ލޯބިލިބުން އެދޭ މީހެއްގެ ކިބައިން ލޯބި ނުލިބިގެން ލިބޭ މާޔޫސްކަން ފިލުވަންވެސް މިސޫރަތް ކިޔަވާށެވެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ލޯބިލިބުން އެދޭ މީހެއްގެ ކިބައިން ލޯބި ނުލިބިގެން ލިބޭ މާޔޫސްކަން ފިލުވަންވެސް މިސޫރަތް ކިޔަވާށެވެ!: ޑރ. ޔާސިރު ޤާޟީ

މާޔޫސްކަން ލިބޭ ވަޤުތުތަކުގައި އެކަމުން ސަލާމަތްވާން އެންމެ ފަސޭހައިން ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުންވެސް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

މިސޫރަތް ބާވައިލެއްވެވުނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެން ހިތްޕުޅުދަތިޙާލުކޮޅުގައި ހުންނަވަނިކޮށެވެ. އެންމެ ބޮޑަށް މާޔޫސްވެވަޑައިގެން ހުންނަވަނިކޮށެވެ. އެއީ ބުނެވޭގޮތުން 6 މަސްދުވަހަށް ވަޙީ މެދުކެނޑިގެންދިއުމުންނެވެ.  

އެއިރު ކާފިރުން ބުނަމުން ގެންދިއައީ މުޙައްމަދު ގެ ކަލާނގެ އެކަލޭގެފާނު ދޫކޮށްލައްވަވައިފިކަމަށެވެ. އެކަންކަމުން ހިތްޕުޅަށް ލިބިވަޑައިގަންނަވަމުން ދިއަ އުނދަގޫފުޅުތައް ފިލައިގެން ދިއައީ އައްޟުޙާ ސޫރަތް ބައްލަވައިލެއްވެވުމުންނެވެ. އެސޫރަތުގައި ﷲ ތަޢާލާ ވަނީ ރަސޫލް ދޫކޮށް ނުލައްވަވާކަން ބަޔާން ކުރައްވަވައިފައެވެ. 

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ 

"ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ." (އައްޟުޙާ: 3)  

މިސޫރަތަކީ ހާސްވުމާއި ކަންބޮޑުވުމުގެ އަދި ހިތްދަތިކަމުގެ އެންމެ ބޮޑުފަރުވާއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށްވެސް އަދި ތިމާއަށް ލޯތްބާއި އަޅައިލުން ލިބެން ބޭނުންވާ މީހުންގެ ކިބައިން އެކަންކަން ނުލިބިގެން ލިބޭ މާޔޫސްކަން ފިލުވަން އެދިގެންވެސް މިސޫރަތް ކިޔަވާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! މިސޫރަތުން ލިބެންވީ ފިލާވަޅުތައް ވަރަށް ގިނައެވެ. ކޮންމެ ދުވަހަކީވެސް އައުދުވަހެކެވެ. ވީމާ އިއްޔެ ނުވަތަ މާޒީ އާއިމެދު ވިސްނައި ކަންބޮޑުވުމެއް ނެތެވެ. ސޫރަތް ފަށްޓަވަމުން " ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ." ވަޙީކުރައްވަވާފައިއެވަނީ އެސަބަބަށްޓަކައެވެ. އަދި ވިދިގެން " އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ." ވަޙީކުރައްވަވާފައި އެވަނީ ރޭގަނޑުވެ ހަމަހިމޭންވުމުން އެދުވަހު ހިނގައިދިއަ ކަންކަމާއިމެދު ވިސްނައި އިތުރަށް މާޔޫސްވުމުގެ ބޭނުމެއްކަން އަންގަވައިދެއްވެވުމަށެވެ.  

ވީމާ ހަމައެކަކުވެސް މާޒީވެދާ ދުވަހާއިމެދު ކަންބޮޑުވެ މާޔޫސްނުވާށެވެ! އަނެއްދުވަސް މުޅިން އައު ދުވަހެއްގެ ގޮރުގައި ފަށާށެވެ.  

އިއްޔެ ނުވަތަ މާޒީގައިވެފައިހުރި ކަންކަމަށް ވިސްނައި ތިމާއަކީ ބާކީވެފައިހުރި މީހަކު ކަމުގައި ނުދެކޭށެވެ. ތިމާއަކީ މުޅިން އައު ތާޒާވެފައިހުރި މީހެއްގެ ގޮތުގައި ދުވަސްފަށާށެވެ. 

ޔަޤީންކަމާއިއެކު ބުނަމެވެ. ހަަމ އެންމެ މުސްލިމަކުވެސް މުސްލިމެއްގެ ގޮތުގައި ސާބިތުކަމާއިއެކު ހުރިހާ ހިނދަކު ﷲ ތަޢާލާ އެމީހަކު ދޫކޮށް ނުލައްވަވާނެތެވެ. ވީމާ ކަމެއް ދިމާވުމުން މާޔޫސްވެ ތިމާ ބާކީވެއްޖެކަމަށް ހީވެސް ނުކުރާށެވެ! އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ.   

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން