ދެމަފިރިން އެކަކު އަނެކަކަށް ހަރުކަށި ބަސްތައް ބުނުމަކީ ލޯތްބާ ގުޅުން ކެނޑި ފޫހިވާންފަށާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދެމަފިރިން އެކަކު އަނެކަކަށް ހަރުކަށި ބަސްތައް ބުނުމަކީ ލޯތްބާ ގުޅުން ކެނޑި ފޫހިވާންފަށާނެ ކަމެއް!

ޒަވާޖީ ޙަޔާތެއްގައި އުޅެމުން އަންނައިރު އެކަކު ބޭނުންވާ ކަންކަން އަނެކަކު ކުރަންވީ ކޮންމެހެން ކުރަން މަޖުބޫރުވާތީއެއް ނޫނެވެ. އަނެކާއަށް އިޙްތިރާމް ކުރުމަށެވެ. ދެމީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށެވެ. 

ދެމަފިރިންގެ ޙަޔާތުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަކީ ދެމީހުން މަޝްވަރާކޮށްގެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ފިރިމީހާއަކީ ޢާއިލާ ބެލެހެއްޓޭވަރަށް އާމްދަނީ ލިބޭ މީހަކަށްވެފައި ފިރިމީހާ ބޭނުންވަނީ އަނބިމީހާ ގޭގައި ހުރެގެން ގޭތެރޭގެ ކަންކަން ބަލަހައްޓަން ކަމުގައިވާނަމަ އަނބިމީހާއަށް ހެޔޮކަންބޮޑުވެގެންވަނީ ގޭގައި އިނުމެވެ. 

ވިސްނަނަންވީ ތިމާއަށް ލިބިފައިވާ ތައްލީމަކަށް ނޫނެވެ. ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެކަމެއްގައިވެސް ފިރިމީހާއަށް ކިޔަމަންތެރިވުމަށް އޮތް ބަސްފުޅަށެވެ. އެބަސްފުޅަށް ޢަމަލު ނުކުރެވޭނަމަ ލިބިފައިވާ ތަޢްލީމުން ކުރާނެ ފައިދާއެއް ނެތެވެ. 

ފިރިމީހާ ގޭތެރޭގެ ކަމެއް ކުރަން ބުނުމުން ނުކުރާނަން ކަމަށް ނުބުނާށެވެ! ހަމައެއާއިއެކު އަނބިމީހާގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ތިބާއަށް ޚަރަދުނުކުރާނަން ކަމަށް ނުބުނާށެވެ. ކައިވެނި ކައިވެންޏެއްގެ ގޮތުގައި ދެމިއޮންނާނީ ދެމީހުންވެސް ދެމީހުންގެ ޒިންމާތައް އަދާކޮށްގެންނެވެ. 

އަދިވެސް ވިސްނައިލާށެވެ! އަނބިމީހާއަށް ޚަރަދުނުކުރާނަން ކަމަށް ބުނުމަކީ އަނބިމީހާ ގާތު އަމިއްލައަށް އާމްދަނީ ހޯދަން ބުނުމެވެ. ވީމާ އެއީ ފިރިމީހާއަށް ބުނުން ހުއްދަ ބަހެއް ނޫނެވެ. އަނބިމީހާއަށް ޚަރަދުނުކުރާނަމަ ވަޒީފާ އަދާކޮށްގެން ނަމަވެސް އޭނާއަށް ފައިސާ ހޯދަން މަޖުބޫރުވާނެކަން ޤަބޫލުކުރަންވާނެއެވެ. 

ހަމައެއާއިއެކު ބުނެލަން އޮތީ ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް ހަރުކަށި ބަސްތައް އެކަކުވެސް ނުބުނާށެވެ! އެފަދަ ބަސްތައް ބުނުމަކީ ދެމަފިރިންގެ ގުޅުމަށް ހުރަސް އެޅިގެންދާނެ ކަމެކެވެ. ފޫހިވާން ފަށާނެ ކަމެކެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން