އެންމެ އަގުބޮޑު ނަމާދަށް ރައްކައުތެރިނުވެ އެންމެ އަގުބޮޑު، އެންމެ އުފާވެރި ދިރިއުޅުމާ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމަށް އެދޭނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އެންމެ އަގުބޮޑު ނަމާދަށް ރައްކައުތެރިނުވެ އެންމެ އަގުބޮޑު، އެންމެ އުފާވެރި ދިރިއުޅުމާ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމަށް އެދޭނީ ކިހިނަކުންތަ؟

ކޮންމެ މީހަކަށް ބެލިނަމަވެސް އެމީހެއްގެ ދިރިއުޅުމަށް ބަލައިފިނަމަ ފުރަތަމަ ކަމަކަށް ބޭނުންވަނީ އެންމެ ބޮޑު މުސާރައެވެ. އެންމެ އަގުބޮޑު ގެއެކެވެ. އެންމެ އަގުބޮޑު ދިރިއުޅުމެވެ. އެންމެ އަގުބޮޑު ސެންޓާއި ފޭރާމާއި ފައިވާނެއެވެ. މިހެންގޮސް ކޮންމެ ކަމެއްގައިވެސް އެންމެ އަގުބޮޑު، އެންމެ މޮޅު ގޮތްތަކެވެ. 

ކަން މިހެން އޮތްއިރު އެންމެ އަގުބޮޑު ނަމާދާއިމެދު ވިސްނައިލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވަރަށް މަދު މީހަކަށް ނޫނީ ވިސްނައެއް މުލެވެއެވެ. އެނަމާދުކުރާ މީހަކަށްވެ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތީ ދަރަޖަ ލިބިގެންވާ މީހަކަށްވުމަށް މަސައްކަތެއް ނުކުރވެއެވެ. 

"އަދި (ފަރުޟު ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރްއާން ކިޔަވައިވިދާޅުވެ، ތަހައްޖުދު ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!" (އަލްއިސްރާ: 79)

މީސްތަކުންނޭވެ! އެންމެ މަތިވެރިކަންބޮޑުވެގެންވާ ސުންނަތް ނަމާދަކީ ތަހައްޖުދު ނަމާދެވެ. ނުވަތަ ދަމުނަމާދެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޙަމްދު ލިބިގެންވާ މަޤާމަކަށް ފޯރަން އޮތީ ދަމުނަމާދުކޮށްގެންނެވެ.

ދަމުނަމާދުނުކުރެވޭ ތަނުގައި މިއާޔަތަށްވެސް ވިސްނައިލާށެވެ!

"އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބް ނަމާދާއި، ޢިޝާ ނަމާދު ޤާއިމް ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ." (އަލްއިސްރާ: 78)

ފަޔިސްނަމާދާއިމެދު މިހައި ވަރުގަދައަށް ވަޙިކުރައްވަވާފައި އޮތްއިރު އަހަރެމެންގެ ތެރެއިން ފަތިސްނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަތިސްނަމާދުގެ ވަގުތުގައި ފަތިސްނަމާދުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

އެހެންކަމާއިއެކުވެސް ފަށަމުން ބުނިފަދައިން އެންމެ މަތީ ފެންވަރުގައި ދިރިއުޅެންވެސް އެބަބޭނުންވެއެވެ. އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ "ޖަންނަތުލްފިރުދައުސް ދެއްވެވުން އެދި އެބަ ދުޢާކުރަމުއެވެ. މިކަން ދެކޮޅު ޖެހޭނީ ކޮންގޮތަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! އަހަރެމެންނަށް ބޭނުންވާ ކަންކަން ޙާޞިލްކުރެވެން އޮތީ ﷲ ތަޢާލާ ހިންމަވައިދެއްވެވުމުންނެވެ. ހިންމަވައިދެއްވެވުން އެދި އެންމެ ފުރަތަމަވެސް ކުރަން އޮތް ކަމަކީ ފަތިސްނަމާދުން ދުވަސްފަށައި ފަރުޟު 5 ނަމާދު ޤާއިމުކުރުމެވެ. ރަވާތިބް ސުންނަތްތަކަށް ރައްކައުތެރިވުމާއި ދަމުނަމާދަށް އަހުލުވެރިވުމެވެ. އެއިރުން ތިމާ އެދޭ ކަންކަން ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން