ޢުމުރުން ކިތަންމެ ދުވަސްވެފައިވީނަމަވެސް ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން ކުރެވިދާނެ 4 ކަމެއް އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޢުމުރުން ކިތަންމެ ދުވަސްވެފައިވީނަމަވެސް ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން ކުރެވިދާނެ 4 ކަމެއް އެބައޮތެވެ!

ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބިއްޖެ މީހަކަށް އެވަނީ ސުވަރުގެ ޔަޤީންކުރެވިފައެވެ. އިން ޝާ ﷲ. އެހެންކަމަށްވާނަމަ އެއަށްވުރެ މުހިންމު ކަމަކީ ކޮބައިހެއްޔެވެ؟ އެކަން އެދިގެން ގަދައަޅައި ަމސައްކަތްކުރުމަށްވުރެ މުހިންމު ކަމަކީވެސް ކޮބައިހެއްޔެވެ؟

ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނުލިބޭނެ ދުވަހު އެ ހިޔާވަހިކަން ލިބޭނެ 7 ބާވަތެއްގެ މީހުން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މީގެ ތެރެއިން 3 ކަންތައް ތިބާއަށްވަނީ ގެއްލިގެން ގޮސްފައި ކަމަސްވެދާނެއެވެ. އެއީ ޒުވާން ޢުމުރުގައި އެކަންކަމަށް ސަމާލުކަނަ ނުދެވިއްޖެނަމައެވެ. ނަމަވެސް މާޔޫސްވާކަށް ނުޖެހެއެވެ. އެއިގެ ތެރެއިން 4 ކަމަކީ ކޮންމެ ޢުމުރެއްގައިވެސް، ޢުމުރުގެ ކޮންމެ ހިސާބެއްގައިވެސް ތިބާއަށް ޙާޞިލްކުރެވެން އޮތް ކަންކަމެކެވެ.

މިޘާލަކަށް ތިބާއަކީ ޒުވާން އުމުރުގައި ތަޤްވާވެރިވެ އަޅުކަން ނުކުރެވުނު މީހަކަށްވެދާނެއެވެ. އަދި ޤަދަރުވެރި ރީތި އަންހެނަކު ޒިނޭކުރަން ނޭދުމުގެ ސަބަބުން އެކަމަށް ދެކޮޅު ހެދުމުގެ ފުރުޞަތު ނުލިބުނު މީހަކަށްވެސް ވެދާނެއެވެ. އަދި ވެރިކަންކުރަން ފުރުޞަތު ލިބެނީ ވަރަށް މަދު މީހަކު މީހަކަށް ކަމުގައިވާތީ ޢަދުލުވެރި ވެރިއަކަށް ނުވެވިވެސް ހިނގައިދާނެއެވެ. 

ނަމަވެސް ކަންބޮޑުނުވާށެވެ! ތިބާއަށް ޢަރުޝީގެ ހިޔާވަހިކަން ހޯދަން ކޮންމެ ޢުމުރެއްގައި ވެސް ޙާޞިލް ކުރެވިދާނެ 4 ކަމެއް އެބައޮތެވެ. އެއީ: 

1 މިސްކިތަށް ލޯބި ޖެހިފައިވާ މިސްކިތުގެ އަހުލުވެރިއަކަށްވެވިދާނެއެވެ.

2 ހަމައެކަނި ﷲ ތަޢާލާއަށްޓަކައި މީސްތަކުން / މިހަކު ދެކެ ލޯބިވާ މީހަކަށްވެވިދާނެއެވެ.

3 ﷲ ތަޢާލާއަށްޓަކައި އެއްއަތުން ކުރާ ޞަދަޤާތް އަނެއް އަތަށްވެސް ނުއެނގޭނެހައި ސިއްރުން (އެއްވެސް އެހެން މީހަކަށް ނުއަންގައި) ޞަދަޤާތްކުރާ މީހަކަށްވެވިދާނެއެވެ. 

4 އެކަނި އިނދެ ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކޮށް ބިރުވެތިވެ ލޮލުން ކަރުނަ އެޅިދާނެއެވެ. 

ވީމާ ޢުމުރުން ކިތަންމެ ދުވަސްވެފައިވީނަމަވެސް ޢަރުޝީގެ ހިޔާވަހިކަނ ނުލިބިދާނެތީ މާޔޫސްނުވާށެވެ! މިކަންކަން ނުވަތަ މިއިން ކަމެއް ކުރާ މީހަކު ކަމުގައިވާށެވެ! ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުމަށް އުންމީދުކުޜާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން