އަންހެނަކު ކިތަންމެ ގިނަ ފިރިހެނުންނާ ވާހަކަ ދެއްކިނަމަވެސް ހެކި ނުދެއްކޭނެނަމަ ޒިނޭގެ ތުހުމަތު އެޅުވުމަކީ ޙައްދުޖަހަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަންހެނަކު ކިތަންމެ ގިނަ ފިރިހެނުންނާ ވާހަކަ ދެއްކިނަމަވެސް ހެކި ނުދެއްކޭނެނަމަ ޒިނޭގެ ތުހުމަތު އެޅުވުމަކީ ޙައްދުޖަހަންޖެހޭނެ ކަމެއް!

މިހާރަކަށް އައިސް ބައެއް އަންހެނުން ފިރިހެނުންނާއި ގާތް ގުޅުން ބާއްވާތީ އެއީ ޒިނޭކުރާ އަންހެނެއްގެ ގޮތުގައި އެބަ ވާހަކަ ދައްކައެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަމުގެ މައްޗަށް އިސްލާމީ ޝަރީޢަތުގައިވާ މަގުން ހެކި ދެއްކެން ނެތި އެފަދަ ވާހަކަތައް ދެއްކުމުން އެމީހަކާއިމެދު ޢަމަލުކުރަން އޮތީ މިއާޔަތުގައިވާ ފަދައިންނެވެ.

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލް ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އައްނޫރު: 24)

މިއީ އެއްވެސް ޙާލެއްގައި ހިލޭ ފިރިހެނުންނާއިއެކު އެކަހެރިވެތިބެ ވާހަކަދައްކަން އަންހެނުންނަށް ހިތްވަރުދިނުމެއް ނޫނެވެ. އެއީ ހުއްދަކަމެއް ނޫނެވެ. ވީމާ އެކަމުން ދުރުހެލިވުމަކީ އަންހެނުންގެ މައްޗަށް އޮތް ވާޖިބެކެވެ. ކުރަންޖެހޭނެ ކަމެކެވެ. މިބުނާ ވާހަކައަކީ އަންހެނަކު ހިލޭ ފިރިހެނުންނާއި ވާހަކަދައްކާތަން ފެނުމުން އޭނާއަކީ ޒިނޭކުރާ އަންހެނަކު ކަމަށް ނުބުނުމަށެވެ. ބުނެފިނަމަ މިއާޔަތުގައިވާ ފަދައިން އެމީހެއްގެ މައްޗަށް ޙައްދު ވާޖިބުވާނެއެވެ.

ކޮންމެހެން ބުނަން ބޭނުންވެއްޖެނަމަ، ބުނަންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ބުނާށެވެ. އޭނާއަކީ ވަރަށް ގިނައިން ހިލޭ ފިރިހެނުންނާއި ވާހަކަދައްކާ އަންހެނެކެވެ. ހަމައެއާއިއެކު ވިސްނައިލަން އޮތް ކަމަކީ ހިލޭ އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް އެކަހެރިކޮށް ބައްދަލުކޮށް ވާހަކަދައްކާނަމަ ފާފަވެރިވާނީ އެކަކު ނޫނެވެ. ދެމީހުންވެސް ފާފަވެރިވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން