މިފަދަ ޒަމާނުގައިވެސް މީހުން އަޅުވެތިކޮށްގެން ގެންގުޅޭ މީހުން އެބައުޅެއެވެ. އަދި ބައެއް މީހުން ދަރިން ލިބުމުން އަނބިން އަޅުވެތިކޮށްގެންވެސް ގެންގުޅެއެވެ. ދަރިންތައް ގޮވައިގެން ގޮސް ވަންނާނެތަނެއް ނެތުމުން ފިރިމީހާގެ އަނިޔާވެރިކަމަށް ކެތްކޮށްގެން އިންނަޖެހުމަކީ އަޅުވެތިކަމެއްގައި އިނުމެވެ.
ތަޅުލީ ތަނެއްގައި ބަންދުނުކުރި ނަމަވެސް އޭނާ އެއިންނަނީ ބަންދުކުރެވިފައެވެ. އެފަދަ ޙާލުގައި ލިބޭ ހިތާމަތަކާއި ހިތްދަތިކަމުން އޭނާއަށް ލިބޭ ދެރައިގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ!
އަނިޔާވެރިވުމާއި ހިތްދަތިޙާލުގައި އުޅެންޖެއްސުވުމަކީ ކާން ނުދިނުމަށްވުރެ ކުޑަ އަނިޔާއެއް ނޫނެވެ. އެއީ މާބޮޑު އަނިޔާއެކެވެ. ސަލާން ޖަހައިގެންވެސް ކާއެތިކޮޅެއް ލިބިދާނެއެވެ. އެކަމަކު ސަލާންޖަހައިގެން އުފާވެރިކަމެއް ނުހޯދޭނެއެވެ.
މިވާހަކަ ދައްކަން ޖެހެނީ އަނބިމީހާއަށް ދަރިންތަކެއް ލިބި ކަސްތޮޅު އެޅުމުން، ނުކުމެވެގެން ދެވޭނެ ގޮތެއް ނެތްކަން ޔަޤީންވުމުން ފައުޅުގައި ބޭވަފާތެރިވެ ހިތަށްއެރިހައި ގޮތްގޮތަށްވެސް މީހުން އުޅޭތީއެވެ. އެއީ ކުރެވޭ ވަރަށް ނުބައި ޢަމަލެކެވެ. އެއީ ަމތިމައްޗަށް ފާފަކުރުން ނޫން ކަމުގައެއް ނުވާނެއެވެ.
މިޙަދީޘްފުޅަށް ވިސްނައިލާށެވެ!
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ދާންޖެހުނެވެ. އޭނާ އެބުޅާ މަރުވަންދެން ބަނދެފައި ބޭއްވިއެވެ. އޭނާ އެބުޅަލަށް ފެނެއްވެސް އަދި ކާއެއްޗެއްވެސް ނުދެއެވެ. ބިމުން އެސޮރު އަމިއްލައަށް ކާނާ ހޯދަން ދޫކޮށްވެސްނުލާ މަރުވަންދެން އައްސައިފައި ބޭއްވިއެވެ.]
{ مسلم (ت ٢٦١)، صحيح مسلم ٢٢٤٢ • [صحيح] • أخرجه البخاري (٣٤٨٢)، ومسلم (٢٢٤٢)}
- އިސްލާމީ ތިލަފަތުގެ ދަރުސަކުން