ތިބާއަށް ގެއްލުންދިން މީހާ އެނގެން ކިތަންމެ ބޮޑަށް ބޭނުންވިޔަސް ފާލު ބެލުމުން ލިބޭނެ ގެއްލުން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ތިބާއަށް ގެއްލުންދިން މީހާ އެނގެން ކިތަންމެ ބޮޑަށް ބޭނުންވިޔަސް ފާލު ބެލުމުން ލިބޭނެ ގެއްލުން މާބޮޑުވާނެ!

އަޅުގަނޑަކީ ކުރިން އެހާގިނައިން ބަލިވެއުޅުނު މީހެއް ނޫނެވެ. ނަމަވެސް ކައިވެނިކޮށްގެން ޒަވާޖީ ޙަޔާތެއް އުޅެންފެށިފަހުން އަބަދުހެން އުޅެން ޖެހެނީ ކޮންމެވެސް ބައްޔެއްވެގެންނެވެ. މިއީ ފިރިމީހާގެ ގޭތެރެއިން މެދުވެރިވާ ކަމެއްކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެފަދަ ހުވަފެންތައްވެސް ފެނެއެވެ. 

އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައިވެސް އަޅުގަނޑަށް އަނިޔާވެރިވާ މީހާ ދެނެގަންނަން ފާލުބެލުން ހުއްދައެއް ނުވާނެތޯއެވެ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ކަމެއް، ޝަރީކުރުމާއި ގުޅިފައިވާ ކަމެއް ކުރަން ހުއްދަވާނެ އެއްވެސް ގޮތެއް ނެތެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

މުޞީބާތެއް ކުރިމަތިވުމުން އެކަމަކީ މިވެނި މީހެއްގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް ޤަބޫލުކުރެވޭ މީހުން ތިބެއެވެ. މިފަދަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުރެވޭ ޝައްކުގެ މައްޗަށް އިތުބާރުކޮށް ގެއްލުން ދިން މީހާ ދެނެގަންނަން މަސައްކަތްކުރުމެވެ. ފާލުބަލާ މީހުންގެ ގާތަށް ގޮސް އެމީހުންގެ އެހީތެރިކަންވެސް ހޯދާކަމެވެ. 

ފާލުބެލުން ފަދަ ކަންކަން ކުރުމަކީ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ކަންކަން ނަމަވެސް ގިނަ ބައަކު އެކަން އެބަ ކުރެއެވެ. އެމީހުން އެކަން ކުރަނީ އެކަމަކީ ކިހައިވަރެއްގެ ކަމެއްކަން ނުއެނގިތިބެ ކަމަށްވެސްވެދާނެއެވެ. 

ފާލުބަލައިގެން ހޯދާ ގިނަ މައުލޫމާތު ހޯދަނީ ޖިންނި މެދުވެރިކޮށެވެ. ނަމަވެސް ޖިންނިންނަށް ހުރިހާ ކަންކަން ނުވެސް އެނގޭނެއެވެ. އަދި ގިނައިން ހަދާނީ ދޮގެވެ. އުފައްދާނީ ފިތުނައެވެ. ކުރާ ތުހުމަތު ކޮންމެ މީހެއްގެ ބޮލުގައިވެސް އަޅުވައިވާނެއެވެ. ވީމާ ފުރަތަމަ ކަމަކީ ފާލުބަލާ މީހާ ބުނާ ބުނުމަކީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުނާ ބުނުމެއް ނޫންކަމެވެ. 

ފާލުބެލުމަކީ ޢިލްމުވެރިން އަމއްލަފުޅަށް މަނާކުރައްވަވާ ކަންކަމެއް ނޫނެވެ! އެއީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެކެވެ. ކީރިތި ޤުރްއާނުގައި އެކަން ބަޔާން ކުރައްވަވައި ޙުކުމްފުޅު ވަހީ ކުރައްވަވާފައިވަނީ ހަމަ އެހެންވެސް ފާފަތައް ޙަރާމް ކުރެއްވެވި ﷲ ތަޢާލާއެވެ! ވީމާ ބިރުވެތިވާށެވެ! 

އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތުން މިކަން ޔަޤީން ކުރެވޭނެއެވެ! ވީމާ އެކަން ޙަރާމްކަމަށް ވިދާޅުވި ޢިލްމްވެރިޔާއަށް ނުބަލާށެވެ! ކީރިތި ޤުރްއާނަށް ބަލާށެވެ! އަދި ފާލަބަލާ މީހުންގެ ނަމާދު 40 ދުވަސްދެން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް އޮތް އޮތުމަށް ބިރުވެތިވާށެވެ!

މީސްތަކުންނާއި ﷲ ތަޢާލާ ޢާއި ގުޅުވައިދެނީ ނަމާދެވެ! އެ ގުޅުން ކެނޑި 40 ދުވަހު ހުންނަން ޖެހުމަކީ ކޮންފަދަ ބޮޑު ކަމެއް ހެއްޔެވެ؟ އެ މުއްދަތުގައި ތިބާ މަރުވެދާނެކަމަށް ބިރުވެތިވާނަން ހެއްޔެވެ؟ 

"--އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި، أزلام މެދުވެރިކޮށްގެން ތިއަަބައިމީހުންގެ ނަޞީބް ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިއަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، ފާސިޤް ކަންތައްތަކެކެވެ..." (އަލްމާއިދާ: 3) 

ވީމާ ގެއްލުންދިން މީހާ އެނގެން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ފާލު ނުބަލާށެވެ! އެކަންކުރުމުން ލިބޭނެ ގެއްލުން މާބޮޑެވެ! އަދި އެކަން ނުކުރުމުން ޤުިޔާމަތް ދުވަހު ލިބޭނެ ރަޙްމަތް މާބޮޑެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން