ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވެންއޮތް އެންމެ ފަސޭހަ މަގު-!: ޝައިޚް ޢަލީ ޙައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވެންއޮތް އެންމެ ފަސޭހަ މަގު-!: ޝައިޚް ޢަލީ ޙައްމުދާ

އަހުރެމެން މުސްލިމުން ގަދައަޅައި މަސައްކަތްކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ އަޅަކަށް ވުމަށެވެ. އެކަމަކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ ފަސޭހައިން ހޯދެން އޮތް ޢަމަލު ކުރުމުގައި ގިނަބައަކަށް ތިބެވެނީ ޣާފިލްވެގެންނެވެ. އެހެންކަމަށްވާނަމަ ދުނިޔެއާއި ޢާޚިރަތުގެ އުފާވެރިކަމަށް އެދެވޭނީވެސް ކިހިނަކުންހެއްޔެވެ؟ 

މީސްތަކުންނޭވެ! ރޭގަނޑުގެ ނިދި މަޙްރޫމްކޮށް، ލޯބިވާ، އޭނާއަށް އުފާވެރިކަން ލިބޭ ރީތި ބައިވެރިޔާ ދޫކޮށްލައި އެނދުން ތެދުވެ ރޭއަޅުކަންކުރާ އަޅުންނަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވަތެވެ. އެމީހުންނަށް ހިނިވަރުނަ ކުރައްވަވަތެވެ. 

މިދެއްކެނީ ކިހައި ވަރެއްގެ ބުރަދަންހުރި ކަމެއްގެ ވާހަކަކަން އެނގޭހެއްޔެވެ؟ މިދައްކަނީ އެންމެ ބުރަދަން ބޮޑު ކަންތަކުގެ ވާހަކައެވެ. އެކަން އެނގެނީ އިމާމް އަޙްމަދު ރިވާކުރައްވަވާފައިވާ ޙަދީޘްފުޅަކުންނެވެ. އެޙަދީޘްފުޅުން އެނގެނީ އެމީހަކާއިމެދު ﷲ ތަޢާލާ ހިނިވަރުނަކުރައްވަވައިފިނަމަ ޤިޔާމަތް ދުވަހު އެމީހާގެ ހިސާބު ބެއްލެވުމެއް ނެތް ކަމެވެ. ހިސާބު ބެއްލެވުމަކާއި ނުލައި ސުވަރުގެ ވައްދަވާނެ ކަމެވެ. 

މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ޙާޞިލްވާން އޮތީ ކޮންމެވެސް މިންވަރެއްގެ ބުރައެއް އުފުލައިގެންނެވެ. ރޭއަޅުކަންކުރުމަކީވެސް ބުރައެކެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއީ ބުރައެއް ނޫނެވެ. އިޚްލާޞްތެރިކަމާއިއެކު ރޭއަޅުކަންކުރަން، ތަހައްޖުދު ނަމާދުކޮށް ޛިކުރުކޮށް ދުޢާކުރަން ފަށައިފިނަމަ އެކަމަކީ ތިމާކުރާހިތުން ކުރާ އަދި ނުހަނު ލުއިފަސޭހަ ޢަމަލަކަށް ބަދަލުވެގެންދާނެއެވެ. އަދިވެސް ބުނަންހެއްޔެވެ؟ އެއީ އެކަންކުރަން ދެވިހިފާ ކަމެއްވެސްމެއެވެ. 

ޔަޤީންކަމާއިއެކު ބުނަން އޮތީ ތިމާއަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާނެ އަޅަކަށް ވެވުމަށްވުރެ ބޮޑު އުފަލެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އެބޮޑު އުފަލާއި އަޅުވައި ބަލައިފިނަމަ ރޭއަޅުކަންކުރުން ވެގެންދާނީ އެމީހަކަށް ކުރަން ނުހަނު ލުއި ފަސޭހަ ކަމަކަށެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން 

މިއަދު އޮންލައިން