ނުބައި މީހުން މިހާގިނައިރު އަންހެންދަރިންނަށް ހެޔޮލަފާ ފިރިއަކު ހޯދައިދޭން މިޒަމާނުގަ ކުރެވޭނީ ކޮންކަމެއްތޯ ގިނަ ބައަކު ސުވާލުކުރެއެވެ.
ޖަވާބަކީ ފުރަތަމަ ކަމަކަށްވެސް ހަދީޘްފުޅުގައިވާފަދައިން ކައިވެނިކޮށްދެވޭމީހާއަކީ ހެޔޮލަފާ، ތަޤްވާވެރި އަޚްލާޤް ރަނގަޅު މީހަކުތޯ ބަލާށެވެ. އެކަން ކަށަވަރުކުރާށެވެ.
ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކަށް ޢަމަލުކުރަން އޮތީ ވަކި ޒަމާނެއްގައެއް ނޫނެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކުއެވެ.
ޢިލްމުވެރިން ބަޔާންކުރައވާ ގޮތުގައި މާޒީ ބަލައި ފަސްކޮނުމުގެ ބޭނުމެއް ނެތެވެ. އޭނާގެ މިހާރުގެ ދިރިއުޅުމަށް ބަލާށެވެ. ތައުބާވެގެންހުރިނަމަ މާޒީއަށް ބެލުމެއް ނެތެވެ.
ދެވަނަ ކަމަކަށް ބަލަން އޮތީ އޭނާއަކީ ދިރިއުޅެން މަސައްކަތްކުރާ މީހަކު ކަމެވެ.
ތިންވަނަކަމެއްގެ ގޮތުން "ދެމަފިރިންނަކީވެސް އެކަކު އަނެކަކަށް ހެޔޮލަފާ މީހުން ކަމުގައިވާށެވެ."
ދެމަފިރިންނަކީ ނުވަތަ ދެމަފިރިންކުރެ އެކަކު ނަމަވެސް ޒިނޭކުރާނަމަ ނުވަތަ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެހެން ކަންކަންވެސް ކުރާނަމަ އެކަމުގެ އަސަރު ދަރިންގެ މުޅި ޙަޔާތަށް ކުރެއެވެ. ވީމާ ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ހޯދައިދިނުމަށް ނުވަތަ ލިބުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް މައިންބަފައިންނަކީ ހެޔޮލަފާ މީހުން ކަމުގައިވާށެވެ. އިން ޝާ ﷲ ކާމިޔާބުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން