ސުވަރުގެއިން 70 ޙޫރަލްޢީނުން ލިބުނަސް މަދުކަމަށް ބުނަމުން ބައިވެރިޔާއަށް ވަފާތެރިނުވާތަނުގަ ފާޙިޝް އަމަލުކުރުން ހައްދުން ނެއްޓީމަ ވަންނަންޖެހޭނީ ނަރަކައަށް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ސުވަރުގެއިން 70 ޙޫރަލްޢީނުން ލިބުނަސް މަދުކަމަށް ބުނަމުން ބައިވެރިޔާއަށް ވަފާތެރިނުވާތަނުގަ ފާޙިޝް އަމަލުކުރުން ހައްދުން ނެއްޓީމަ ވަންނަންޖެހޭނީ ނަރަކައަށް ނޫންތަ؟

ސުވަރުގެއަށް ވަދެވުމާއިއެކު ޙޫރަލްޢީނުން ދެއްވަވާނެ ވާހަކައިގެ އަޑުއިވޭއިރަށް ކޮންމެ މީހަކުވެސް ވިސްނަނީ ތިމާއަށް ދެއްވަވާނީ ކިތައް ޙޫރަލްޢީނުންކަމާއިމެދުގައެވެ. ދެއްވަވާނެ ޙޫރަލްޢީނުންގެ ޢަދަޑާއިމެދުގައެވެ. 2 އިން ނުފުދެއެވެ. 70 ދެއްވެވިޔަސް މަދުވެއެވެ. 

އެކަމަކު ޙޫރަލްޢީނުން ބޭނުންވާ މީހާ ދުނިޔޭގައި އުޅޭއިރު ކުރަން އަންގަވާފައިވާ ކަންތައް ނުކޮށެއް ނުހުރެވެއެވެ. ބެލުންތައް ތިރިއެއް ނުކުރެވެއެވެ. ފާޙިޝް ޢަމަލުތައް ނުކޮށެއް ނުހުރެވެއެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭ ނުކޮށްވެސް ނުހުރެވެއެވެ. 

މީސްތަކުންނޭވެ! އަތްލީމާ ހޫނު ނުވާނެ ގޮތަކަށް އަލިފާނަކު އަތެއް ނުލެވޭނެއެވެ! އަދި އަތަށް ލައިފިނަމަ ފިނި ނުވާނެ ގޮތަކަށް އަތަށް ގަނޑުފެނެއްވެސް ނުލެވޭނެއެވެ. 

ނަމަވެސް މިޘާލަކަށް ބުނާނަމަ ބޯ ރަނބަރު އަންގި ފަދަ އެއްޗެއް އަތަށް ލައްވައިފިނަމަ ފިނީގެ އަސަރު ނުކޮށްފާނެއެވެ. މިއީ ހަމަ ޙޫރަލްޢީނުން ބޭނުންވާ މީހުންވެސް ޢަމަލުކުރަން އޮތް ގޮތެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ، ބެލުން ހުއްދަ ނުކުރައްވަވާ ކަމެއް ފެނިއްޖެނަމަ އޮތީ ބެލުންތައް ތިރިކުރުމެވެ. ފާޙިޝް ޢަމަލެއް ކުރަން ހިތްއެދިއްޖެނަމަ އޮތީ ހިތުގެ އެއެދުމަށް ރަތްކާޑުދެއްކުމެވެ. ރަތްކާޑު ދައްކަންޖެހޭ ތަނުގައި ރަތްކާޑު ނުދައްކައި "ޕްލޭއޯން" ގައި ޢަމަލުކުރާނަމަ ސުވަރުގެއިން ޙޫރަލްޢީނުން ދެއްވަވާނެ ޢަދަދާއިމެދު ޚިޔާލުކުރަންވީ ކީއްކުރަން ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ސުވަރުގެއިން ހަތްދިހަ ޙޫރަލްޢީނުން ލިބުމުގެ ފުރުޞަތު އޮތްވާހަކަ ބުނިނަމަވެސް ހިތެއް ނުފުރެއެވެ. ތިއަ ބުނަނީ އަދިވެސް އިތުރަށް ބޭނުންވާ ކަމަށެވެ. އެކަމަކު ކައިވެނިކުރުމަށްފަހުގައިވެސް އުޅެނީ އުޅޭނެ ގޮތަކަށެވެ. ކުރަނީ ކުރާނެ ކަމެކެވެ. ބައިވެރިޔާއަށް ވަފާތެރިނުވާތަނުގައި ބެލުންތައް ތިރިކުރަން އެންގެވީމާ ކުރަނީ އިތުރެވެ. ފާޙިޝް އަމަލުކުރުން ހައްދުން ނައްޓާފައެވެ. 

ދެން ނިކަންބުނެބަލާށެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ ޙޫރަލްޢީނުން ދެއްވަވަނީ ސުވަރުގެ ވަދެވޭ މީހުންނަށެވެ. ސުވަރުގެ ވައްދަވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ އަޅުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ ބެލުންތައް ތިރިކޮށް ފާޙިޝް އަމަލުތައް ނުކުރަން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ފާފައެއް ކުރެވުނަސް އެކަމާއި ދެރަވެ، ހިތާމަކޮށް ތައުބާވެ ފާފުއްސަވައިދެއްވެވުމަށް އެދި ދަންނަވާ މީހުންނަށެވެ.  

އެހެން ނޫންނަމަ ވަންނަންޖެހޭނީ ނަރަކައަށް ނޫންހެއްޔެވެ؟ އެއިރުން ބައްދަލުކުރައްވާނީ ޢަޛާބްގެ މަލާއިކަތުން ނޫންހެއްޔެވެ؟ ވީމާ ޙޫރަލްޢީނުން ބޭނުންވެގެން އުޅޭ މީހުން މިކަންކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން