ހޮނިހިރު ދުވަހުގެ ޙުރުމަތްކަނޑައި މަސްހިފި މީހުންގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 20މ 21ސ
ހޮނިހިރު ދުވަހުގެ ޙުރުމަތްކަނޑައި މަސްހިފި މީހުންގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

ޔަހޫދީންނަކީ މޫސާގެފާނަށް ތަބާވެ ތައުރާތަށް އީމާންވި މީސްތަކުންނެވެ. އަދި މިހާރުވެސް ތައުރާތަށް އީމާންވެގެން އުޅޭކަމަށް ދަޢުވާކޮށް އުޅޭ މީހުންނެވެ. ޔަހޫދީންވަނީ އެބައިމީހުން މުޤައްދަސް ކޮށްގެން ގެންގުޅޭ ތައުރާތު އެތައް ގޮތަކަށް ބަދަލުކޮށްފައެވެ. އޭގައިވާ ޙުކުމްތަކާއި އާޔަތްތަށް އޮޅުވާލާފައެވެ. މިހާރު ތައުރާތޭ ކިޔައިގެން އެބައިމީހުން ގެންގުޅޭ ފޮތަކީ އަމިއްލަ އަތްތަކުން ބަދަލުގެނެސް ހަދާފައިވާ "މަސްހުނި ރުނބަ" އެކެވެ. 

މޫސާގެފާނުގެ ޝަރީޢަތުގައި ހޮނިހިރު ދުވަހަކީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ދެއްވައިފައިވާ ދުވަހެކެވެ. އިސްލާމީ އުންމަތަށް ހުކުރު ދުވަސް ޚާއްޞަ ކުރައްވައި މާތް ކުރެއްވި ފަދައިން ޢައްޔަންކުރެވިފައިވާ ދުވަހެކެވެ. އެ ދުވަހު އެބައިމީހުން ތައުރާތު ކިޔަވާ ހަދައެވެ. މާތްﷲ ހަނދުމަކޮށް ޒިކުރުކޮށް ހަދައެވެ. އިލާހީ އަމުރުފުޅުގައިވާ ފަދައިން އެބައިމީހުން އެދުވަސް ޚާއްޞަ ކޮށްފައިވަނީ އަޅުކަން ކުރުމަށެވެ. 

ޔަހޫދީންގެ ތާރީޚުގެ ޞަފްޙާތަށް ނިއުޅާލުމުން ފެންނަނީ ކަޅުކަމެވެ. އަނދިރިކަމެވެ. އެބައިމީހުންގެ ފަސްބައިވަނީ ނަބީބޭކަލުންގެ ލޭފޮދުން ތަތްތެޅިފައެވެ. ޔަހޫދީންވަނީ އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ވަރަށް ގިނަ ނަބިއްޔުންނާއި ރަސޫލުން ޤަތުލުކޮށްފައެވެ. ނުހަނު އިހާނެތި ގޮތްގޮތުންނެވެ. މިދެންނެވި ވާހަކަތަކީ ކީރިތި ޤުރްއާނުގައި ޞަރީޙު ޢިބާރާތުން ބަޔާންވެގެންވާ ވާހަކަތަކެކެވެ. 

މިފަދަ އަގަލެއް ސަގަލެއް، އަދަބެއް ސަދަބެއް ނެތް ބަޔަކަށް އަރަހުށި މާތް ޙުރުމަތްތެރި ކުރައްވާފައިވާ ދުވަހެއްގެ ޙުރުމަތް ކަނޑާލުމަކީ ނުހަނު ކުޑަކަމެވެ.  ކޮންމެއަކަސް ޔަހޫދީންގެ ތެރެއިން ހޮނިހިރު ދުވަހުގެ ޙުރުމަތްކެނޑި މީސްތަކުން ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވި ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ. 

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 65 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿٦٥

މާނައީ: [އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ!] 

މި ވާހަކަ އިތުރު ތަފްޞީލާއެކު އަލް އަޢުރާފު ސޫރަތުގައި ބަޔާން ކުރައްވައިފައިވެއެވެ. އެ ސޫރަތުގެ 163 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވަނީ މި ދަންނަވާ ފަދައިންނެވެ. 

وَاسْأَلْهُمْ عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ ﴿١٦٣﴾ 

މާނައީ: [އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوة ތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެ މަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން امتحان ކުރައްވަމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ.] 

ޙާދިޘާ ހިނގި ދުވަސްވަރާއި ޒަމާން

މި ޙާދިޘާ ހިނގި ދުވަސްވަރަކާ ބެހޭގޮތުން މުފައްސިރުންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގާފައިވެއެވެ. އަލްއިމާމު ޤުރުތުބީ ވިދާޅުވެފައިވަނީ މި ޙާދިޘާ ހިންގާފައިވަނީ ދާވުދުގެފާނުގެ ޒަމާނުގައި ކަމުގައެވެ. ތަފްހީމުލް ޤުރްއާނުގައި އަބުލް ޢައުލާ މައުދޫދީ ވިދާޅުވެފައިވަނީ އެކަމެއް ހިނގައިފައިވަނީ ލާރިމިޔާ އޭ ނަމަކަށް ކިޔުނު ނަބީބޭކަލެއެގެ ޒަމާނުގައެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ 586 އާއި 628 ދެމެދުގެ އަހަރުތަކުގެ ތެރޭގައެވެ. 

އިސްވެދިޔަ އަޢުރާފު ސޫރަތުގެ 163 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވާ [ކަނޑުގެ އައްސޭރީގައި އޮތް ރަށޭ] އޮތް ބަސްފުޅާމެދު އިބްނުޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ.އެރަށަކީ أَيْلَةُ އެވެ. އެއީ މަދްޔަނާއި، ޠޫރު  އާ ދެމެދުގައި އޮތް ރަށެކެވެ. ހަމަ މިފަދައިން  ޢިކްރިމާ އާއި ޤަތާދަތު އާއި ސުއްދީ ވެސް ވިދާޅުވެފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި އެރަށަކީ މަދްޔަނު  ކަމުގައިވެސް އައިސްފައިވެއެވެ. އިބްނު ޒައިދު ވިދާޅުވާ ގޮތުގައި އެރަށަކީ مُقْنَا އޭ ކިޔުނު ރަށެވެ. މިފަދައިން އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ބަޔާން ކުރައްވައިފައިވެއެވެ. 

ހޮނިހިރުގެ ޙުރުމަތް ކަނޑާލާ މަސްހިފަން ފެށުން

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން ޔަހޫދީންގެ މުޤައްދަސް ދުވަހެއްކަމުގައި މާތް ހަމަޖައްސަވައިފައިވަނީ ހޮނިހިރު ދުވަހެވެ. އެދުވަސް ޚާއްޞަކުރައްވާ، އެދުވަހު އަޅުކަމުގައި މަޝްޣޫލުވެ އުޅުމަށްވަނީ އަންގަވާފައެވެ. ހޮނިހިރު ދުވަހު ދިރިއުޅުމުގެ އެއްވެސް ކަމެއްގައި މަޝްޣޫލުވެ އުޅުން އެބައިމީހުންނަށްވަނީ މަނާކުރައްވައިފައެވެ.  

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެބައިމީހުން ދިޔައީ މާތްﷲ، އެބައިމީހުންގެ ފަރާތުން ހިއްޕެވި އަހުދު ކަށަވަރުގެ މަތިން ހަނދާނެތެމުންނެވެ. ދީނާއި ދުރުވަމުން ދިޔަ ވަރަކަށް އެބައިމީހުން އެކިގޮތްގޮތުން އިމްތިޙާނު ކުރައްވަމުން ގެންދެވިއެވެ. ހޮނިހިރުދުވަހު ކަނޑުގެ އައްސޭރިފަށަށް މަސްތައް ކެވި އުތުރި އަރަމުން އައިން އައިނަށް އާދެއެވެ. އެދުވަހަކީ މަސްހިފުން ޙަރާމްދުވަހެކެވެ. ހޮނިހިރު ދުވަސް ނޫން ދުވަސްދުވަހު ކަނޑުން އެބައިމީހުނަށް އެއްވެސް މަހެއް ނުފެނެއެވެ.

މިގޮތުގެ މަތީގައި ދުވަސްތަކެއް ވޭތުވެ ހިގައްޖެއެވެ. އެބައިމީހުންގެ ތެރެއިން ބައެއް މީހުންނަށް މި މަންޒަރު ދެކެންތިބުންވީ އުނގަދޫ ކަމަކަށެވެ. އެހެންކަމުން މަކަވެރި ރޭވުމަކުން އޭގެތެރެއިން މީހަކު މަހެއްގައި ވާގަނޑަކުން އައްސައި އެވާގަނޑު ގެންގޮސް އެގަމުގައި ޖަހާފައިވާ ކަޑައެއްގައި އައްސައިފިއެވެ. ދެން އާދީއްތަ ދުވަސް އައުމުން އެ މަސްހިފައި ބުންޏެވެ. [އަހަރެން މިމަސް ބޭނީ ހޮނިހިރު ދުވަހަކު ނޫނެވެ. އާދިއްތަ ދުވަހުއެވެ.] ދެން މީނާ މިކަންތައް ކުރާގޮތް އެނގި ވަރަށް ގިނަ ބަޔަކު އެ މަޅީގައި ޖެހިގެން މަސްހިފަންފަށައިފިއެވެ. ފުރަތަމަކޮޅު މަސްހިފައި އުޅުނީ ސިއްރުންނެވެ. ދެން ދުވަސްކޮޅެއްފަހުން ހަމަ ފާޅުގައި އެކަން ކުރަންފަށައިފިއެވެ. 

ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާ ގޮތުގައި އެ ރަށުގެ އަހުލުވެރީން ތިން ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ ހޮނިހިރު ދުވަހުގެ ޙުރުމަތް ކަނޑައި މަސްހިފި މީހުންނެވެ. ދެވަނަ ބަޔަކީ މަސްހިފަމުން ގެންދިޔަ މީސްތަކުންނަށް އެކަންތައް މަނާކުރި މީހުންނެވެ. ތިންވަނަ ބަޔަކީ މަސްނުހިފާ އަދި މަސްހިފާ މީހުންނަށް އެކަންތައް މަނާވެސް ނުކުރާ މީހުންނެވެ. މިބައިމީހުންނަކީ މާތް ގެ އަމުރުފުޅަށް ޚިލާފުވި ބައެއްނޫނެވެ. ނަމަވެސް މިމީހުން ނަސޭހަތްތެރިވި މީހުނަށް ބުނެއުޅުނެވެ. މާތް الله އެބަޔަކު ހަލާކު ކުރެއްވުމަށް އިރާދަކުރެއްވި ބަޔަކަށް ނަސޭހަތްތެރިވަނީ ކީއްވެގެން ހެއްޔެވެ؟.

ފަހުން މިދެންނެވި ދެބައިމީހުންގެ ވާހަކަ ބަޔާން ކުރައްވަމުން ޤުރްއާނުގެ އަލްއަޢުރާފު ސޫރަތުގެ 164 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ﴿١٦٤﴾‏

މާނައީ: [އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ.]

މީގެ ތެރެއިން ރާމާމަކުނުތަކަކަށް ބަދަލުކުރެއްވި ބަޔަކީ ހޮނިހިރު ދުވަހު މަސްހިފި މީހުންނެވެ. ސަލާމަތްކުރެވުނު ބަޔަކީ އެކަން މަނާކޮށް އެބައިމީހުންނަށް ނަސޭހަތްދިން މީހުންނެވެ. ތިންވަނަ ބައިމީހުންނަށް ވީގޮތުގެ އެއްވެސް ތަފްޞީލެއް ޤުރްއާނުގައި ބަޔާންކުރައްވައިފައެއްނެވެ.  ތިންވަނަ ބައިމީހުންނަށް މާތް ގެ އަމުރުފުޅަށް ޚިލާފުވި ބައެއް ނޫނެވެ. އިބްނުޢައްބާސްގެފާނާއި ޢިކްރިމާ ވިދާޅުވަނީ އެބައިމީހުންވެސް ސަލާމަތްވި ކަމުގައެވެ. މިފަދަ މާނައެއް ދޭހަވާ ރިވާޔަތެއް އިބްނު ކަޘީރު ގެންނަވައިފައިވެއެވެ. 

ދެންފަހެ، މަސްހިފަމުން ގެންދިޔަ މީހުންނަށް ދެވުނު ނަސޭހަތްތަކުން އެއްބައިމީހުންނަށް އެއްވެސް މަންފާއެއް ނުކުރިއެވެ. އެބައިމީހުން އެގޮތުގައި ދެމިތިބީއެވެ. އެންމެފަހުން މާތް އެބައިމީހުންގެ މައްޗަށް ކޯފާ ލައްވައި ރާމާމަކުނުތަކަކަށް ބަދަލު ކުރެއްވިއެވެ. މިވާހަކަ އަލްއަޢުރާފު ސޫރަތުގެ 165 އަދި 166 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾‏ فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿١٦٦﴾

މާނައީ: [ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ. ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ] 

އިމާމު ޤުރުތުބީ ލިޔުއްވައިފައިވެއެވެ. އިބްނު ރޫމާން ވިދާޅުވެފައިވެއެވެ. އެބައިމީހުން ތެރެއިން މީހަކު ވާގަނޑެއްގައި މަހެއް އައްސައިފައި ކަނޑުގެ ތެރެއަށް ދޫކޮށްލިއެވެ. ވާގަނޑުގެ އަނެއްބައި އެއްގަމުގައި ހުރި މުޑިއެއްގައި އެއްސިއެވެ. ދެން ހޮނިހިރު ދުވަސް ފާއިތުވެ، އާދީއްތަ ދުވަސް އައުމުން އެމަސް، ކަނޑުގެ ތެރެއިން ނަގައިފިއެވެ. މިތަންދެކެ އެހެން މީހުންވެސް އެގޮތަށް މަސްބާނަން ފަށައިފިއެވެ. ބާނާ މަސްތައް ބާޒާރުގައި ވިއްކަން ފަށައިފިއެވެ. އޭގެ ތެރެއިން އެއްބަޔަކު އެބައިމީހުންނަށް އެކަންތައް ވަރަށް ވަރުގަދައަށް މަނާކުރިއެވެ. އެބައިމީހުންނާ ގުޅުން ކަނޑައިލިއެވެ. ދެބައިމީހުންގެ ދެމެދުގައި ފާރެއް ރާނައިގެން ވަކިން ތިބެން ފަށައިފިއެވެ. 

އެބައިމީހުންނަށް އެކަންތައް މަނާކުރި މީހުން އެއްދުވަހަކު އެބައިމީހުންގެ މަޖިލިސް ކުރާތަނަށް ގޮސް އެތައް އިރަކު ތިބި އިރުވެސް މަސްހިފާ މީހުންގެ އެއްވެސް ހިލަމެއް ނުވިއެވެ. ދެން އެބައިމީހުން އެއްބަޔަކު އަނެއްބަޔަށް ބުނަންފަށައިފިއެވެ. [އެބައިމީހުންނަށް ކޮންމެވެސް ކަމެއްވީ ކަންނޭނގެއެވެ.] ދެން އެމީހުން ގޮސް ފާރު މަތީން އަރާ ބެލިއިރު މަސްހިފި މީހުން ތިބީ ރާމާމަކުނުގެ ސިފައަށް ބަދަލު ކުރައްވައިފައެވެ. އެމީހުން ބުންޏެވެ. [އަހަރެންމެން ތިޔަބައިމީހުންނަށް އެގޮތަށް މަސްހިފުން މަނާ ކުރީމު ނޫން ހެއްޔެވެ؟] ސިފަ ބަދަލުކުރެވިފައިވާ މީސްތަކުން އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. {ތަފްސީރު އަލްޤުރްތުބީ. ތަރުޖަމާ ޑރ. ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 298} 

އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. [އެބައިމީހުންގެ ތެރެއިން ޒުވާނުން ބަދަލުވެގެން ދިޔައީ ރާމާމަކުނު ތަކަކަށެވެ. އެބައިމީހުންގެ ތެރެއިން މުސްކުޅިން ބަދަލުވެގެން ދިޔައީ އޫރުތަކަކަށެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 253} 

ސައްޔިދު އަބުލްއަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. އެބައިމީހުންގެ ސިފަ ބަދަލުކުރެވުނު ގޮތާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެބައިމީހުންގެ އުޅުމާއި އަޚުލާޤު ރާމާމަކުނުތަކަކާ އެއްގޮތަށް ބަދަލުކުރެއްވި ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެބައިމީހުންގެ ސޫރަ ރާމާމަކުނުތަކަކަށް ބަދަލުކުރެއްވި ކަމަށެވެ. 

މިކަމުގައި އަޅުގަނޑު (ސައްޔިދު އަބުލްއަޢުލާ މައުދޫދީ) ދެކޭ ގޮތަކީ އަދި އެންމެ ރަނގަޅުކަމަށް ފެންނަ ގޮތަކީ އެބައިމީހުންގެ ބުއްދިއަށް އެއްވެސް އުނިކަމެއް ނައިސް، އެބައިމީހުންގެ ސޫރަ ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވި ކަމެވެ. { ސައްޔިދު އަބުލްއަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ބަޤަރާ ސޫރަތުގެ 65 ވަނަ އާޔަތުގެ ތަފްސީރު}

އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ރާމާމަކުނުތަކަށް ބަދަލު ކުރެއްވުނު މީސްތަކުންގެ ދަރިފަސްކޮޅު ދެމިގެން ގޮސްފައެއްނުވެއެވެ. އެބައިމީހުން އެގޮތުގައި ތިބެ މަރުވެ ދިޔައީއެވެ.]

އަދިވެސް  عبد اللّـه بن عبّاس رضى اللّـه عنه  ވިދާޅުވި ކަމަށް އައްޟައްޙާކު ބަޔާން ކުރައްވައިފައިވެއެވެ. [މާތްﷲ، އެބައިމީހުން ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވީ އެބައިމީހުންގެ ފާފަތަކުގެ ސަބަބުންނެވެ. އެބައިމީހުން ދިރި ދުނިޔޭގައި ތިބީ ތިން ދުވަސްވަންދެންނެވެ. ސިފަ ބަދަލު ކުރައްވައިފައިވާ އެއްވެސް ޤައުމެއްގެ ބަޔަކު ތިން ދުވަހަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނުތިބެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 254} 

عبد اللّـه بن عبّاس رضى اللّـه عنه ގެ މިދެންނެވި ބުނުމަށް ބާރުލިބޭ ޙަދީޘެއް ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. عبدالله بن مسعود رضى اللّـه عنه ވިދާޅުވިއެވެ. އެއްފަހަރަކު މީހަކު ކައުއިތުރު ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. [މިހާރު މިއުޅޭ ރާމާމަކުނާއި އޫރުތަކަކީ ކުރިން ސިފަބަދަލު ކުރެވިފައިވާ އުންމަތުގެ މީސްތަކުންތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ސިފަބަދަލުކުރެވުނު އުންމަތުގެ މީސްތަކުން އެބައިމީހުންނަށް ދަރީންލިބި އެބައިމީހުންގެ ނަސްލު ފެތުރިގެން ދިޔުމަކަށް މާތް  ދޫކޮށެއް ނުލައްވައެވެ. އެބައިމީހުން ސިފަ ބަދަލުކުރެއްވުމުގެ ކުރިން މާތް  ވަނީ ރާމާމަކުނާއި އޫރު ހައްދަވާފައެވެ.]  { صحيح مسلم، كتاب القدر، بَاب بَيَانِ أَنَّ الْآجَالَ وَالْأَرْزَاقَ وَغَيْرَهَا لَا تَزِيدُ وَلَا تَنْقُصُ عَمَّا سَبَقَ بِهِ الْقَدَرُ، ޙަދީޘް ނަންބަރު 2663} 

ސިފަ ބަދަލު ކުރެއްވުމުގެ ޢަޛާބަކީ ހަމައެކަނި  ކުރީގެ އުންމަތްތަކަށް ޚާއްޞަ ޢަޛާބެއް ނޫނެވެ. މި އުންމަތުގެ ބަޔަކުވެސް ރާމާމަކުނަށާއި އޫރަށް ބަދަލު ކުރައްވާނެކަން ޞައްޙަ ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. 

އަބޫމާލިކު އަލްއަޝްޢަރީ ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ. 

"‏ لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ يَخْسِفُ اللَّهُ بِهِمُ الأَرْضَ وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ ‏"‏ سنن ابن ماجه، كتاب الفتن، باب الْعُقُوبَاتِ ، ޙަދީޘް ނަންބަރު 4020}

މާނައީ: [ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ އުންމަތުން ބަޔަކު ރާބޯ ހުއްޓެވެ. ނަމަވެސް އެބައިމީހުން އެއަށް ދީފައިވަނީ އެނޫން އެހެން ނަމެކެވެ. އެބައިމީހުންގެ ކުރިމަތީގައި މިޔުޒިކް ޖަހާ މީހުން މިޔުޒިކް ޖަހާ، ލަވަކިޔާ އަންހެން ކުދިން ލަވަކިޔާ ނެތެވެ. މާތް الله އެމީހުން ބިމަށް ގަންބަވައިލައްވައި އޭގެތެރެއިން ބަޔަކު ރާމާ މަކުނުތަކަކާއި އޫރުތަކަކަށް ބަދަލު ކުރައްވާ ހުއްޓެވެ.] 

އަދި ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. އަބޫޢާމިރު ނުވަތަ އަބޫމަލިކު އަލްއަޝްޢަރީ ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

[ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުންގެ ތެރެއިން ބަޔަކު މީހުން ފަށުވި ފޭރާމާއި، ޒިނޭއާއި ރަލާއި މިއުޒިކު ސާމާނު ހުއްދަ ކުރާނެއެވެ. އެބައިމީހުންގެ ތެރޭގައި ފަރުބަދައެއްގެ ކައިރީގައި ދިރިއުޅޭ ބަޔަކުވެސް ތިބޭނެއެވެ. ހަވީރު ގަޑީގައި އެއުރެންގެ ބަކަރި ހުއިހައްޕާމީހާ އެއުރެންގެ ބަކަރިތަކާއިގެން އަންނާނެއެވެ. އައިސް އެބައިމީހުންގެ ގާތުން އެއްޗަކަށް އެދޭނެއެވެ. ނަމަވެސް އެބައިމީހުން އޭނާއަށް ބުނާނެއެވެ. މާދަން އެނބުރި އަންނާށެވެ.] 

އެދުވަހުގެ ރޭގަނޑުގެ ވަގުތުގައި މާތް އެބައިމީހުން ހަލާކު ކުރައްވާނެއެވެ. އެ ފަރުބަދަ އެބައިމީހުންގެ މައްޗަށް ވައްޓަވައިލައްވާނެއެވެ. ދެން ބާކީތިބި މީހުން ރާމާމަކުނަށާއި އޫރަށް ބަދަލު ކުރައްވާނެއެވެ. އެބައިމީހުން އެގޮތުގައި ޤިޔާމަތާ ހަމައަށް ދެމިތިބޭނެއެވެ. صحيح البخاري، كتاب الأشربة، باب مَا جَاءَ فِيمَنْ يَسْتَحِلُّ الْخَمْرَ وَيُسَمِّيهِ بِغَيْرِ اسْمِهِ، ޙަދީޘް 5590} 

 

 

މިއަދު އޮންލައިން