒުވާނުން ތިބިތާނގައި، މިސްކިތެއް ބިނާކުރާނީއެވެ. އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيب ގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عدد ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عدد އެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدل އަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدل ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدل ކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤال ނުކުރައްވާށެވެ! އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ! އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެކަލާނގެ حكم ފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ.]
އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މިދެންނެވި އާޔަތްތަކުން ދޭހަވާ ގޮތުގައި ކަހުފުބާގައިގެ މީހުންގެ ޤައުމުގެމީހުންނަކީ މުޝްރިކުންނެވެ. އެބައިމީހުން ދިރިއުޅުނު ޒަމާނަކީ دِقْيَانُوسُ އޭ ކިޔުނު ރަސްކަލެއްގެ ޒަމާންކަމުގައި މުފައްސިރުންނާއި މުއައްރިޚުންގެ ތެރެއިން ގިނަ ބަޔަކު ވިދާޅުވެއެވެ. އެޒުވާނުންނަކީ އެ ޤައުމުގެ އެންމެ ކަމުވޮށިގެންވާ ޢާއިލާތަކުގެ ޒުވާނުންނެވެ. އަދި އެ ޒުވާނުންނަކީ ރަސްގެފާނުގެ ދަރިންކަމުގައި ވެސް ބައެއް ބުނުންތަކުގައިވެއެވެ.
އެއްފަހަރަކު އެބައިމީހުން ކުޅަ ޢީދެއްގައި އެ ޒުވާނުންތައްވެސް ބައިވެރިވިއެވެ. އެޒުވާނުންނަށް ފެނުނީ އެ ޤައުމުގެ މީސްތަކުން ހިލަހިލަތަކަށާއި ބުދުތަކަށް އަޅުކަން ކުރާތަނެވެ. އެވަގުތު ﷲ އެބައިމީހުންގެ ހިތްތަކުން ފަރުދާ ކަޝްފުކުރައްވައި ތެދުމަގު އެބައިމީހުންގެ ހިތްތަކަށް އިލްހާމުކުރެއްވިއެވެ. އެބައިމީހުންނަށް ޤައުމުގެ މީހުން އަޅުކަންކުރާ ފަރާތްތަކަކީ ގޯސްތަކެތިކަން އެނގި އެދީންދޫކޮށް ﷲ އަށް އީމާންވިއެވެ. ދެން އެބައިމީހުން ޤައުމުގެ މުޝްރިކުންގެ ގާތުގައި ނުތިބެ ދީނަށްޓަކައި ޤައުމުން ބޭރަށް ގޮސް ފަރުބަދައެއްގެ ހޮހޮޅަ ޚިޔާރުކޮށް އެތަނުގައި އުޅެންފެށިއެވެ.
އެބައިމީހުންގެ ކުއްތާއާ ބެހޭ ގޮތުންވެސް ތަފާތު ރިވާޔަތްތައް ބަޔާންވެގެންވެއެވެ. އެ ކުއްތާއަށް ކިޔޭ ނަންތަކާއި، އެކުއްތާގެ ކުލައާ ބެހޭ ގޮތުން ރިވާވެގެންވާ ގިނަ ރިވާޔަތްތަކަކީ އިސްރާއީލިއްޔާތުގެ ތެރޭގައި ހިމެނޭ ތަކެތިކަމަށް އިބްނު ކަޘީރު ބަޔާން ކުރައްވައިފައިވެއެވެ. އެހެންކަމުން އެބައި ނުލިޔެ ދޫކޮށްލީއެވެ.