މިނިކާ ކުއްތާއަކާއި ގެރިއެއް ވާހަކަ ދެއްކި ޙާދިޘާ-

ކިޔުމަށް ހޭދަވާނީ 2މ 3ސ
މިނިކާ ކުއްތާއަކާއި ގެރިއެއް ވާހަކަ ދެއްކި ޙާދިޘާ-

ޢަލީ އިޙްޞާން ފިރާޤް

 

އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ފަތިސްނަމާދުން އަވަދިވެވަޑައިގެން މީސްތަކުންނާ ކުރިމަތިލައްވައި ޙަދީޘް ކުރެއްވިއެވެ. އެއްފަހަރަކު ގެރިއެއް ގޮވައިގެން ދިޔަ މީހަކު ކުއްލިއަކަށް އޭގެ ބުރަކަށި މައްޗަށް ސަވާރުވެއްޖެއެވެ. އެގެރި އޭނާއާ ދިމާއަށް ބަލާލުމަށްފަހުގައި ބުންޏެވެ. [ތިމަން ޚަލްޤުކުރެވުނީ ތިޔަކަން ކުރާކަށް ނޫނެވެ. ތިމަން ޚަލްޤުކުރެވުނީ ދަނޑުތަކުގައި މަސައްކަތްކުރުމަށެވެ.] މިއަޑު އައްސަވާ އެތަނުން ބޭކަލަކު އަޖައިބުވެގެން ވިދާޅުވިއެވެ. [سبحان الله! ގެރިއެއް ވާހަކަ ދެއްކީއެވެ.] ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [އެކަމަށް ތިމަންކަލޭގެފާނު ހެކިވަމެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުވެސް ހެކިވެވަޑައިގަންނަވައެވެ.] އޭރު އެތަނުގައި ޢުމަރުގެފާނާއި އަބޫބަކުރުގެފާނެއްނެތެވެ.

އަނެއްކާވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. ބަކަރިގޮތްވަކު އޭނާގެ ބަކަރިތައް ހުއިހައްޕަން އުޅެނިކޮށް އެތަނަށް މިނިކާކުއްތާއެއް އައިސް އެތަނުން ބަކަރިއެއް ޖަހައިގަނެގެން ދުއްވައިގަތެވެ. އޭނާ، އެސޮރު ފަހަތުން ދުވެފައިގޮސް އެބަކަރި ސަލާމަތްކުރިއެވެ. އެވަގުތު މިނިކާކުއްތާ ބުންޏެވެ. [ކަލޭގެ ތިމަންގެ ކިބައިން އެބަކަރި ސަލާމަތްކޮށްފީމުތާއެވެ. ބަލަގަ އަހަރެމެން މިނިކާ ޖަނަވާރުތަކުގެ ދުވަހުގައި (ޤިޔާމަތުގެ އަލާމާތަކާއި ފިތުނަތައް ފާޅުވެގެންދާ ދުވަސްތަކުގައި) އޭތި ސަލާމަތް ކުރާނީ ކާކުހެއްޔެވެ؟ އެދުވަހަކުން ހަމަގައިމުވެސް ބަކަރި ހުއިހައްޕާ މީހަކު ކައިރީގައެއް ނުހުންނާނެއެވެ.]

 

މިއަޑު އައްސަވާ އެތަނުން ބޭކަލަކު އަޖައިބުވެގެން ވިދާޅުވިއެވެ. [سبحان الله މިނިކާ ކުއްތާއެއް ވާހަކަ ދެއްކީއެވެ.] ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް  ކުރެއްވިއެވެ. [އެކަމަށް ތިމަންކަލޭގެފާނު ހެކިވަމެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުވެސް ހެކިވެވަޑައިގަންނަވައެވެ.] އޭރު އެތަނުގައި ޢުމަރުގެފާނާއި އަބޫބަކުރުގެފާނެއްނެތެވެ. { البخاري (ت ٢٥٦)، صحيح البخاري ٣٤٧١}

 

 

 

 

މިއަދު އޮންލައިން