ގިނަ އަނބިންނަކީ އެމީހުންނަށް ދޭން ފިރިމީހާ އެއްބަސްވާ މިންވަރަށް ދޭނަމަ އިތުރަށް ހޯދަން މަސައްކަތްކުރާނެ ބައެއް ނޫނެވެ. މިއީ ދިރާސާތަކުން އެނގޭ ކަމެކެވެ. ގިނަފަހަރު މައްސަލައަކަށް ވެގެން ދަނީ ދޭން އެއްބަސްވާވަރާއި ގާތަކަށްވެސް ނުދެވޭތަނުގައި ދެވޭނެ މިންވަރެއްވެސް ނުބުނެވޭތީއެވެ. ބުނި ނަމަވެސް ނުދެވި ފޭލްވާތީއެވެ.
އެއްވެސް ޙާލެއްގައި މިދައްކަނީ ފައިސާގެވާހަކައެއް ނޫނެވެ. ތަނަވަސްކަންހުރިނަމަ ފައިސާ ދެވިދާނެއެވެ. ގިނަ ބައަކަށް ފައިށާ ދިނުމަކީ މައްސަލައަކަށް ނުވެއެވެ. އަދި ތިބެނީވެސް ފައިސާދޭން ތައްޔާރަށެވެ. އެއީ ފައިށާއިން އަނބިމީހާ މައިތިރިކުރެވޭނެ ކަމަށް ބަލާތީއެވެ.
އެހެނަސް މިދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ. މިދައްކަނީ ލޯތްބާއި އަޅައިލުމާއި ވަޤުތު ދިނުމުގެ ވާހަކައެވެ. އަނބިމީހާއަކީ ހެޔޮލަފާ އަންހެނަކު ނަމަ އަތަށް ކިތަންމެ ގިނަ ޢަދަދެއްގެ ފައިށާދިން ނަމަވެސް، އަދި ކިތަންމެ ގިނައިން ޚަރަދުކުރިޔަސް ހުސްނުވާނެ ފައިސާ އެކައުންޓަށް ޖަމާކޮށްދިން ނަމަވެސް ލޯތްބާއި އަޅައިލުމާއި ވަޤުތު ނުދޭނަމަ ޝަކުވާކުރާނެއެވެ.
ފައިސާ ކިތަންމެ މުހިންމު ނަމަވެސް ހެޔޮލަފާ އަންހެނުން ކައިވެނިކުރާނީ ފައިސާގެ ބޭނުމަކު ނޫނެވެ. އުފަލުގައި ދިރިއުޅުމުގެ ބޭނުމުގައެވެ. ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުމާއި ވަޤުތު ނުލިބޭނަމަ އެމީހުންކަށް ހިތްޖެހުމެއް ނުލިބޭނެއެވެ.
އަހުރެން ދަންނަ މިލިއަނަރަކު ހުރެއެވެ. އޭނާގެ އަމިއްލަ 5 ކުންފުނި ހުރެއެވެ. އޭނާ މަސައްކަތް ނިންމާފައި ނުވަތަ ނުނިމުނަސް ހަވީރު 5 ޖެހުމުގެ ކުރިން ގެއަށް ވަންނާނެއެވެ. ވަނުމަށްފަހު އެންމެ ކުޑަމިނުން ފޯނު ބަލައިވެސް ނުލާނެއެވެ.
އޭނާ ގެއަށް ވަނުމަށްފަހު އިމަރޖެންސީ ޙާލަތުގައި ކަންކަމު ގުޅަންޖެހޭ މީހުން ގުޅަންޖެހޭނީ ގޭގައި ޑިޔުޓީ އަދާކުރާ ސެކެޓްރީންނަށެވެ. ގުޅި ނަމަވެސް އެކަމެއް ޢޭނާ އާއި ހަމައަށް ގެންދިއުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި ޚާއްޞަ ކަންކަމަށެވެ. އެފަދަ މުހިންމު ކަމެއް ނޫންނަމަ ސެކެޓްރީއަށްވެސް އޭނާއާއި ހަމައަކަށް ނުދެވޭނެއެވެ.
ގެއަސް އައުމަށްފަހު ހުރިހާ ސަމާލުކަމެއް ދޭނީ އަނބިދަރިންނަށެވެ. ވަޤުތު ހޭދަކުރާނީ އަނބިދަރިންނާއިއެކުގައެވެ. އެހެންވެ އޭނާގެ ކިބައިން ވަޤުތު ނުލިބޭތީ އަނބިދަރިން ޝަކުވާއެއް ނުކުރެއެވެ. ދިރިއުޅެމުން އަންނަނީ ނުހަނު އުފަލުގައެވެ.
ދެން ބަލައިލަންވީ ގެއަށް އައުމަށްފަހު އެއްވެސް މަސައްކަތެއް ކުރަންނުޖެހޭ ފެންވަރުގެ މީހުންނަށެވެ. އެފަދަ ގިނަ މީހުންނަށް ފުރަތަމަ ކަމަކަށް އޮފީސް ނިމިގެން އަވަހަކަށް ގެއަކަށް ނައުދެވެއެވެ. ގެއަށް އައުދެވުމަށްފަހުގައިވެސް އުޅެނީ ފޯނުން ސަލާމަތްނުވެވިގެންނެވެ. ޓީވީ ބެލުމުން ސަލާމަތްނުވެވިގެންނެވެ. އަނބިދަރިންނާއިއެކު ވަޤުތުކޮޅެއް ހޭދަކުރެވޭ ކަމަކަށް ނުވެއެވެ.
އަހުރެން އުންމީދުކުރަނީ އަހުރެން މިދެއްކި ވާހަކަތަކުން، ޚާއްޞަކޮށް އެމިލިއަނަރުގެ ދިރިއުޅުމުން ޢިބްރަތް ލިބިގަންނާނެ ކަމަށެވެ. އުފާވެރި ޢާއިލީ ދިރިއުޅުމެއް އުޅެން ދަސްކުރާނެ ކަމަށެވެ.
މިއީ އެކުވެރިއަކު އަޅުގަނޑަށް ޙިއްޞާކޮށްފައިވާ ވާހަކައެކެވެ.
- އަލަފް / މިއަދުނޫސް