އެކަނިވެރިމައަކު 3 ދަރިން ގޮވައިގެން އެކަނިވެރިޙާލުގަ އުޅެމުން ބަލިދަރިފުޅުވެސް ގޮވައިގެން ޙައްޖަށްދާން ކުރި ބުރަމަސައްކަތް- ނަމޫނާ ހިތްވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެކަނިވެރިމައަކު 3 ދަރިން ގޮވައިގެން އެކަނިވެރިޙާލުގަ އުޅެމުން ބަލިދަރިފުޅުވެސް ގޮވައިގެން ޙައްޖަށްދާން ކުރި ބުރަމަސައްކަތް- ނަމޫނާ ހިތްވަރެއް!

އެކަނިވެރި މައަކަށްވާންޖެހުމަކީ ވަރަށް ވޭންހުރިކަމެކެވެ. ޚާއްޞަކޮށް ދަރިންގެ ބައްޕަގެ ފަރާތުން މާލީ އެހީތެރިކަން ނުލިބޭނަމަ އެއީ ހުރިހާ ގޮތަކުންވެސް ވަރަށް ވޭންހުރި ދިރިއުޅުމެކެވެ. 

އެހެންކަމާއިއެކުވެސް ބުނެލަން އޮތީ ޘާބިތުވެލަން މަސައްކަތްކުރާށެވެ. މިހާރުނަމަ ޝަރުޠު ހަމަވާ އެކަނިވެރި މައިންނަށް ސަރުކާރުން ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް އެބަ ފޯރުކޮށްދެއެވެ. ތިރީގައި އެވަނީ އެފަދަ އެއްވެސް އެހީތެރިކަމެއް ނުލިބި އޮތް ދުވަސްވަރު އެކަނިވެރި މައަކު ކުރި ހިތްވަރާއި އެކަމުން ޙާޞިލްކުރެވުނު ރަނގަޅު ނަތީޖާގެ ވާހަކައެވެ. ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ އަމިއްލަ މަސައްކަތުން ޙައްޖަށްދާން ބޭނުންވި މީހެކެވެ. އެކަމަށް އަބަދުވެސް ހުރީ ނިޔަތް ގަނެގެންނެވެ. އެހެން ހުއްޓައި އަޅުގަނޑަށް އެންމެ ފުރަތަމަ ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާވީ ސިކުނޑީގައި މައްސަލައެއް ހުރި ބަލި ކުއްޖަކަށެވެ. އެހެންކަމާއިއެކުވެސް ޙައްޖަށް ދިއުން ވީ އޭނާވެސް ވަރަށް ވަރަށް ކުރާ ހިތްވާ ކަމަކަށެވެ. 

އަސާރަ އާއި އެނޫންވެސް ބައެއް ބާވަތްތައް ހަދަން ފެށީ 1997 ވަނަ އަހަރުއެވެ. އެގޮތަށް ކުރަމުން އައި މަސައްކަތުން 2012 ވަނަ އަހަރު މާތް ﷲ ވާގިފުޅާއިއެކު އަޅުގަނޑަށް ވަނީ ޙައްޖުވެވިފައެވެ. އެއިގެ 3 އަހަރު ފަހުން ވަނީ ޢުމުރާއެއްވެސް ވެވިފައެވެ. އެފަހަރުވެސް ދިއައީ ހަމަ ބަލި ދަރިފުޅުވެސް ގޮވައިގެންނެވެ. 

ސަރުކާރަށް ޚިދުމަތްކުރާތާ 18 ވަރަކަށް އަހަރުވެއްޖެއެވެ. މުސާރައަށް ލިބެނީ މަހަކު 5000 ވަރަކަށް ރުފިޔާއެވެ. 

ފިރިހެން ދަރިއަކާއި 2 އަންހެން ދަރިން ލިބިފައިވެއެވެ. ކައިވެނިކޮށްގެން އުޅުނު އިރުވެސް ވަރިކުރި ފަހުންވެސް ފިރިމީހާގެ އެހީތެރިކަމެއް މާލީ ގޮތުން ނުލިބެއެވެ. ވަރިކުރި ފަހުން ކުދިންކޮޅު ގޮވައިގެން މިއުޅެނީ 8000 ރުފިޔާއަށް ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެއްވެސް މީހަކަށް ދަރާފައެއް ނުވާނެއެވެ. ހަލާލު ނޫން އެންމެ ލާރިއެއްވެސް ދުވަހަކުވެސް ބޭނުންކޮށްފައެއް ނުވާނެއެވެ. އަޅުގަނޑުގެ ހުރިހާ ވެސް މިތުރަކީ އަޅުގަނޑު ކުރާ ދުޢާއެވެ! 

ދެއަންހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު މިހާރު ވަނީ ކައިވެނިކޮށްގެން ފިރިމީހާ އާއިއެކު ގޮހެވެ. ދެވަނަ އަންހެން ދަރިފުޅުވެސް މިހާރު އުޅެނީ ވަޒީފާއެއްގައެވެ. ނަމަވެސް ކުލި ދައްކަން ޖެހޭތީ މަސައްކަތް ނުކޮށް ވާން ނެތުމުން މަސައްކަތް ކުރަނީއެވެ. 

މިފަދައިން މަސައްކަތް ކުރަމުން ކިޔަވައި ކޯސްތައްވެސް ހެދީމެވެ. ގޭގެއަށް ގޮސް ޤުރްއާން، ދިވެހި، އިސްލާމް ކުދިންނަށް ކިޔަވައިދިނީމެވެ. ނަމަވެސް ޖެހުނު ބައްޔަކަށްފަހު އެހައި ބުރަކޮށް މަސައްކަތް ކުރެވެން ނެތުމުން މިހާރު ކިޔަވައެއް ނުދެމެވެ. 

މިފަދަ ހިތްވަރުގަދަ ނަމޫނާ އަންހެނުންގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރަން ޖެހެއެވެ.

 

މިއަދު އޮންލައިން