ކައިވެންޏަށްފަހު ޒިނޭކުރުމަކީ އެންމެ ބޮޑު އެއް ފާފަ! ދެރަނިކަމެތިކަން ލިބޭ އެންމެބޮޑު އެއް ސަބަބު!: މުފްތީ މެންކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކައިވެންޏަށްފަހު ޒިނޭކުރުމަކީ އެންމެ ބޮޑު އެއް ފާފަ! ދެރަނިކަމެތިކަން ލިބޭ އެންމެބޮޑު އެއް ސަބަބު!: މުފްތީ މެންކު

އަހަރެން މިދައްކަނީ އަންހެނުން ނުވަތަ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. އަންހެނުންނާއި ފިރިހެނުންގެ ވާހަކައެވެ. އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ކައިވެންޏަށްފަހު ޒިނޭކުރާ މީހުންގެ ވާހަކައެވެ. މިކިޔައިދެނީ ކަން އޮތް ގޮތެވެ. 

ޒިނޭކުރާމީހުން މީހުން މުޖުތަމައުގައި ގެންގުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މުޖުތަމައުތައް ސަލާމަތްކުރެވޭނީ އެފަދަ މީހުންގެ ކިބައިން މުޖުތަމައުތައް ސަލާމަތް ކުރެވިގެންނެވެ. ބިކުރުވެރިއަކު ޒިނޭކޮށްފިނަމަ ދެމީހުން ދެފަސްގަނޑަށް ފޮނުވާލަން އޮތީ އެސަބަބަށްޓަކައެވެ.   

ކައިވެންޏަށްފަހު ބައިވެރިޔާއަށްވުރެ މާރީތި މީހުން ފެންނާނެއެވެ. ޒިނޭކުރާހިތްވާނެއެވެ. އެއީ ޝައިޠޯނާ އެކަމަށް ހިތްވަރުދޭތީއެވެ. ޒިނޭގެ ފާފައަށް އަރައިގަންނަނަމަ ﷲ ތަޢާލާ އެމީހަކަށް ލައްވަވާނެ ކޯފާ އެމީހަކަށް ލިބުމަށް ޝައިޠޯނާ އިންތިހާއަށް ބޭނުންވާނެއެވެ. 

ޒިނޭކުރުމުގެ ފާފައަށް ބިރުވެތިވުމުގެ އިތުރުން ކައިވެންޏަށް ފަހު ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާއަކީ އެކަނިހުރި މީހެއް ނޫން ކަމަށެވެ. އެހެން މީހެއްގެ ޙައްޤެއް ތިމާގެ ނަފުސުގެ މައްޗަށް އެބައޮތް ކަމަށެވެ. އެ ޙައްޤަށް ތިމާ ތެދުވެރިވެ އިޚްލާޞްތެރިވާން ޖެހޭނެކަމެވެ.   

ހަމައެއާއިއެކު ވިސްނައިލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާ އަދި ރިވެތި ޢާއިލީ ދިރިއުޅުމެއް ބޭނުންވާ ހަމައެކަކުވެސް ތިމާގެ ބައިވެރިޔާ ޒިނޭކުރުމަކަށް ނުރުހޭނެއެވެ. ވީމާ ތިމާ ޒިނޭކުރުމުން ބައިވެރިޔާއަށްވެސް ހަމަ އެ އަސަރުތައް ކުރާނެކަން ޤަބޫލުކުރަންވާނެއެވެ! 

މީސްތަކުންނޭވެ! ޒިނޭކުރަން ފަށައިފިނަމަ އެންމެ ބޮޑަށް ކުރިމަތިވާނެ އެއް މައްސަލައަކީ ބައިވެރިޔާ މަތިން ފޫހިވާން ފެށުމެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެކަން މެދުވެރިވުމުން ދެމީހުން އެކުގައި ދިރިއުޅުނު ނަމަވެސް އެއްދާން ނުކޮށް އެތައް ދުވަހެއް އެބަ ވޭތިކުރެއެވެ. އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް ލިބެމުންދާނެ އަނިޔާ އާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު އެކަމުގެ ބަދަލު ދެވޭނެ ހެއްޔެވެ؟ އެއީ އެހެން މީހެއްގެ ޙައްޤެއް އެކުލެވޭ ކަމަކަށްވާތީ އެކަމުގެ ފާފަ ﷲ ތައާލާ ފުއްސަވައެއް ނުދެއްވަވާނެތެވެ! ޖެހޭނީ ޙައްޤު އަދާކުރާށެވެ! މާނައަކީ ބަދަލުދޭށެވެ! 

މީސްތަކުންނޭވެ! ތިމާގެ އަމިއްލަ ދިރިއުޅުން ނަގައިލުމަކީ ހަމައެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިބާއަށް ލިބުނު ބައިވެރިޔާ އާއިއެކުގައި އިޚްލާޞްތެރިކަމާއިއެކު ދިރިއުޅެން ގަދައަޅައި މަސައްކަތްކުރާށެވެ! ފެންނަ ރީތި ކޮންމެ އެއްޗަކީ ތިމާއަށް ފައިދާހުރި ނުވަތަ ފައިދާކުރާނެ އެއްޗަކަށް ނުވެދާނެއެވެ. ރިވެތި ދިރިއުޅުމެއް އުޅުމަކީ ކުރެވޭނެ އެންމެ މުހިންމު އެއް އަޅުކަމެވެ. ވީމާ ތިމާއަކީ ތިމާގެ ރިވެތި ދިރިއުޅުމުގެ ސަބަބުން ސުވަރުގެ ވަދެވޭނެ މީހެއް ކަމުގައިވުމަށް މަސައްކަތްކުރާށެވެ! ދެ ދުނިޔެ ކާމިޔާބު ކުރެވޭނީ އެއިރުންނެވެ.

ޒިނޭކުރުމަކީ އެންމެ ބޮޑު އެއް ފާފައެވެ. ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު ޒިނޭކުރުމުން ފާފައިގެ ބޮޑުކަން އިތުރުވެގެންދެއެވެ. ޒިނޭ އަށް ބާވައިލެއްވެވި ޙައްދުން މިކަން އެނގިގެންދާނެއެވެ. 

މިކުރު ވާހަކަކޮޅު ތިއަބައިމީހުންގެ ޢާއިލާގެ މީހުންނަށާއި އެކުވެރި ރަހްމަތްތެރިންނަށްވެސް ފޯރުކޮށްދޭށެވެ! އެހެނީ މިއީ މިއަދު މުޖުތަމައުގައި އަސަގެންފައިވާ އެންމެ ނުބައިކަން ބޮޑު އެއް ވަބާއެވެ! މިވަބާއިން އެމީހެއްގެ ޢާއިލާ އާއި ގާތް މީހުން އަދި ޢާންމުކޮށް އެންމެން ސަލާމަތްކުރަން ގަދައަލައި މަސައްކަތްކޮށްދޭށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން