ދެވަނަ ކައިވެނިކުރުމަށްފަހު ކުރީގެ ބައިވެރިޔާއާ އެއްވެސް ވަރެއްގެ ގުޅުމެއް ބާއްވަންޖެހޭނީ މިހާރުގެ ބައިވެރިޔާ ރުހޭނަމަ- ނޫނީ ކަންކަން ދާނީ ގޯހުން ގޯހަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދެވަނަ ކައިވެނިކުރުމަށްފަހު ކުރީގެ ބައިވެރިޔާއާ އެއްވެސް ވަރެއްގެ ގުޅުމެއް ބާއްވަންޖެހޭނީ މިހާރުގެ ބައިވެރިޔާ ރުހޭނަމަ- ނޫނީ ކަންކަން ދާނީ ގޯހުން ގޯހަށް!

ކައިވެނި ރޫޅުމަށްފަހުގައިވެސް 2 މީހުންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބޭއްވުމަކީ މައްސަލައެއް ނޫނެވެ. އެކަކު އަނެއްގެ ޙާލުބަލާލައި ހެދުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ ދެމީހުން އިތުރު ކައިވެންޏެއް ނުކޮށް ތިބިނަމައެވެ. 

އިތުރު ކައިވެންޏެއް ކޮށްފިނަމަ 2 މީހުންގެ ގުޅުން ބާއްވަންވާނީ ބައިވެރިޔާ އެކަމަށް އިޢުތިރާޒް ނުކުރާނަމައެވެ. ނަމަވެސް ބައެއް މީހުން އެއީ ތިމާއަށް ލިބިގެންވާ ޙައްޤެއްކަމަށްބުނެ ގުޅުން ބާއްވައެވެ.  ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ. 

ކައިވެނިކުރުމަށްފަހު އިސްކަންދޭންޖެހޭނީ ބައިވެރިޔާއަށެވެ. ބައިވެރިޔާގެ ހިތުގައި ޝައްކު އުފެދޭނެ ކަންތައްތަކާއި ބައިވެރިޔާ ނުރުހޭ ކަންކަން ކުރުމުން ދުރުހެލިވާންޖެހޭނެއެވެ. އެކަން އެގޮތަށް ނުކުރާނަމަ އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ. 

އަހުރެން ބުނާނީ ކުރީގެ ބައިވެރިޔާއަށް ގުޅަން ބޭނުންވެއްޖެނަމަ ގުޅަންވެސްވާނީ މިހާރުގެ ބައިވެރިޔާގެ ޙާޒިރުގައި ކަމަށެވެ. މިހާރުގެ ބައިވެރިޔާއަށް ސިއްރުން ކުރީގެ ބައިވެރިޔާއާއި ދުނިޔަވީ ވާހަކަ ދެއްކުމަކީވެސް ޝައްކުތައް އުފެދޭނެ ކަމެކެވެ. އެކަން ދެމީހުންނަށްވެސް އޮންނާނީ ހަމަ އެހެންނެވެ. 

ކުރީގެ ކައިވެނި ރޫޅާލަން ޖެހުނީ ދެމީހުންގެ މެދުގައި މާބޮޑު މައްސަލައެއް ޖެހިގެން ނޫންކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވީނަމަވެސް ދެވަނަ ކައިވެނި ކުރުމަށްފަހު އެންމެ މުހިންމު ކަމަކީ ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމެވެ. އެކަން ކުރެވޭނީ އަނެކާ ބޭނުންވާގޮތަށް ކަންކަން ކުރިވަރަކުންނެވެ. އަނެކާ އެދޭގޮތަށް އިޙްތިރާމްކުރިވަރަކުންނެވެ. 

ދެން ބުނެލަން އޮތީ ކައިވެނި ރޫޅުމަށްފަހު ދެމީހުންނަށް ދުރުގައި ނުތިބެވޭނެނަމަ ކައިވެނި ރޫޅައިނުލާށެވެ. އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ. ކައިވެނި ރޫޅިއްޖެނަމަ މާޒީ ހަދަން ޖެހޭނީ މާޒީއަށެވެ. އެމާޒީން ތިމާގެ މުސްތަޤްބަލަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އުފާވެރިކަމުގައި ދިރިއުލެވޭނީ އެއިރުންނެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން