ކޮންމެ ދުވަހަކު، ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ މެސެޖްތައް ދެއްވަވައެވެ! މަގުއޮޅި ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ އެކަންކަމަށް ކަނު، ބީރު މީހުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކޮންމެ ދުވަހަކު، ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ މެސެޖްތައް ދެއްވަވައެވެ! މަގުއޮޅި ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ އެކަންކަމަށް ކަނު، ބީރު މީހުން!: މުފްތީ މެންކް

ކޮންމެ ދުވަހަކުވެސް ތިމާގެ ގާތް އެތައް ބައަކު މަރުވެއެވެ. އެހެންވެސް އެތައް ބައަކު މަރުވެއެވެ. އެތައް ބައިވަރު މުއްސަނދިން ފަޤީރުވެއެވެ. އެތައް ބައިވަރު ފަޤީރުން މުއްސަނދިވެއެވެ. މިފަދަ ކޮންމެ ކަމަކީވެސް މީސްތަކުންނަށް އެމީހުންގެ ޢަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށް ދެއްވަވާ މެސެޖްތަކެވެ.

ކޮންމެ ދުވަހަކު މެސެޖްތައް ލިބެމުން ދިއަނަމަވެސް ވިސްނައި ޢަމަލުކުރަން އަވަސްވެނުގަނެވޭ ސަބަބަކީ ވަށައިގެން ހިނގާ ކަންކަމާއިމެދު ވިސްނައިނުލެވޭކަމެވެ. އެމެސެޖްތަކަށް ޣާފިލްވެވޭ ކަމެވެ. 

މިޘާލަކަށް އެކުގައި ކާރުގައިދަނިކޮށް އެކްސިޑެންޓަތައްވަނީއެވެ. އެއްބައަކު މަރުވެއެވެ. އަނެއް ބައަކު ވަރަށް ސީރިޔަސް ޙާލުގައި ސަލާމަތްވެއެވެ. އަނެއްބައަކަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެއެވެ. މިވާގޮތަކާއިމެދު ވިސްނައިލެވޭހެއްޔެވެ؟  

މިބަޔާންކުރި ކޮންމެ ކަމަކީވެސް ކޮންމެ ދުވަހަކުހެން ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ މެސެޖުތަކެވެ. ކޮންމެ ދުވަހަކީވެސް މީސްތަކުންނަށް ﷲ ތަޢާލާ ވަރަށް ގިނަ މެސެޖްތައް ދެއްވަވާ ދުވަހެކެވެ. މިދުނިޔެއަކީ އިންސާނުންގެ އަމިއްލަ މިލްކެއް ނޫން ކަމާއި އެންމެހައި އިންސާނުންނާއި މުޅި ދުނިޔެއާއި އަދި ކާއިނާތުގެ މިލްކުވެރިފަރާތަކީ ﷲ ތަޢާލާ ކަމުގެ މެސެޖްތަކެވެ. ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. 

ﷲ ތަޢާލާ މީސްތަކުންނަށް ނިޢްމަތްތައް މިންވަރުފުޅު ކުރައްވަވަނީ އެކަމަށްޓަކައި ޝުކުރުވެރިވެ ﷲ ތަޢާލާ ޢާއި އިތުރަށް ކުއްތަންވުމަށެވެ. ނަމަވެސް ނިޢްމަތްތައް އިތުރު ކުރައްވަވާ ވަރަކަށް މީސްތަކުން ޖެހެމުން ދަނީ ﷲ ތަޢާލާ އާއި ދުރަށެވެ. ޝުކުރުވެރިވުމުގެ ބަދަލުގައި އިތުރުކުރަނީ ނުބައި އަމަލުތައް ކުރުމެވެ. މީސްތަކުންގެ އަމަލުތަކުން ދައްކަނީ ޣާފިލުކަމާއި ޖައްބާރުކަމެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ނިޢްމަތެއް ނުލިބޭނެއެވެ. ވީމާ ދުނިޔޭގައިވެސް ލިބޭ ކޮންމެ ނިޢްމަތަކީ ހަމަ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. ﷲ ތަޢާލާ ނުދެއްވަވާ އެއްވެސް ނިޢްމަތެއް ޙާޞިލުކުރެވޭނެ އެއްވެސް މީހަކު ނުވެއެވެ. ހިތާމައަކީ މިކަންކަން ހުރިހާ މުސްލިމުންނަށްވެސް ވަރަށް ރަނގަޅަށް އެނގިތިބެމެ އެނގޭކަން ޢަމަލުތަކުން ނުދެއްކޭ ކަމެވެ. 

ޝުކުރުވެރިވުން އިތުރުކުރާށެވެ! ނުލިބި ހުރި މަދު ކަންކަމުގެ ބަދަލުގައި ދެއްވަވާފައިވާ ގިނަ ނިޢްމަތްތަކާއިމެދު ވިސްނައި ޝުކުރުވެރިވުން އިތުރުކުރާށެވެ! ޝުކުރުވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަކީ ތަޤްވާވެރިވުން އިތުރުކުރުމާއި ތައުބާވުން ގިނަ ކުރުމެވެ. ވީމާ ފުރިހަމަ ތައުބާއަކުން ތައުބާވެ، ޝުކުރުވެރިވާ، ތަޤްވާވެރިއެއްގެ ގޮތުގައި މެނުވީ މަރުނުވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން