ޤުރްއާން ކިޔެވިނަމަވެސް، ހަދީޘް ބަސްފުޅެއް ކީނަމަވެސް، ދީނުގެ ދަރުސެއް އަޑުއެހިނަމަވެސް އަދި ހުކުރު ޚުޠުބާއެއް އަޑުއެހިނަމަވެސް އެއިގައި ބުނެވޭ ވާހަކައަކީ ކޮންމެވެސް އެހެން މީހަކަށް ނިޞްބަތްވާ ވާހަކައެއް ކަމަށް ނުދެކޭށެވެ. އެގޮތަށް ދެކެންވާނީ އެކަން އެގޮތަށް ހާމަކުރެވިއްޖެނަމަ އެކަންޏެވެ.
އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ ގޮތަށް ހުންނަ ކޮންމެ ވާހަކައަކީ ހަމަ ތިމާއަށްވެސް ނިޞްބަތްވާ ވާހަކަތައް ކަމަށް ޤަބޫލުކުރަންވާނެއެވެ. ކަމެއް ކުރަން ބުނެވިއްޖެނަމަ އެކަމެއް ކުރަން މަސައްކަތްކުރަންވާނެއެވެ. އެކަމަކީ ތިމާކުރަމުން އަންނަ ކަމެއް ނަމަ މިހާރަށްވުރެ ފުރިހަމައަށް އެކަމެއް ކުރަން މަސައްކަތްކުރަންވާނެއެވެ. އަޑުއިވުނު އެއްޗަކުން ތިމާއަށް ފައިދާކުރާނީ މިބުނި ގޮތަށް ޢަމަލުކޮށްފިނަމައެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކީރިތި ޤުރްއާނުގެ އަޑުއިވުމުން އެއާޔަތުގައިވާ ބަސްފުޅަކީ ތިމާއަށް އަމާޒުކުރެވިފައިވާ ބަސްފުޅެއް ކަމަށް ޤަބޫލުކުރެވި ޖާހިލުން އިޞްލާޙްވެފައި އެބަހުއްޓެވެ. ދީނަށް ޢަމަލުކުރަން ކަންނެތްވެފައި ތިބޭ މީހުން ހީވާގިވެފައި އެބަހުއްޓެވެ. ބޮޑެތި ފާފަތައްކުރާ މީހުން ތައުބާވެ ހެޔޮލަފާ މީހުންނަށްވެސް ބަދަލުވެފައިވަނީ މަދަކުން ނޫނެވެ.
މިމަގުން ފައިދާކުރާނީ ވިސްނުންތެރިކަމާއިއެކު ސަމާލުކަންދީގެން އަޑުއެހުމުންނެވެ. އެވާހަކައެއް ދެކެވޭ ތަނެއްގައި އިންނަމަވެސް އެހެން ކަންކަމަށް ވިސްނާނަމަ މިބުނި ފަދަ ފައިދާތަކެއް އެމީހަކަށް ނުކުރާނެއެވެ. އަދި ނިމޭއިރު ދެކެވުނު ވާހަކަތަކާއި ދިން ނަޞޭޙަތްތައް ހަނދާނަކުވެސް ނުހުންނާނެއެވެ. ވީމާ ޖުމުލަކޮށްލާފައި ބުނަން ޖެހެނީ އަޑުއެހިކަމުން އެމީހަކަށް ކުރި އެއްވެސް ފައިދާއެއް ނެތްކަމަށެވެ.
ވީމާ މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ދީނަކީ ނަޞޭޙަތް ކަމަށްވާއިރު ތިމާއަށް ލިބިގެންދާ ނަޞޭޙަތުގެ ފައިދާ ނުކުރާނަމަ އެމީޙެއްގެ ދީން އޮންނާނީ އޮންނާނެ ގޮތަކަށެވެ. އެއްވެސް ހަރުދަނާ ކަމެއް ނެތިއެވެ. ވީމާ ދީނުގައި ޘާބިތުވެހުރުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ނަޞޭޙަތް އަޑުއެހުމާއި ނަޞޭޙަތަށް ޢަމަލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން