ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. "ހުތުރު މާޒީއެއް އޮތް އަންހެނެންކުއްޖަކާ ކައިވެނިކުރުމަކީ ކޮންކަހަލަކަމެއްތޯއެވެ؟"
ފުރަތަމަ ކަމަކީ މިސުވާލު ރަނގަޅު ނޫންކަމެވެ. ހުތުރު މާޒީއެއް އޮތް ފިރިހެނަކާއި އަންހެނެއްގެ މެދުގައި އެއްވެސް ތަފާތެއް ނެތުމުންނެވެ. ވީމާ ސުވާލަކަށްވާންޖެހޭނީ ހުތުރު މާޒީއެއް އޮތް މީހަކާއި ކައިވެނިކުރުމުގެ މައްސަލައެވެ. އެއީ ކޮންމެހެން އަންހެނަކަށް ނުވަތަ ފިރިހެނަކަށްވުމުން އެއްވެސް ތަފާތެއް ނެތީތީއެވެ.
މިސުވާލާއި ގުޅިގެން ބުނެލަން އޮތީ ނުބައި މަގުން ދިއުމަށްފަހު އެމީހަކަށް އެކަން ވިސްނި ތައުބާވެ އިޞްލާޙްވެއްޖެނަމަ އެއީ އެމީހަކަށް ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. އަދި ތައުބާވެ އިޞްލާޙްވުމަށްފަހު ގިނަ ބައަކު އަންނަނީ ރަނގަޅަށް އުޅެމުންނެވެ. އަދި އެއްވެސް ކުށެއް ނުކޮށް އުޅޭކަމަށް ބެލެވޭ ވަރަށް ގިނަބައަކަށްވުރެ މާރަނގަޅަށް އުޅޭ މީހުންވެސް މަދެއްނޫނެވެ.
ކިތަންމެ ހަޑި މާޒީއެއް އޮތް ނަމަވެސް އެމީހަކު ތައުބާވެ އިޞްލާޙްވެ ރަނގަޅު ގޮތުގައި އުޅެންފަށާހިސާބުން އޭނާގެ މާޒީ އެވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ފުހެވިގެން ގޮސްފައެވެ. ވީމާ އެމީހަކާއިމެދު ނުބައިކޮށް ދެކެގެން ނުވާނެއެވެ. އަދި އޮތީ އެމީހަކަށް ހިތްވަރުދިނުމެވެ.
ކައިވެނިކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. އޭނާއަކީ ތައުބާވެ، ޢަމަލުތައް އިޞްލާޙްކޮށް އެގޮތުގައި އުޅެމުން އަންނަ މީހަކު ކަމުގައިވާނަމަ އޮތީ އެމީހަކު ބަލައިގަތުމެވެ. އަދި އެކަމުގެ ނަތީޖާވެސް މާފޮނިވެފައި އުފާވެރިކަން ލިބުންގާތެވެ. ސަބަބަކީ ޔައުބާވެ އެގޮތުގައި ހުރުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެތީއެވެ. އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތީއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން