ޢާއިޝަތުގެފާނު ހުންނެވިތަނެއްގަ އަންހެނަކު ކުރި ޝަކުވާގެ އަޑުމަޑުކަމުން އެކަމަނާއަށް އަޑުއިވިވަޑައިނުގަތް ނަމަވެސް ﷲ ތަޢާލާ 7 އުޑުމަތިން އައްސަވައިވޮޑިގެންވިކަން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ޢާއިޝަތުގެފާނު ހުންނެވިތަނެއްގަ އަންހެނަކު ކުރި ޝަކުވާގެ އަޑުމަޑުކަމުން އެކަމަނާއަށް އަޑުއިވިވަޑައިނުގަތް ނަމަވެސް ﷲ ތަޢާލާ 7 އުޑުމަތިން އައްސަވައިވޮޑިގެންވިކަން-!

އިސްލާމް ދީނުގައި އަންނުންނަށް ދެވިގެންވާ މަތީދަރަޖައާ ސަމާލުކަމާއި ޤަދަރު ނުއެނގިތިބެ އެކަންކަމަށް ބެހި ފުރައްސާރަކުރާ މީހުންގެ ޖާހިލުކަން ބޮޑީއެވެ. މި ހާމަކުރަނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގަ ހިނގައިދިއަ ކަމެއްގެ ވާހަކައެވެ.  

ޞަޙާބީ ބޭކަނބަލަކު އެކަނބުލޭގެ ފިރިތަލުންގެ ޝަކުވާ ރަސޫލް އަށް ހުށަހަޅައި ދެންނެވީ ޢާއިޝަތުގެފާނު ކޮޓަރިކޮޅުގައި ހުންނެވިއިރުވެސް ބައެއް ތަންތަންކޮޅު އެކަމަނާއަށްވެސް އަޑުއިވިވަޑައިނުގަންނަވާހައިވެސް ސިއްރުންނެވެ. އެކަން އެނގިގެންދަނީ ޢާއިޝަތުގެފާނުގެ ބަސްފުޅުންންވެ. 

ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ. 

"ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ތަކެއްޗެއް ބައްލަވާ ވޮޑިގެންވެއެވެ. އަނދިރި ރެއެއްގައި ކަޅު ހިލަމަތީގައި ޙަރަކާތްކުރާ ކަޅު ހިނިވެސް ﷲ ދެކެވޮޑިގެންވެއެވެ. ހަމައެފަދައިން އެކަލާންގެ ހުރިހާ ކަމެއް އައްސަވާވޮޑިގެންވެއެވެ. ސިއްރާއި ފާޅުގައި ބުނާ ބުނުންތަކާއި ކުރާ ކުރުންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. އައްސަވާ ވޮޑިގެންވެއެވެ. ސޫރަތު ޠާހާގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. 

(وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى ﴿٧) 

މާނައަކީ: "ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ.

 (قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَ‌كُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ‌) 

މާނައަކީ: " ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

މި އާޔަތް ބާވާލެއްވުމާއި ގުޅިގެން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. 

"ހުރިހާ އަޑުތަކެއްގެ މައްޗަށް އެފަރާތުގެ އިވުން ތަނަވަސްވެގެންވާ ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމެއް ހިނގިއިރު ތިމަންކަމަނާ ހުންނެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައެވެ. އެއަންހެން ކަމަނާ ޖަދަލުކޮށް، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ވާހަކަ ދައްކަވަމުން ގެންދެވިއިރު ތިމަންކަމަނާ އަށް ބައެއް ވާހަކަތައް އަޑެއް ނީވެއެވެ. އެހެންނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެއަންހެންކަމަނާ އާއި ދެމެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް ﷲ ވަނީ އައްސަވާވޮޑިގެންފައެވެ." 

އެހެންކަމުން، ﷲ ތަޢާލާ ހުރިހާ ކަމެއް ދެކިވޮޑިގެންވާ ކަމާއި، އައްސަވާ ވޮޑިގެންވާ ކަމަށް އީމާންވާން ޖެހެއެވެ. މިގޮތަށް އީމާންވުމުގެ މާނައަކީ ﷲ އަށް ބިރުވެތި ވުމެވެ. ތިމާކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ ކަމާއި، ބުނާ ހުރިހާ ބަހެއް އައްސަވާ ވޮޑިގެންވާ ކަން އެނގުމުން އެކަލާންގެ ރުހިވޮޑިގެން ނުވާ ފަދަ ކަމެއް ނުކުރުމެވެ. އަދި އެފަދަ ބަހެއްވެސް ނުބުނުމެވެ. އެހެންނަމަވެސް، ގިނަ އިންސާނުންނަށް އެކަމެއް ހަނދާނެއް ނުހުރެއެވެ. ދުލުން ބަހެއް ބޭރުކޮށްލާއިރު ނުވަތަ ކަމެއް ކުރާއިރު އެއީ ﷲ ރުހިވޮޑިގެންވާފަދަ ކަމެއްތޯ ބަލައެއް ނުލެވެއެވެ. މީހަކު ހަނދާންކޮށްދިނުމުން މެނުވީ ހޭލުންތެރި ނުވެވެއެވެ." 

މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޝް ޢަބުދުއްލަޠީފް 

މިއަދު އޮންލައިން