ދެމަފިރިން އެކަކު އަނެކަކަށް ދޮގުހެދުމަކީ އުފާވެރި ކަން ގެއްލި، އަދި ތަނަވަސްކަން ލިބުމަށް ހުރަސްއެޅޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެމަފިރިން އެކަކު އަނެކަކަށް ދޮގުހެދުމަކީ އުފާވެރި ކަން ގެއްލި، އަދި ތަނަވަސްކަން ލިބުމަށް ހުރަސްއެޅޭ ކަމެއް!

މިހާރަކަށް އައިސް ދޮގުހެދުން ޢާންމެވެފައިވާވަރުން ދޮގުހަދަން ބިރުގަންނަ މީހުން މަދުވެ ގިނައީ އެއީ ކުރެވޭ ފާއެއްކަމަށްވެސް ނުދެކޭ މީހުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން މުޅިން ނުބައި ވިސްނުމެކެވެ. ދަލީލަކީ މި ޙަދީޘްފުޅެވެ.

އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅުކުރައްވަވާފައިވަނީ 1. ޝަރީކުކުރުން 2 މައިންބަފައިންނަށް ނުކިޔަމަންތެރިވުން (އެމީހުންގެ ޙައްޤުތައް އަދާނުކުރުން، ކުރަންޖެހޭ އިޙްތިރާމް ނުކުރުން) 3 ޝަރުޢީ ޙުކުމަކާ ނުލާ މީހުން މެރުން 4 ދޮގުހެކިދިނުން އެވެ.

ދޮގުހެކި ދިނުމަކީ ހަމައެކަނި ޝަރީޢަތުގެ މަޖިލީހުގައި ދޮގުހެކި ދިނުމެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިޔާއަށް ދޮގުހެދުމަކީވެސް ދޮގުހެކި ދިނުން ކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.

ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެފައި ނުވަތަ އަނެކާ ނުރުހޭ ކަންކަން ކޮށްފައި އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެބަދޮގުހަދައެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެވެ. އެކަކު އަނެކަކަށް ދޮގުހަދާ ދެމަފިރިއަކަށް އުފާވެރި ޙަޔާތެއް ނުލިބޭނެއެވެ. އަދި ތަނަވަސްކަމެއްވެސް ނުލިބޭނެއެވެ.

އެހެނީ ދޮގުހެދުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އުނިކުރައްވަވާނެ ކަމެކެވެ. ބަރަކާތް ނުލައްވަވާނެ ކަމެކެވެ. ﷲ ތަޢަލާގެ ރަޙްމަތާއި ބަރަކާތް ނުލިބި އުފާވެރިކަމާއި ތަނަވަސްކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟

ދިރިއުޅުމުގައި ހެޔޮ ގޮތްތައް ބޭނުންވެއެވެ. ތަނަވަސްކަންވެސް ބޭނުންވެއެވެ. އެހެންކަމަށްވާއިއރު ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަމާއި ދުރުހެލިވާން އެބަޖެހެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން ާ

މިއަދު އޮންލައިން