މާތް ﷲ ގެ ޝަރީޢަތް ބިންމަތީ ޤާއިމުވެދިއުމަކީ ކޮންމެ މުސްލިމެއްގެ އެންމެ މުހިއްމު މަޤުޞަދުކަމުގައި ވާންޖެހޭނެ ކަމަށާއި މާތް ﷲ ވަނީ އެކަމަށް މީސްތަކުންނަށް އަމުރުކުރައްވަވާފައި ކަމަށާއި ޤިޞާޞް ހިފުންވަނީވެސް އެ މަތިވެރި ޝަރީޢަތުގެ ތެރެއިން ކަމަށާއި އެކަން ކުރުމަށް ހިތްވަރުދިނުމުގެ ބަދަލުގައި އެކަން ކުރުމަށް ހުރަސްއެޅޭ ގޮތަށް ވާހަކަ ދެއްކުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށް އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުލުކުރައްވަމުން އެގެންދަވަނީ ވަރަށް ގިނަ ކަންކަމުގައި ދީނުގެ ޢިލްމުވެރިންނާއި ޚިޔާލުތަފާތުވެވަޑައިގަންނަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވާ ބަސްފުޅަކާއި ގުޅިގެންނެވެ.
ރައީސް މައުމޫނު ވަނީ ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ހޭދަކުރައްވައިފައެވެ. އެއިގެ ފަހުންވެސް ވެރިކަންކުރެއްވި ބޭފުޅެއްގެ ޢިނާޔަތްތައް ނަންގަވަމުން ގެންދަވާތާ މިހާރު 15 އަަހރުވީއެވެ. އެމަކު މިހާރުވެސް ވިދާޅުވަނީ ޤިޞާޞް ހިފުމުގެ ޙުކުމްތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. ވެރިކަން ލިބިވަޑައިގަތުމުން ވަޤުތުން ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ނުކުރައްވައި 45 އަހަރަށް ދިގުދެމިގެން ދިއުމަށްފަހުވެސް އެވިދާޅުވާ ބަސްފުޅުގެ މާނަވަޏީ ގިނަ ބއަކަށް އއޮޅިފައެވެ.
ގުޅުންހުރި އިތުރު ޚަބަރެއް- ވީނިޔުސްއިން:
ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ފިޔަވަޅު އަޅައިދިނުމަށް އެދި، އިސްލާމިކް މިނިސްޓްރީއާއި ފަތުވާ ކޮމިޓީއަށް ޝެއިހް އާދަމް ނިޝާން ބިން އަލީ ގޮވައިލައްވައިފިއެވެ.
މިސަރުކާރުން މަރުގެ ހުކުމް ތަންފީޒްކުރާނެކަަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވުމާގުޅިގެން ރައީސް މައުމޫން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީޢަތުގައި ވަކި ހަމަތަކަކާ އުޞޫލު ތަކެއްގެ މަތިން ކުރަން އޮންނަ ކަމެއްކަމަށެވެ. އަދި މިކަމާ ބެހޭ ތަފްސީލް ވަރަށް އަވަހަށް ރައްޔިތުންނަށް ހާމަކޮށްދެއްވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން ގިނަބަޔަކު އަންނަނީ އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.
ބައެއް މީހުން ވަނީ ރާއްޖޭގައި މީހުން މެރުން އާންމުވެފައި މިއޮތީ މަރުގެ ހުކުމް ތަންފީޒު ނުކުރާތީ ކަމަށްބުނެ 30 އަހަރު ވެރިކަން ކުރެއްވިއިރު ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރައްވައި އޮތުމުން ރައީސް މައުމޫން އަށް ފާޑުވިދާޅުވެފައެވެ. އެންމެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވަނީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރީންނަށް ރައީސް މައުމޫންގެ ވެރިކަމުގައި އިއްވި މަރުގެ ހުކުމް މާފު ކޮށްދެއްވައި އެމަނިކުފާނު ދެއްވި ލުޔާ ގުޅިގެންނެވެ.
ބައެއް ފަރާތްތަކުންވަނީ ރައީސް މައުމޫނު ދީނުގެ ޙުކުމްތަކަށް ފާޅުގައި އިންކާރުކުރާކަމަށް ބުނެ އެމަނިކުފާނަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.
ރައީސް މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން ދީނީ އިލްމުވެރިންވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް ނިޝާން ވިދާޅުވީ، الله تعالى ބާއްވާލެއްވެވި، ކީރިތި ޤުރްއާންގައި ބަޔާންވެފައިވާ މިފަދަ ސާފު ޞަރީޙަ އެންމެ ޙުކުމްފުޅަކަށް އިންކާރު ކޮށްފި މީހަކީވެސް، ކީރިތި ޤުރްއާނަށް ކާފަރުވެ، ﷲގެ ދީނުން ބޭރުވެ، މުރުތައްދުވެފައިވާ މީހެއް ކަމަށެވެ. މި މައްސަލަ ވަގުތުން ވަގުތަށް ބަލައި، ފަތުވާ ނެރެ، ދީނުގެ ޙުކުމްތަކަށް ފާޅުގައި އިންކާރު ކުރާ މިފަދަ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީއާއި ފަތުވާ ކޮމިޓީއަށް ޝެއިހް ގޮވާލެއްވިއެވެ.
ގައުމީ ސަލާމާއި ދިދަޔާއި ބެހޭ ގޮތުން ފަތުވާ ނެރުނު ފަދައިން، މި މައްސަލައިގާ ފަތުވާ ކޮމިޓީގެ ކުއްލި އަވަސް ފަތުވާއެއް އަންނާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަސް ވެސް ޝެއިހް ވިދާޅުވިއެވެ.
ޝެއިހް ނިޝާން އަކީ، ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ޤައުމީ ސަލާމް ކިޔުން ލާޒިމްކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރެއްވި އެއް ދީނީ އިލްމުވެރިޔާއެވެ.
އެ މައްސަލައިގައި ޝެއިހް ނިޝާން ވިދާޅުވީ، ޤައުމީ ސަލާމް، ޤުރްއާން ކިޔަވާފަދައިން ކިޔުން ލާޒިމުކޮށް، ޙުރުމަތްތެރިކޮށް ހިތައި، އެކިޔާއިރު ޚުޝޫޢަތްތެރިވެ ކޮޅަށްތެދުވެ، އިޙްތިރާމް އަދާކުރުމުގެ ގޮތުން މޭމަތީގައި އަތްއަޅައިގެން ތިބުން ހުއްދަނުވާނެ ކަމަށެވެ. އެއީ ތައުޙީދުގެ ސާފު ޢަޤީދާއާއި ފުށުއަރާ ކަމެއް ކަމަށް ވެސް ޝެއިޙް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވަނީ، ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުން ހުއްދަ ކަމަށް ކަނޑައަޅާފައެވެ.
މާތް ﷲ ގެ ޝަރީޢަތް ބިންމަތީ ޤާއިމުވެދިއުން، ކޮންމެ މުސްލިމެއްގެ އެންމެ މުހިއްމު މަޤުޞަދުކަމުގައި ވާންޖެހޭ! މާތް ﷲ އެކަމަށް މީސްތަކުންނަށް އަމުރުކުރެއްވި! ޤިޞާޞް ހިފުންވަނީވެސް އެ މަތިވެރި ޝަރީޢަތުގެ ތެރެއިން. އެަކަން ކުރުމަށް ހިތްވަރުދިނުމުގެ ބަދަލުގައި އެކަން ކުރުމަށް…
— Muhammad Latheef (@Muhammad_lathyf) December 21, 2023