ހިތްދަތިޙާލުގަ ވަނިކޮށް ލޯބިހުށަހެޅިޔަސް ބަލަންޖެހޭ ކަންކަން ނުބަލައި ފެންނަހާ މީހަކާ ނުގުޅޭށެވެ! ލިބޭ ހިތާމަ މާބޮޑުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހިތްދަތިޙާލުގަ ވަނިކޮށް ލޯބިހުށަހެޅިޔަސް ބަލަންޖެހޭ ކަންކަން ނުބަލައި ފެންނަހާ މީހަކާ ނުގުޅޭށެވެ! ލިބޭ ހިތާމަ މާބޮޑުވެދާނެ!

ދަރިއަކުނެތި ނަމަވެސް ދަރިން ތިބި ނަމަވެސް ބައިވެރިޔާގެ ފަރާތުން އެކުގައި ދިރިނުއުޅެވޭނެ ފަދަ ކަންކަން ތަކުރާރުވަމުންދިއަ ނަމަވެސް ވަރިވުމަށް އަވަސްވެނުގަންނާށެވެ. ކެތްތެރިވެ އެކުގައި ދިރިއުޅެން ހިތްވަރުކުރާށެވެ. 

މިފަދަ ޙާލަތުގައި ތަފާތު ހުށަހެޅުންތައް ލިބެންވެސް ލިބޭނެއެވެ. އެފަދަ ހުށަހެޅުންތައް ބަލައިގަންނަން އަވަސްވެނުގަންނާށެވެ. ރަނގަޅަށް ކަންކަން ބަލާށެވެ. ހުށަހެޅުން ހުށަހަޅާމީހާގެ މާޒީއަށް ބަލާށެވެ. ކުރިން ކައިވެނިކޮށްފައިވާ މީހެއްނަމަ ވަކިޥާންޖެހުނު ސަބަބު ދެނެގަންނާށެވެ. 

އެކަން ދެނެގަންނަން ޖެހޭނީ އޭނާގެ ކިބައަކުން ނޫނެވެ. ޙަޤީޤަތް އެނގޭ ތެދުވެރި އަމާނާތްތެރިނެގެ ކިބައިންނެވެ. ފޮރުވުމެއް ނެތި ބަސްބުނާނެކަން ޔަޤީންވާ މީހުންގެ ކިބައިންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހުންގެ ކިބައިންނެވެ. 

މިހެން މިބުނަނީ އެކަންކަމަށް ނުބަލައި އަވަސްއަރަައިގަނެގެން ވަރިވެ އެމީހަކާއި ގުޅިއްޖެނަމަ ކުރިން ދިރިއުލެންޖެހުނު ޙާލަށްވުރެ ހިތްދަތި ޙާލުގައި ދިރިއުޅެންޖހުމަކީ ވަރަށް ގިނަބައަކަށް  ތަޖުރިބާކުރަންޖެހިފައިވާ ކަމެކެވެ. 

ފިރިމީހާގެ ކިބައިން ނުރަނގަޅު ކަންކަން ފެންނަނަމަ އެކަމުގެ ވާހަކަ އެންމެ ގިނައިން ދަންނަވަން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އަދި އެންމެ ފުރަތަމަވެސް ދަންވަން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަމުގެ ޙައްލު އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމުގައިވާތީއެވެ. މިހެން ބުނަން މިޖެހެނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ފިރިމީހާ އިޞްލާޙްވާނެއެވެ. ނޫންނަމަ އެނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވެވުމަށްވެސް ﷲ ތަޢާލާ ކުލަދުންވަންތައެވެ. 

ވީމާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި ދުޢާކުރުން ގިނަކުރާށެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން