ކުޑަ ފާފައެއް ނެތެވެ! އޮތީ ބިރުވެތިވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކުޑަ ފާފައެއް ނެތެވެ! އޮތީ ބިރުވެތިވުމެވެ!

ފާފައިގެ ކުޑަބޮޑުމިން ބެލުމަކީ މާފަހުން އުފެދިގެން އުޅޭ ކަމެކެވެ. ޞަޙާބީންގެ ޒަމާނުގައި އެކަމެއް ނެތެވެ. އެކަމަކީ ކިތަންމެ ކުޑަކުޑަ ކަމެއް ނަމަވެސް އެއީ ފާފައެއް ނަމަ އެބޭކަލުން އެކަމަކާއި ދުރުހެލިވެވަޑައިގެންނެވިއެވެ. 

ފާފައިގައި އަމިއްލައަށް މިން އަޅައި އުޅުމަކީ ވަރަށް ބިރުބޮޑު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އެމީހާ އަމިއްލައަށް ނަރަކައަށް ވެއްޓިގަންނަން ޖެހިދާނެ ކަމެކެވެ. މިކިޔައިދެނީ އެކަމުގެ ވަރަށް ޢާދައިގެ ބައެއް މިސާލުތަކެވެ. 

މިޘާލަކަށް ކަދުރު އޮށަކާއިމެދު ވިސްނައިލާށެވެ! އެއިގެ ޒާތުގައި ވަރަށް ލުއި އެއްޗެކެވެ. ނަމަވެސް މީހެއްގެ ގައިގައި 100 ކަދުރު އިހާ ބަނދެފައި ކޮޅަށް ތެދުވަން ބުނެފިނަމަ ތެދުވެވޭނެ ހެއްޔެވެ؟ ތެދުވަން އުޅެފިނަމަ ބަންޑުން ވެއްޓޭނީ ނޫން ހެއްޔެވެ؟ 

ބެލުންތައް ތިރިކުރަން ބުނީމާ ނުކުރާ މީހުންވެސް ވިސްނައިލާށެވެ! ބެލުންތައް ތިރިނުކުރާނަމަ ބަލައިގެން ނުވާނެ ކިތައް މަންޒަރު ދުވާލަކު ބެލޭނެ ހެއްޔެވެ؟ ދޮގު ނުހަދަން ބުނީމާ އެއީ ދެން އެއްވެސް ކަމެއް ނޫން ކަމަށް ހީކުރާމީހުން ދުވާލަކު ކިތައް ދޮގު ހަދާނެއެވެ. މިފަދަ ކިތަންމެ ކަމެކެވެ. ނިކަން ވިސްނައިބަލާށެވެ! ތިބާގެ އުމުރަކީ 70 ވަރަކަށް އަހަރު ކަމުގައި ވެއްޖެ ނަމަ ކުދިފާފަ ކަމުގައި ތިބާ ބެލި ކިތައް ހާސް ފާފަ ކުރެވިފައިވާނެ ހެއްޔެވެ؟ 

ކުޑަ ފާފަ ކިޔާ އެއްވެސް ފާފައެއް ނެތެވެ. އެހެނީ އެއްވެސް ފާފައެއް ކުރުމުން ޢަޒާބު ދެއްވަވާނެ މިންވަރު އެނގެނީ ކާކަށް ހެއްޔެވެ؟ އެކަން ބެލެން އެބައޮތް ހެއްޔެވެ؟ ނެތްކަން ޔަޤީނެވެ. ވީމާ އަމިއްލައަށް ފާފައިގައި މިން އަޅައި އެކަމުގެ ސަބަބުން ނަރަކައަށް ވެޢްޓިގަންނަ މީހަކަށް ނުވާށެވެ! 

ބައެއް މީހުންނަށް ފާފަ ކުރެވުމުން ކުރެވުނު ފާފައިގައި އަމިއްލައަށް އެބަ މިން އަޅައެވެ. ނުވަތަ ކިރައެވެ. ކުޑަ ފާފަ ނުވަތަ ބޮޑުފާފަ އަމިއްލައަށް ކަނޑައަޅައެވެ. އެމީހުން އެކަން ކުރަނީ ކޮން ފީތާއަކުން މިން އަޅައި ނުވަތަ ކޮން ތިލަފަތަކުން ކިރައިގެން ކަމެއް ނުއެނގެއެވެ. އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށް ބަލާނަމަ އެފާފައަކާއިމެދު ފަރުވާ ކުޑަކުރެވޭނެއެވެ. އެއްވެސް ބިރެއް ނެތި އެ ފާފައެއް ކުރެވޭނެއެވެ. ކުރެވޭ އަދަދެއްވެސް ނުއެނގޭނެއެވެ. އެކަމުގެ ނަތީޖާ އެމީހަކަށް ވަރަށް ހިތިވެސް ވެދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން