އެއްވެސް މީހަކީ ފަޟީޙަތްވާން އެދޭނެ މީހެއް ނޫނެވެ. އަދި ތިމާއަށް ދެރަގޮތެއް ވުމަށް އެދޭނެ މީހެއްވެސް ނޫނެވެ. ފުރަތަމަ ސުވާލަކީ އެކަމަކުވެސް ފަޟީޙަތްވަނީ ކީއްވެގެން ހެއްޔެވެ؟
އޮތީ އެންމެ ޖަވާބެކެވެ. އެޖަވާބަކީ ފަޟީޙަތްވަނީ ފަޟީޙަތްވާނެ ޢަމަލެއް ކުރުމުންނެވެ. ނުކުރާނަމަ ފަޟީޙަތެއް ނުވާނެއެވެ.
މިޒަމާނުގައި މީހުން ފަޟީޙަތްކުރަން ފޭކް ފޮޓޯ އާއި ފޭކްވީޑިއޯވެސް އުފައްދާނެއެވެ. ނަމަވެސް ކާމިޔާބެއް ނުވާނެއެވެ. އެއީ ފޭކް އުފެއްދުމެއްކަން ދެނެގަނެވޭނެ ވަސީލަތްތައް ހުރުމުންނެވެ. ވީމާ ބައަކު ކިތަންމެ ބޭނުންވި ނަމަވެސް ފަޟީޙަތްވާނީ އޮރިޖިނަލަކުންނެވެ. އޮރިޖިނަލެއް ލިބޭނީ އެކަމެއް ކުރުމުންނެވެ.
ދެން އޮތް ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ އޮތީ އެންމެ ޙައްލެކެވެ. އެއީ ތިމާގެ ހަވާނަފްސް ކަމަކަށް އެދުމުން އެކަމެއް ކުރުމުގެ ކުރިން ވިސްނައިލުމެވެ. އެކަން ކޮށްފިނަމަ ކުރިމަތިވެދާނެ މައްސަލަތަކާއިމެދުގައެވެ.
މިޒަމާނުގައި ފޮޓޯ ނަގަން ނުވަތަ ވީޑިއޯކުރަން ކެމެރާ ދިއްކުރާކަށް ނުޖެހެއެވެ. މީހަކު ފެންނަން ހުންނާކަށްވެސް ނުޖެހެއެވެ. މަގުތަކާއި ހާމަތަންތަނުގައިވެސް އަދި މީހުން ބައްދަލުކޮށް އުޅޭ ތަންތަނުގައިވެސް ސީސީޓީވީ ކެމެރާތައް ހުރެއެވެ. އެއިގެ ފުޓޭޖް ރެކޯޑްކުރެވެއެވެ. ވީމާ ފަޟީޙަތް ނުވެހުރުމަށް އޮތް ހަމައެކަނި މަގަކީ ފަޟީޙަތްވެދާނެ އެއްވެސް ކަމެއް އެއްވެސް ތަނެއްގައި ނުކުރުމެވެ.
މިވާހަކަކޮޅު ބުނެލަން މިޖެހުނީ ފަޟީޙަތްވާތީ ގިނަ ބައަކު ކަންބޮޑުވާތީއެވެ. އެކަމަށް ދެރަވެ ހިތާމަކުރަންޖެހޭތީއެވެ. ފަޟީޙަތްވުމުން ތިމާގެ ކެރިއަރަށް ގެއްލުން ލިބޭތީ ކަންބޮޑުވާތީއެވެ. މިހުރިހާ މައްސަލަތަކެއްގެވެސް ޙައްލަކީ ހަމަ ކުރިން މިބުނީއެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް ވިސްނައި ފަޟީޙަތްވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ.
- އަލަފް / މިއަދުނޫސް