ލޮބުވެތި މައިންބަފައިންނޭވެ! ސުވަރުގެއަށް ތިބާ ވައްދަވާނީ ތިބާކުރާ ހެޔޮ ޢަމަލުތަކުންނެވެ. ސުވަރުގޭގައި ތިބާ ވަނިކޮށް ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. ސުވަރުގޭގެ މަތީ ދަރަޖަތަކަށް ތިބާ އުފުއްލަވާނެތެވެ.
"ތިމާ ކުރިކަމަކާއި ނުލައި މަތީ ދަރަޖަތަކަށް އުފުއްލެވުމުން އެއީ ކީއްވެގެންތޯ؟" އެމީހުން ސުވާލުކުރާނެތެވެ. އެމީހުންނަށް އަންގަވާނެތެވެ. "އެއީ ތިބާގެ ފާފަ ފުއްސަވައިދެއްވެވުން ތިބާގެ ޞާލިޙް ދަރިން ކުރި ދުޢާއިންނެވެ."
އަދި އެވަރަކުންވެސް ނިމެނީއެއް ނޫނެވެ. ދަރިފުޅަކީ ޙާފިޛަކަށް ވެފައި އޭނާއަކީ ޤުރްއާނަށް ޢަމަލުކުރި ދަރިއެއްނަމަ މައިންބަފައިންނަށްވެސް އިރުގެ އަލިކަން ފަދައިން އަލިގަދަވެގެންވާ ޢިއްޒަތާއި ޝަރަފުގެ ތާޖާއި މަތިވެރިވެގެންވާ ފޭރާމެއް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެތެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ވީމާ ދަރިންނަށް ޤުރްއާން އުނގަންނައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ. އެހެން ޢިލްމްތަކުން ޑިގްރީ ހާޞިލުކުރުމުން ދަރިފުޅުގެ ބޮލުގައި ޔުނިވަރސިޓީން އަޅުވާ ތާޖުން ޤިޔާމަތް ދުވަހު ކުރާނެ ފައިދާއެއް ނުފެނިދާނެއެވެ. ނަމަވެސް ޤުރްއާން އުނގެނި ޢަމަލުކުރަން ދަރިން ތަރުބިއްޔަތު ކުރެވިއްޖެނަމަ ޤިޔާމަތް ދުވަހު ޢިއްޒަތާއި ޝަރަފުގެ ތާޖް އެކުދިންނަށް ލިބުމުގެ އިތުރުން މައިންބަފައިންނަށް ނުވަތަ އެކަމޖުގައި އޭނާއަށް އެހީތެރިވިބައަކަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން
މިބަސްފުޅުތަކުން އެނގިގެންދަނީ ޙާފިޡް ކަމުގެ ކޯސްތަކުގައި ބައިވެރިވާ ދަރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން ނުވަތަ ކޯސްތަކުގައި ދަރިވަރުން ބައިވެރިކޮށް ކިޔަވަން ޚަރަދުކުރުމުންވެސް މި މަތިވެރި ނިޢުމަތް ދެއްވަވާނެ ކަމެވެ. ހަމައެފަދައިން ހިލޭ ސާބަހަށް އުނގަންނައިދިނުމުންވެސްމެއެވެ. އިން ޝާ ﷲ.
އެހެންކަމުން މިއީ ކިހައި މަތިވެރި ހޭދަކަށްވެގެންދާނެތޯއެވެ؟
ގުޅުންހުރި ލިޔުން:
https://islamqa.info/en/answers/14035/benefits-of-being-a-hafiz