ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކެއް ހުރެއެވެ. ކޮންމެ މުޖުތަމަޢުއެއްގައިވެސް ބަލައިގަންނަ ކަންތައްތަކަކާއި ބަލައި ނުގަންނަ ކަންތައްތަކެއް ހުރެއެވެ. އެމީހަކު ކުރަން ބޭނުންވާ ކަމަކަށް ހުރަސް އެޅޭނަމަ ކުށްވެރިކުރަނީ ޤާނޫނުތަކެވެ. އުޅެން ބޭނުންވާހައި ގޮތަކަށް ނުއުޅެވޭނަމަ ކުށްވެރިކުރަނީ މުޖުތަމަޢުއެވެ.
ނަމަވެސް މިއީ އެއްވެސް ބައަކު ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. ކޮންމެ މީހަކަށް އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކުރެވޭނެ ގޮތަކަށް އޮންނަނަމަ ޤާނޫނެއް އޮތުމުގެ ބޭނުމެއް ނެތެއްނޫންހެއްޔެވެ؟ އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކުރާށާއި އެމީހަކު އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލަންވީ ނޫންހެއްޔެވެ؟
އިސްލާމް ދީނާއިމެދުވެސް ބައަކު މިދެކެނީ އެބާވަތުގެ ގޮތަކަށެވެ. ބައެއް މީހުން ބުނަނީ އިސްލާމް ދީނަކީ ހުރިހާ ކަމެއް ޙަރާމްވެގެންވާ ދީނެއް ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ މާގިނަ ކަންތައްތަކެއް ޙަރާމް ކުރެވިގެންވާ ދީނެއް ނޫނެވެ. އެކަމެއް ކުރުމުން ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ދީނުގައި ޙަރާމްކުރައްވަވާފައެއް ނުވެއެވެ. އެކަން މުސްލިމުންގެ އިތުރުން ކާފިރުންވެސް މިއަދު ޤަބޫލުކުރެއެވެ.
މައްސަލައަކަށްވެގެން މިއުޅެނީ އެހެންކަމެކެވެ. މީސްތަކުން ކުރާ ޙަރާމް ކަންތައްތައް ގިނަވީއެވެ. ހަވާނަފްސަށް ހެއްލި ފާފަތަކަށް އަރައިގަންނަން ބޭނުންވަނީއެވެ. ތިމާއަށް ގެއްލުން ލިބުނަސް ވަޤުތީ އުފާ ހޯދަން ބޭނުންވެވެނީއެވެ.
ފާފަ ކުރުމަކީ ބޮޑުކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ދުވަސް އަންނާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ނަތިޖާއަކީ ފާފަތަކުން ސަލާމަތްވެ ހުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން އައުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަލަންވީ އެކަމެއް ކޮށްލުމުން ލިބޭ ވަޤުތީ އުފަލަކަށް ނޫނެވެ. ފަހުން ކުރިމަތިވެދާނެ މައްސަލަތަކަށެވެ. ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށެވެ. ބިރުވެތިވާންވީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ. އެކަންކަން ހިތަށް ގެނެވޭނެ ނަމަ ފާފަކުރަން ބިރުވެތިވެވުނީހެވެ.
- އިސްލާމީ ތިލަފަރުގެ ދަރުސަކުން