ބަލިމީހަކަށް ޒިޔާރްތްކުރާނަމަ މިބަޔާންކުރާ 7 ކަންތަކަށް ސަމާލުކަން ދޭންވާނެއެވެ. އަހަރެމެން ބަލިވާނީ ކޮން އިރަކު ކަމެއް ނުއެނގޭނެއެވެ. އަހުރެމެން ކޮންމެ މީހަކުވެސް އެހެން މީހުންގެ ކިބައިން ހަމަ މިކަންކަމަށް ބޭނުންވާނެތީއެވެ.
1 ފުރަތަމަ ކަމަކަށް ބަލިމީހާއަށް ކެވޭނެ، އޭނާއަށް މީރު، ފައިދާހުރި ކާއެއްޗެއް ގެންދަން މަސައްކަތްކުރާށެވެ. ބަލިމީހަކަށް ކާން ދިނުމަކީ ޤިޔާމަތްދުވަހު ތިބާއަށް ހަމައެފަދަ އެއްޗެއް ސުވަރުގެއިން ލިބުމަށް އުންމީދުކުރެވެން އޮތް ކަމެކެވެ.
2 ދެވަނައަށް އޭނާއަށް ފައިދާކުރާނެ އެއްޗެއްވެސް ގެންގޮސް ދޭށެވެ. އެގޮތުން ދީނީ ލިޔުން، ޢިބްރަތްތެރި ވާހަކަ ފަދަ އެއްޗެތިވެސް ގެންދެވިދާނެއެވެ. ބަލި އެނދުގައި އޮންނަ މީހަކަށް އޭނާގެ ޙާލަތު ތަންދޭނަމަ އެފަދަ ތަކެތި ކިޔުމުން ވަރަށް ފައިދާކުރާނެއެވެ. އަދި އެއީ އެފަދަ ތަކެތި ކިޔައި ޢިލްމް އިތުރުކުރުމަށް ލިބޭ ފުރުޞަތެއްވެސްމެއެވެ.
މީގެ އިތުރުން ހިތްހަމަޖެހޭނެ ފަދަ ތަކެތިވެސް ގެންގޮސްދެވިދާނެއެވެ. ބަލި އެނދުގައި އޮންނަ މީހަކަށް ހިތް ހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އެއީ ބޭހަށްވުރެވެސް މުހިންމު ކަމެކެވެ.
3 ޒިޔާރްތްކުރާ ވަގުތު މަދުކުރާށެވެ. އެހެނީ ގިނައިރުވުމުން ބައެއް މީހުންނަށް އުނދަގޫވާނެއެވެ. ވީމާ އޭނާއަށް އުނދަގޫ ނުވާކަން ކަށަވަރުކުރަންވާނެއެވެ.
4 ބަލި މީހާ އާއި ބައްދަލުކުރަންވާނީ ހިނިތުންވެ ހުރެއެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަންވާނެއެވެ.
5 ބަލިމީހާއަށް އެކަންކަން އެނގުމުން އުނދަގޫވާނެ ޒާތުގެ އެއްވެސް ވާހަކައެއް ނުދައްކާށެވެ. އެފަދަ ކަންކަން އެނގުމުން އެކަންކަމަށް ވިސްނުމަކީ ބަލިފަސޭހަވުމަށް ހުރަސް އެޅޭނެ ކަމެކެވެ.
6 ބަލިމިހާއަށް ހިތްވަރުދޭންވާނެއެވެ. ބައްޔަށް ބަލައި ޑޮކްތަރުން ކޮންމެ ގޮތަކަށް ބުނި ނަމަވެސް ﷲ ޝިފާ ދެއްވެވުމުން ފަސޭހަ ނުވާނެ ބައްޔެއް ނޯންނާނެކަން ވިސްނައިދޭންވާނެއެވެ.
7 ވީވަރަކުން ޛިކުރުކޮށް ދުޢާކުރުން ގިނަކުރަން ހަނދާންކޮށްލައިދޭންވާނެއެވެ. ނަަމވެސް އެވާހަކަ އެހައި ގިނަ ނުކުރާށެވެ!