ޒަވާޖީ ޙަޔާތުގަ މަޤާމުގެ ކުރިއެރުން ހޯދަން ވަރަށް ފަސޭހަ ކަމެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޒަވާޖީ ޙަޔާތުގަ މަޤާމުގެ ކުރިއެރުން ހޯދަން ވަރަށް ފަސޭހަ ކަމެއް-!

ދިރއުޅެމުންދާއިރު ކުރިމަތިވާ އެއް މައްސަލައަކީ ހަމައެކަނި މައްސަލަ ފާހަގަކުރެވޭ ކަމެވެ. ހަމައެއާއިއެކު އެ މައްސަލައެއް ޝަކުވާއަކަށް ބަދަލުކޮށްލެވޭ ކަމެވެ. އެހިސާބުން ތިއަކުރާ ޝަކުވާގެ ޙައްލަކީ ކޮބައިތޯ ބައިވެރިޔާ ސުވާލުކޮށްފިނަމަ ދޭނެ ޖަވާބެއް ނުއެނގެއެވެ. މާނައަކީ ޙައްލަކީ ކޮބައިކަން ޝަކުވާކުރާ މީހާއަށް ނުއެނގޭކަމެވެ. 

ސުވާލަކީ އެކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ 

މިބުނަނީ މިޘާލެކެވެ. ތަނެއްގައި ވަޒީފާއަދާކުރާ ދެމުވައްޒިފުންނެވެ. މައްސަލައެއް ކުރިމަތިވުމުން އެކަކު އަބަދުވެސް ވެރިންގެ ގާތަށް ދަނީ ޝަކުވާހިފައިގެން ޝަކުވާކުރާށެވެ! ޙައްލަކީ ކޮބައިކަން އޭނާއަކަށް ނުއެނގެއެވެ. ޙައްލު ބޭނުންވަނީ ވެރިންގެ ކިބައިންނެވެ. 

ދެވަނަ މީހާ މައްސަލައެއް ޖެހުމުން ވެރިންގެ ގާތަށް މައްސަލަހިފައިގެން ޝަކުވާކުރަންދަނީ އެކަމަށް އޮތް ޙައްލަކީ ކޮބައިކަމާއިމެދު ވިސްނައި ޙައްލުވެސް ހިފައިގެންނެވެ. ވީމާ މައްސަލަ ޙައްލުކުރަން ވެރިން މާބޮޑަށް ވިސްނާކަށް ނުޖެހެއެވެ. ކަންތައްކުރާ ސިސްޓަމަށް އެބަދަކު ގެނައުމުން މައްސަލަ ޙައްލުކުރެވުނީއެވެ. 

ނިކަން ބުނެބަލާށެވެ. މިފަދަ 2 މުވައްޒިފެއްގެ ތެރެއިން ފަސޭހައިން ވަޒީފާގެ ކުރިއެރުން ލިބި މަތީމަޤާމުތަކަށް ދެވޭނީ ކާކަށް ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި މައްސަލައާއިއެކު އެކަމުގެ ޙައްލުވެސް ހިފައިގެން ޝަކުވާކުރަންދާ މީހާއެވެ. 

ދިރިއުޅުމުގައިވެސް ދިމާވާނީ ހަމަމިފަދަ ގޮތެވެ. ހަމައެކަނި ޝަކުވާކުރުމުގެ ބަދަލުގައި މައްސަލައިގެ ޙައްލާއިމެދުގައިވެސް ވިސްނާނަމަ އަނެކާއަށް ވަރަށް ލުއިވާނެއެވެ. ޙައްލުކުރަން ކުރަންވީ ކަންތައް އެނގުމުން އެކަމެއް ކޮށްލުމަކީ ވަރަށް ފަސޭހަކަމަކަށް ވެގެންދާނެއެވެ. 

އެއިރުން ހަމަ މަޤާމުގެ ކުރިއެރުން ލިބޭނެއެވެ. ޒަވާޖީ ހަޔާތުގައި ލިބޭ މަޤާމުގެ ކުރިއެރުމަކީ އަނެކާއަށްޓަކައި ހިތުގައި ލޯބިއިތުރުވުމެވެ. ކުރިއަށްވުރެ ބޮޑަށް ލޯބިއިތުރުވުމެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދާނީ އަނެކާއަށް ބޭނުންވެވޭވަރު ބޮޑުވުމެވެ. ދުވަހަކުވެސް އޭނާއާއި ވަކިވާން ބޭނުން ނުވުމެވެ. 

ޒަވާޖީ ހަޔާތެއްގައި އެންމެ ބޮޑަށް ބޭނުންވާނީ އެކަންކަމެއް ނޫންހެއްޔެވެ؟ ވީމާ މިއީ ޒަވާޖެއްގައި އެންމެ ބޮޑަށް ބޭނުންވާނެ ކަންކަން ލިބިގަންނަންވެސް ކިހައި ފަސޭހަ މަގެއް ހެއްޔެވެ؟ 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން