ދަރަނި ނަގަން ބިރުވެތިވާންޖެހޭ ސަބަބު: އެކުވެރިޔާ އަތުން "ބޮރޯކޮށްލި" އެންމެ ޑޮލަރަކާހުރެވެސް ނަރަކައަށް ވަންނަން ޖެހިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދަރަނި ނަގަން ބިރުވެތިވާންޖެހޭ ސަބަބު: އެކުވެރިޔާ އަތުން "ބޮރޯކޮށްލި" އެންމެ ޑޮލަރަކާހުރެވެސް ނަރަކައަށް ވަންނަން ޖެހިދާނެ!

އެކުވެރިއަކުން ދަރަންޏަށް ނެގި ކުޑަކުޑަ ފައިސާކޮޅެއް ހަނދާން ނެތިގެން ނުދެއްކިއްޖެނަމަ ފާފަވެރިވާނެކަމާއިމެދު ސުވާލުކުރެއެވެ.  

ޖަވާބުގައި ބުނަން ޖެހެނީ ދަރަންޏަށް ކިތަންމެ ކުޑައެއްޗެއް ނެގިނަމަވެސް ނުދައްކައި އޮވެއްޖެނަމަ އެކަން ވާނީ ހަމަ ދަރަންޏަކަށެވެ. ފޮތެއްގައި ލިޔެގެން ނަމަވެސް ހަނދާންކޮށް ދަރަނި އަދާކުރަންޖެހޭނެއެވެ. 

ދަރަންޏަށް ފައިސާ އާއި ތަކެތި ހޯދުން މިއަދު މިވަނީ ވަރަށް ޢާންމުކަންބޮޑު ކަމަކަށްވެފައެވެ. ކިޔަނީވެސް ވަރަށް ރީތި ނަންނަމެވެ. މަންތްލީ އިންސްޓޯލަމަންޓަށް ނެގުމާއި ބޮރޯކޮށްލުން ފަދަ ނަންނަމެވެ.

ބައެއް މީހުން ވަރަށް އާދައިގެ ސަބަބުތައް މެދުވެރިވެ ރައްޓެހިން އަތުން މަދު އަދަދުގެ ފައިސާކޮޅު "ބޮރޯ" ކޮށްލައެވެ. މިސާލަކަށް އެއްޗެއް ގަންނަން އުޅޭއިރު 10 ޑޮލަރު ނޫނީ 5 ޑޮލަރު މަދުވެދާނެއެވެ. އަދި އެންމެ ޑޮލަރެއް ވެސް މަދުވެދާނެއެވެ. އެއްވެސް ކަމަކަށް ނުހަދައި އެކުގައި ހުންނަ ރަޙްމަތްތެރިޔާގެ އަތުން "ބޮރޯ"ކޮށްލަނީއެވެ. އެއީ ވަރަށް މަދު އަދަދެއް ކަމަށް ބަލައި ފަހުން އަޅައިވެސް ނުލަނީއެވެ. އަދަދު މަދުވުމުން ރަޙްމަތްތެރިޔާވެސް ކޮންމެހެން އަތުލަންވެސް ނުއުޅެނީއެވެ.

މިކިޔައިދޭ ވާހަކައަށް ނިކަން ރަނގަޅަށް ވިސްނައި އަޑުއަހައިބަލާށެވެ!

އުމުރުގައި އެގޮތަށް އެކަން ކުރާނަމަ މަރުވާއިރު ކިތައް ޑޮލަރު ބޮރޯކުރެވިފައި ވާނެ ހެއްޔެވެ؟ ޤިޔާމަތް ދުވަހު ރަޙްމަތްތެރިޔާ އަޅައި ނުލައެއް ނުހުންނާނެއެވެ. އެންމެ ޑޮލަރެއް ގެންގޮސްފައި ނުދީ އޮތް ނަމަވެސް އަތުލަން އަންނާނެއެވެ. ވީމާ ޚިޔާލަށް ގެންނަންވީ މިގޮތަށެވެ.

މީޒާނުގައި ދެކޮޅު ހުރީ ދާދި އެއްވަރަށެވެ. ހެޔޮކަމާއި ނުބައިކަމެވެ. ސަލާމަތް މިވެވެނީ ކިރިޔަ ކިޔާއެވެ. އެވަގުތު އެއްކަލަ ރަޙްމަތްތެރިޔާ އައިސް އެންމެ ޑޮލަރެއް ނުދީ އޮވެގެން ސަވާބުކޮޅު އަތުލުމުން ފާފައިގެ ކޮޅަށް ތިލަފަތް ބަރުވެ ނަރަކައަށް ދާން ޖެހެނީއެވެ. އެހާލަތުގައި ތިމާއަށް މެދުވެރިވާނެ ގޮތް ހިތަށް ގެނެސް ބިރުވެތިވެ ހޭލުންތެރިވާށެވެ!

ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ކިތަންމެ ކުޑަ ޢަދަދަކުން ނަމަވެސް ދަރިވެރިނުވުމަށާއި ދަރަންޏަށް އެއްޗެއް ނަގައިފިނަމަ ވީހާއަވަހަކަށް ދައްކަން އިސްލާމް ދީނުގައި އެހައިބޮޑަށް ބާރުއަޅާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެންމެ ހެޔޮކަން ބޮޑު ގޮތަކީ ދަރަންޏަށް ނަގައިފިނަމަ އެއްބަސްވި މުއްދަތުގެކުރިން ދަރަނި އަދާކުރުމެވެ. މުއްދަތުގައި ދެއްކެން ނެތްނަމަ އެފަރާތުން ގުލަންދެން މަޑުނުކުރާށެވެ! ކުރިއަށް މަޝްވަރާކޮށް މުއްދަތު އިތުރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން