ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ތަޢާލާ އިޒުނަ ދެއްވެވުމުން އެމީހުންގެ އެކުވެރިން ނަރަކައިން ސަލާމަތްކުރަން ދިއަނަމަވެސް ނުފެންނާނެ ބައަކު ތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ތަޢާލާ އިޒުނަ ދެއްވެވުމުން އެމީހުންގެ އެކުވެރިން ނަރަކައިން ސަލާމަތްކުރަން ދިއަނަމަވެސް ނުފެންނާނެ ބައަކު ތިބޭނެ!

މުސްލިމުންގެ ތެރެއިންވެސް އެމީހަކަށް ކުރެވޭ ފާފަތަކުގެ ސަބަބުން ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށް ނަރަކައަށް ވަންނަން ޖެހޭނެ ބައަކު ތިބޭނެއެވެ. އެމީހުން ނަރަކައިން ސަލާމަތްކުރަން އެމީހުންގެ އެކުވެރިން ސުވަރުގޭގައި ތިބެގެން މަސައްކަތްކުރާނެތެވެ.

ސުވަރުގޭގެ އަހުލުވެރިން ﷲ އަށް ދަންނަވަމުން ގެންދަވާނެތެވެ. "ޔާ ﷲ! އަޅަމެންނާއިއެކު ނަމާދުކޮށް ޒަކާތްދީ ޙައްޖުވެ އެ ނޫންވެސް އަޅުކަންކޮށް އުޅުނު އެކުވެރިން މިސުވަރުގެއަކުން ނުފެނެއެވެ."

އެމީހުން މިފަދައިން ދަންނަވަނީ އެމީހުންގެ އެކުވެރިން ވީ ނަރަކައިގައިކަން އެނގި ތިބެއެވެ. ނަމަވެސް އެކަން އެގޮތަށް ހާމަ ނުކުރަނީއެވެ.

އެމީހުންގެ އަޑުއައްސަވައިވޮޑިގެން "ނަރަކައަށް ގޮސް އެމީހުންނަށް ފާހަގަކުރެވޭ ކުރެވޭ މީހަކު ފެނިއްޖެ ނަމަ ހޯދައި ނަރަކައިން ނެރެން" ވަޙީ ކުރައްވަވާނެތެވެ. އެއާއިއެކު މީސްތަކުން ނަރަކައަށް ދާނެތެވެ. އެމީހުންގެ ގާތް ތިމާގެ މީހުންނާއި އެކުވެރި ރަޙްމަތްތެރިން ފެނޭތޯ ބަލާނެތެވެ.

ﷲ ތަޢާލާގެ އިޛްނަފުޅާއިއެކު ބައެއް މީހުން ފެންނާނެތެވެ. ބައެއް މީހުންގެ ފައިތިލަ އާއި ހަމައަށް ހުޅު ހިފައި އަނދަމުންދާނެތެވެ. އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން ހިފާފައި ހުންނާނީ އެމީހަކު ކުރި ފާފައިގެ މިންވަރުންނެވެ.

ﷲ ތަޢާލާގެ އިޒުނަފުޅާއިއެކު އެމީހުންނަށް ފެނުނު އެކުވެރިން ނަރަކައިން ނެރެ ސަލާމަތްކުރާނެތެވެ. އަދި އެމީހުންގެ ހަށިތައް ޠޯހިރުވުމުން ސުވަރުގެ ވައްދަވާނެތެވެ.

މީސްތަކުންނޭވެ! ފާހަގަކުރަން ބޭނުންވަނީ ހެޔޮލަފާ މީހުންނާއިއެކު ދުނިޔޭގައި އުޅުމުގެ މުހިންމުކަމެވެ. ނަމާދުނުކުރާ، ހެޔޮ އަމަލުތައް ނުކުރާ މީހުންނާއިއެކު އުޅުމުން ތިބާ ނަރަކައިން ސަލާމަތް ކުރަން ދާނީ ކާކުހެއްޔެވެ؟ ތިބާއަށްޓަކައި ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވާނީ ކާކު ހެއްޔެވެ؟ ތިބާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނީ ކާކު ހެއްޔެވެ؟

ވީމާ އެކުވެރިން ހޯދަންވީ ދުނިޔޭގައި އެމީހަކަށް ލިބިފައިވާ ތަނަވަސްކަމާއި އާރާއި ބާރަށް ބަލައިގެނެއް ނޫނެވެ. ސިޔާސީ މަޤާމާއި ނުފޫޒަށް ބަލައިގެނެއްވެސް ނޫނެވެ. ތިމާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވައިދޭނެ ތަޤްވާވެރިންނަށް ބަލައިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން