ގެއަށާއި އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުތައް ކުރުމުން ފުދުނީކަމަށް ބަލައި އަނބިމީހާއަށް އިހްމާލުވުމަކީ ކިތަންމެ ރަނގަޅު އަންތބަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ވީމާ ކިތަންމެ ރަނގަޅު އަންތބަކު ނަމަވެސް ދިރިއުޅުންމަތިން ފޫހިވެ އެހެން ގޮތެއް އިޚްތިޔާރުކުރާ އެއް ސަބަބަކީ އެމީހުންނަށް އަޅައިނުލުމެވެ. ދޭންޖެހޭ ސަމާލުކަން ނުދިނުމެވެ.
ރަނގަޅު އަނބިން ދަރިންގެ ޙައްޤުގައި ވަރަށް ގިނަ ކަންކަމަށް ކެތްތެރިވެއެވެ. ނަމަވެސް އެމީހުންނަށް އިހްމާލުވާނަމަ އެކަން ޙަޖަމްކޮށްގެން ޢުމުރު ހޭދަކުރަން ކެތްތެރިވުމަކީ ވަރަށް މަދު އަންހެނަކަށް ނޫނީ ކެތްތެރިވެވޭ ކަމެއް ނޫނެވެ.
ކުރަންޖެހޭ މަސައްކަތް ކިތަންމެ ގިނަވެފައި ބުރަނަމަވެސް އަނބިމީހާއަށާއި ޢާއިލާއަށް އިހްމާލުނުވެ މަސައްކަތްކުރެވިދާނެއެވެ. މުވާސަލާތީ ގޮތުން ކަންކަން މިހައިފަސޭހަވެފައިވާ ޒަމާނެއްގައި އެއީ ކުރަން އެއްވެސް އުނދަގޫކަމެއް ނޫނެވެ. ބޭނުންވަނީ އެކަމަށް ވިސްނައި ކުޑަ ވަޤުތުކޮޅެއް ދިނުމެވެ.
މަސައްކަތުގައި އުޅޭއިރުވެސް ކިތަންމެ ކުޑަ ވަޤުތުކޮޅަކަށް ނަމަވެސް ގުޅައިލަބަލާށެވެ! ވީޑިއޯ ކޯލެއް ކޮށްލައި މިއުޅެނީ މަސައްކަތުގައިކަން އަންގައިދީބަލާށެވެ. މަސައްކަތް ނިމުނުހާ އަވަހަކަށް ގެއަށްދާނެކަމަށް ބުނެބަލާށެވެ. އަދި އެގޮތަށް ޢަމަލުކޮށްބަލާށެވެ.
ދެން އޮތީ އެކަންކަން ނުކުރެވޭ ސަބަބެވެ. ގިނަ މީހުންނަށް އެކަން ނުކުރެވެނީ ވަފާތެރިނުވެވޭތީއެވެ. މަސައްކަތުގައި އުޅެނީކަމަށް ބުނަމުން އެހެން ކަންކަމުގައި އުލެވޭތީއެވެ. ރައްޓެހިންނާއިއެކު ނުވަތަ ލޯބިވެރިންނާއިއެކު ހޭދަކުރެވޭ ވަޤުތު ގިނަވާތީއެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ ކަންކަން ހިނގަމުން އަންނަ ގޮތެވެ.
ކައިވެނި ރޫޅެން މެދުވެރިވާ ކަންކަމުގެ ވާހަކަތައް މިހައިގިނައިން ދައްކަން މިޖެހެނީ ކައިވެނި ރޫޅުމުން ދަރިންތަކެއް ނިކަމެތިވެގެންދާތީއެވެ. މުޖުތަމަޢުއަށް އެއްވެސް ފައިދާއެއް ނެތް ބައެއްގެ ގޮތުގައި ބޮޑެތިވާ ކުދިން ގިނަވަމުންދާތީއެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ވާހަކަތައް ދެއްކުމަކުން އެކަނި މައްސަލައަށް އެއްވެސް ޙައްލެއް ނުލިބޭނެއެވެ. މައްސަލަ ޙައްލުވާނީ އެޙާލަތުން ސަލާމަތްވާން ކުރަންހުރި ކަންކަން ޢަމަލީ ގޮތުން ކޮށްގެންނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އުފުލައިގެންނެވެ.
- އަލަފް / މިއަދުނޫސް