ބަދަލުހިފުން ހުއްދައެވެ! ނަމަވެސް ބަދަލު ނުހިފުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބަދަލުހިފުން ހުއްދައެވެ! ނަމަވެސް ބަދަލު ނުހިފުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އެންމެ ގިނައިން ކުރެވޭ ސުވާލުތަކުގެ ތެރެއިން ސުވާލެކެވެ. "މީހަކު ތިމާއަށް ގެއްލުމެއް ދީފިނަމަ އެކަމަށް ބަދަލުހިފުން ހުއްދަ ހެއްޔެވެ؟" 

ޖަވާބަކީ ބަދަލުހިފުން ހުއްދައެވެ. އަދި ޤިޞާޞް ހިފުންވެސް ހުއްދައެވެ. ނަމަވެސް އެކަންކުރަންޖެހޭނީ އޭނާކުރި މިންވަރަކަށެވެ. އިތުރެއް ނުކުރެވޭނެއެވެ. 

ވިސްނާލަން ޖެހޭ ކަމަކީ ބަދަލު ނުހިފައިފިނަމަ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށެވެ. ލައްވަވާނެ ރަޙްމަތަކަށެވެ. އެހުރީ އަހުރެމެން އިންސާނުންގެ ޚިޔާލަށްވެސް ގެނެވެން ހުރި ކަންކަމެއް ނޫނެވެ. އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

މީހަކު ނުބައި ބަސްބުނުމުން ރައްދުގައި ބަހެއް ނުބުނެ ހުރުމާއި ނުބައިކަމެއް ކުރުމުން ރައްދުގައި އެއްވެސް ކަމެއް ނުކޮށް ހުރުން ފަދަ ކަންކަމަކީ މީހަކަށް ކުރަން ފަސޭހަވާނެ ކަންކަމެއް ނޫނެވެ. ޚާއްޞަކޮށް ތިމާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދީފިނަމަ ބަދަލުހިފުމަށް ޝައުޤުވެރިކަން އިތުރުވާނެއެވެ. 

އެހެންކަމާއިއެކުވެސް ބުނަން އޮތީ އެއްވެސް މީހަކު ކުރާ ކަމަކަށް ބަދަލުނުހިފާށެވެ. އެއީ ބައިވެރިޔާ ބޭވަފާތެރިވުންކަމަށްވީނަމަވެސްމެއެވެ. އެޙާލަތުގައިވެސް ބައިވެރިޔާ އިޞްލާޙްވާންހުރިނަމަ މާފްކުރާށެވެ! މާފްކުރެވެން ނެތްނަމަ އަނިޔާވެރިނުވެ ރިވެތި ގޮތުގައި ދެމީހުން ވަކިވާށެވެ. އެކަމުގެ ބަދަލުހިފައި އަނިޔާވެރިނުވާށެވެ. 

އަހުރެމެން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހޮިވޮޑިގަތުން ލިބެން އޮތީ ތިމާގެ ނަފްސް އެކަމެއް ކުރަން އެދޭ ވަރަށް ގިނަ ކަންތައްތަކެއް ނުކޮށް ދޫކޮށްލައިގެންނެވެ. ތިމާގެ ނަފްސް އެދޭ ގޮތް ދޫކޮށްލައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކޮށްފިނަމަ އެމީހަކަށް މިދުނިޔޭގައިވެސް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން