ސިޙުރުގެ ވާހަކައެއް-: އަންހެނެއްގެ ހެދުމުގެ ތެރެއިން ފެނުނު ކަޅު ހިޔަންޏާ ހެދުމުން ފެނުނު އަކައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ސިޙުރުގެ ވާހަކައެއް-: އަންހެނެއްގެ ހެދުމުގެ ތެރެއިން ފެނުނު ކަޅު ހިޔަންޏާ ހެދުމުން ފެނުނު އަކައިގެ ވާހަކަ-

ފޭރާމަށް ސިހުރުޖެހޭތޯ؟  

މިސުވާލު އަޅުގަނޑު މިކުރަނީ އަޅުގަނޑޫ ލާން ގެންގުޅޭ ދެ ހެދުމެއް ލިމުން ތުރުތުރުއަލާފަދަ ގޮތެއްވާހެން ހީވާތީއެވެ. ހީވަނީއެއް ނޫނެވެ. ޔަޤީންވެއެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފޭރާމަށް ސިހުރުޖެހުން ތިއަ މާނަކުރަނީ ލާންގެންގުޅޭ ފޭރާމަށް ސިހުރުހެދީމާ ހެނދުލުން ލުމުން އެކަމުގެ އަސަރުކުރާކަމަށްވާނަމަ ތިއައީ މެދުވެރިވާ ކަމެކެވެ. ދެމީޙުން ދުރުކުރުވަންވެސް އަދި އެމީހަކާ ގުޅެން ބޭނުންވެގެންވެސް ތިއަބާވަތުގެ ކަންކަން ކުރެއެވެ. ތިރީގައި އެވަނީ ތިއަފަދަ ޙާދިސާއެއްގެ ވާހަކައެވެ.

މިޒަމާނުގައި މިފަދަ ކަމެއް ހިނގިކަމަށް ބުނުމުން ގިނަބައަކަށް ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. ނަމަވެސް މިކިޔައިދެނީ އަޅުގަނޑަށް ތަޖުރިބާކުރަން ޖެހުނު ކަމެއްގެ ވާހަކައެވެ.

ހެދުން ފެއްސީ ހަމަ ޢާންމުކޮށް ހެދުން ފައްސާ ތަނުންނެވެ. ފަހައިގެން ގެނެސް ދޮންނަންވެސް ދޮވުނީމެވެ. ހެދުން ލައިގެން އޮފީހަށް ދިއަ ދުވަހު އަޅުގަނޑަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއެވެ. ކޮންމެ ކަމެއްވެސް ކުރެވެނީ އަލުން ކުރަން ޖެހޭނެ ގޮތަށެވެ.

ހީކުރެވުނީ އެއީ މޫޑު ގޯސްވުމުން މެދުވެރިވާ ކަމެއް ކަމަށެވެ. މެންދުރުވާން ގާތްވެފައި ހުއްޓާ ގައިގައި ކަށިއަޅާހެންވެސް ހީވާން ފެށިއެވެ. މަސައްކަތްކުރަން އުނދަގޫވާވަރުވިއެވެ. އެހެން އިންދާ އޮފީހުގެ އެންމެ ދުވަސްވީ މުވައްޒިފް މެންދުރު ނަމާދުން ފައިބައިގެން އައިސް ގާތުގައި ހުއްޓިފައި ބުންޏެވެ. "ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން އަންނާށެވެ. ތިއަ ހެދުމުގައި ގޯހެއް އެބަ އުޅޭހެން ވަރަށް ބޮޑަށް ހީވެއެވެ."

އަޅުގަނޑު އިތުރު ސުވާލެއްވެސް ނުކުރަމެވެ. އޭނާއަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށްވުމުން އެފަދަ ބަހެއް ބުނާނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންކަން ޔަޤީންކުރެވޭތީއެވެ. އެހެންވެ އަވަހަށް ގެއަށް ގޮސް ފެންވަރައި ހެދުން ބަދަލުކޮށްގެން އައީއެވެ.

އެހިސާބުން ގައިހިރުވުންވެސް ހުއްޓިއްޖެއެވެ. މޫޑްވެސް ރަނގަޅުވެއްޖެއެވެ. ކަންކަންވެސް ރަނގަޅަށް ކުރެވެން ފަށައިފިއެވެ. އޮފީސ ނިމިގެން ގެއަށްދާން އުޅެމުން އެބޭބެ ގާތު އަހައިލީމެވެ. "މެންދުރު އެހެން ބުނުއްވީ ކީއްވެގެންތޯއެވެ؟"

އެބޭބެ ބުންޏެވެ. "ޚަދީޖާގެ ހެދުމުން އިތުރު ކަޅު ހިޔަންޏެއް ފެންނަހެން ހީވީއެވެ!"

އަނެއްދުވަހު އޮފީހަށް ދިއައީ ހެދުން ހިފައިގެންނެވެ. އެބޭބެއަށް ހެދުން ދީފައި މީހަކަށް ދައްކާލައިގެން ނަމަވެސް ހެދުމުން އެއްވެސް ކަމެއް ފެނޭތޯ ބަލައިލަ ދިނުން އެދުނީމެވެ.

އެއިގެ 2، 3 ދުވަސްފަހުންއެ ބޭބެ ހެދުން ގެނެސް ދެއްކިއެވެ. ބުރަކަށީގައި ޖެހޭނެ ގޮތަށް ވަރަށް ފަނޑުކުލައަކުން ކުޑަ އަކައެއް ކުރަހާފައި ހުއްޓާ ފެނުނެވެ. އަދި ހެދުން އަންދާލަން ބުނުމުން އަނދައިލީއެވެ.

ކަންބޮޑުވީވަރުން ވިސްނައިނުލެވުނު ކަމެއް އަތްދޮށުން ދިއައެވެ. އެއީ އެކަމެއް ކޮށްފައި އެވަނީ ފަހާތަނުންކަމެއް ގޭގައި ހިއްކަން އަޅާފައި ހުއްޓާ ނަގައިގެންކަމެއް ހޯދަން މަސައްކަތް ނުކުރެވުނީތީއެވެ. އެކަން ނުބެލުނީތީ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.

އެހެންވެ އެކަން އެނގޭތޯ ވަރަށް ގިނައިން ދުޢާކުރުމުން ފެނުނު ހުވަފެނުގައި ފެނުނީ ފަހާތަނުގައި ހިނގާފައިވާ ކަމެއް ކަމެވެ. އަދި އެކަންކުރީ ފަހާތަނުގެ މުވައްޒިފުންނާ ގާތް ގުޅުމެއް އޮންނަ މީހަކު އަޅުގަނޑުގެ ބޭނުމުގައި ކަމެވެ.

ހުވަފެނަށް އިތުބާރުކުރަން ބުނާކަށްވެސް ނެތީމެވެ. ނަމަވެސް މިއީ އަޅުގަނޑަށް މެދުވެރިވި ކަމަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިން ހޭލުންތެރިކުރުވުމުގެ ގޮތުން މިވާހަކަ ކިޔައިދިނީއެވެ.

 

- ސާމިރާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން