އެކަނިވެރި މައިންނަށް ބަދަލުގަ ދެއްވަވާ ނިޢުމަތުގެ ބޮޑުކަމުން ހިތް ފުރިގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެކަނިވެރި މައިންނަށް ބަދަލުގަ ދެއްވަވާ ނިޢުމަތުގެ ބޮޑުކަމުން ހިތް ފުރިގެންދާނެ! އިން ޝާ ﷲ

ދިރިއުޅުމުގެ އެންމެ ބޮޑު އެއް ޙަޤީޤަތަކީ ކޮންމެ މީހަކީވެސް ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މީހަކުކަމެވެ. އެކިމީހުންނަށް ކުރިމަތިކުރައްވަވާނީ އެކިއެކި ކަންކަމެވެ. އުފުލަން ޖައްސަވާނީ ތަފާތު ތަކްލީފްތަކެވެ. 

އެއީ ކީއްވެގެންކަން އެބަ އެނގޭ ނޫންހެއްޔެވެ؟ ދުނިޔެއަކީ ސުވަރުގެއެއް ނޫނެވެ. ސުވަރުގެ ލިބުން އޮތީ ދުނިޔޭގައި ކުރިމަތިކުރައްވަވާ އިމްތިޙާންތަކުން ފާސްވެއްޖެނަމައެވެ. ފޭލްވާ މީހުންނަށް ހުރިތަނަކީ ނަރަކައެވެ. އަދި ދުނިޔެއަކީ މުއްމިނުންގެ ހުރަގެއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ ހަމައެކަނި ތަކްލީފްތައް ކުރިމަތިކުރައްވަވަނީއެއް ނޫނެވެ. އެކަންކަމުން ސަލާމަތްވެވޭނެ މަގުވެސް ދައްކަވަތެވެ. އަދި ސަލާމަތް ކުރައްވަވަތެވެ. ކޮންމެ ތަކްލީފަކާއިއެކު ރަހްމަތެއްވެއެވެ. ކޮންމެ ހިތްދަތިކަމަކާއިއެކު އުފާވެރިކަމެއްވެސް ވެއެވެ. ވީމާ ކަމެއް ކުރިމަތިވާއިރަށް ކަންބޮޑުވެ ހާސްވެގެން ތެޅިފޮޅިގަންނާކަށް ނުޖެހޭނެއެވެ. 

ކަމެއް ދިމާވާއިރަށް ހާސްވެ ތެޅިފޮޅިގަނެވެނީ ޤުރްއާނަށް އީމާން ނުވެވޭތީއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އިތުބާރު ނުކުރެވޭތީއެވެ. އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭނެވަރުގެ ތަކްލީފެއް ނުޖައްސަވާކަމަށް އޮތް ވަޙީ ބަސްފުޅަށެވެ. 

އަހުރެންގެ މިވާހަކަކޮޅު ޚާއްޞަކޮށްމިލަނީ ލޮބުވެތި ކަނބަލުންނެވެ. ކަނބަލުންގެތެރެއިންވެސް ގިނަ ދަރިންތަކަކާއިއެކު ނުވަތަ އެންމެ ދަރިއަކާއިއެކުގައި ނަމަވެސް އެކަނިވެރިވާންޖެހޭ ކަނބަލުންނަށެވެ. ދަރިން ދީފައި ބައްޕައިން ފިލުމުން ނުވަތަ ވަރިކޮށްލާފައި އެހީތެރިނުވުމުން ނިކަމެތި ޙާލުގައި އުޅެންޖެހޭ ކަނބަލުންނަށެވެ. 

ވިސްނާށެވެ! ތިއަ ނިކަމެތިކަން މިންވަރުކުރައްވަވާފައި އެވަނީ ތިބާއަށް އެތަކްލީފް އުފުލޭނެތީއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. ވީމާ ތިމާ އާއި ދަރިންކޮޅު ނިކަމެތިވެއްޖެކަމަށާއި ދެން އެހެން ގޮތެއް ނެތްކަމަށް ބަލައި ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ނުކުރާށެވެ! ޘާބިތުވެލާށެވެ! ބަދަލުގައި ދެއްވަވާ ނިޢުމަތުގެ ބޮޑުކަމުން ތިބާގެ ހިތް ފުރިގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން